ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑުރައިވަރަކު ވެއްޓި ހިނގި ހާދިސާ ސިއްރު ކުރުމަށް ވެމްކޯ އިން މަސައްކަތް ކުރި ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަން ބިތުފަންގި އަށް ކަށަވަރު ވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެންދަމު 3:00 އެހައިކަންހާއިރު ޑިއުޓީ ގަޑީގައި ވެއްޓި އަނިޔާވެގެން ފަރުވާ ދެމުން ގެންދަނީ އެ ކުންފުނީގެ ޑްރައިވަރެއް ކަމަށްވާ ހަސަން ނަޒީރު އަށެވެ. އޭނާ އަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭ ކަމަށް ޢާއިލާ އިން ބުނެއެވެ.
ހާދިސާ ހިނގި ތަނުގައި ތިބި ވެމްކޯގެ މުވައްޒަފުން ބިތުފަންގި އަށް މިރޭ ކިޔައިދިން ގޮތުގައި ނަޒީރު ވެއްޓެން ދިމާވީ މަސައްކަތް އަވަސްކޮށްލަން އުޅެން ހަދައިގެން އަމިއްލައަށް ހެދި ގޯހަކުން ކައްސާލައިގެންނެވެ.
”ބައެއްފަހަރު ވެހިކަލްތެރޭގައި ތިބެގެން ފޮށިގަނޑުގެ އަރިމަތީގައި ހިފަހައްޓައިގެން ތިބެ އަހަރެމެން މަސައްކަތް ކުރަން. އެއީ ރިސްކެއް. ވާގޮތަކީ ބަތާއި ރިހައާއި މިޒާތުގެ އެއްޗެހީގެ ދިޔަ ހުންނައިރު ކައްސާވެސް ލަފާނެ. އޭނަ (ޑްރައިވަރު ނަޒީރު) އަށް ވީ އެހެން” ނަން ހާމަކުރަން ނޭދޭ ، ނަޒީރު އާއި އެކު އެރޭ ހުރި މީހަކު ކިޔައިދެއްވިއެވެ.
ބިތުފަންގި އަށް މަޢުލޫމާތު ދިން މުވައްޒަފުންގެ ވާހަކަ ތަކާއި ވެމްކޯގެ މެނޭޖްމެންޓުގެ ވާހަކަތައް ވެސް ދިމާވެއެވެ. މީޑިއާ އޮފިޝަލް ޝުއާއު ޙަނީފް ވިދާޅުވީ ހަސަން ނަޒީރަކީ ޑްރައިވަރެއް ކަމަށާއި އުޞޫލުގެ ގޮތުން ޑްރައިވަރުކަން ފިޔަވައި އިތުރު މަސައްކަތެއް ކުރަން ނަޒީރަށް އަންގާފައެއް ނުވާނެ ކަމަށެވެ. އަދި ނަޒީރު ކައްސާލައިގެން ވެއްޓެން ދިމާވީ ޕްރޮޓޮކޯލްގައި އޮންނަ ގޮތާއި ޚިލާފަށް ކަންކަން ކުރުން ކަމަށާއި، ނަޒީރުގެ ބޭސްފަރުވާގެ ކަންކަން ވަރަށް ގާތުން، ވަރަށް ރަނގަޅަށް ވެމްކޯ އިން ބަލަމުން އަންނަ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އެއްވެސް ކަމެއް ސިއްރު ކުރާކަށް ވެމްކޯ އަކުން އެއްވެސް މީހަކަށް ނާންގާ ކަމަށް ވިދާޅުވިއެވެ. ޝުއާއު މިހެން ވިދާޅުވީ ބައެއް މީޑިއާ ތަކުން ވެމްކޯއިން މި ހާދިސާ ސިއްރުކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ޚަބަރު ފަތުރާތީއެވެ.
”މުވައްޒަފަކަށް އަނިޔާ ވާއިރަށް އެ މަޢުލޫމާތެއް ވަގުތުން މީޑިއާ އަށް އަޅުގަނޑުމެން ހާމައެއް ނުކުރަން. އެހެންނަމަވެސް އެއްވެސް މީޑިއާ އަކުން މަޢުލޫމާތު ހޯދަން ގުޅައިފި ނަމަ އަޅުގަނޑުމެން އެ މަޢުލޫމާތެއް ބަރާބަރަށް ފޯރުކޮށްދެން… ކުނި ބޭލުމާއި ސާފުކުރުން އެއީ އުޞޫލެއްގެ ގޮތުން ޑުރައިވަރު ކުރަން ޖެހޭ ކަމެއް ނޫން. ޑްރައިވަރު އުޅުނީ އަވަހަށް މަސައްކަތް ނިންމަން ވެގެން. … އެކި ޒާތުގެ ކުނި އަޅާފައި ހުންނަ އިރުގައި ވެޓްވޭސްޓްވެސް ހުންނާނެ ނޫންތޯ.. މުވައްޒަފު ވެހިކަލުން ފައިބައިގެން އައިސް ސައިޑެއްގަ ހުރެގެން ލޮކުު ނައްޓާލާފަ އަނެއް ސައިޑަށް ދާން އުޅުމުގެތެރޭގައި ކައްސައިލީ … އަނެއްކާ މިދުވަސްވަރަކީ (ފްރެޝްކުރުމަށް) ތަމްރީނުތަކެއް ވެސް ދެމުން އަންނަ ދުވަސްވަރެއް.. މި ހާދިސާ ސިއްރު ކުރާކަށް ވެމްކޯއިން އެއްވެސް މަސައްކަތެއް ކުރާކަށް ނޫޅޭ. އެފަދަ ސަބަބެއް ވެސް ނޯންނާނެ… ދެން ތިވިދާޅުވާ ހެލްމެޓަކީ ޑްރައިވަރު އަޅައިގެން އުޅޭ އެއްޗެއް ނޫން. އެކަމަކު ކުނި އަރުވައި ބާލައި ހަދާ މުވައްޒަފުންނަށް ހެލްމެޓުތައް ވެސް ހުންނާނެ…” ޝުއާއު. ވިދާޅުވިއެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ތިލަފުށީގެ ވެމްކޯގެ ސައިޓުގައި މިފަހުން ހިތާމަވެރި ހާދިސާއެއް ހިނގައި މުވައްޒަފެއްގެ ފުރާނަ ވެސް ވަނީ ގޮސްފައެވެ. އެ މައްސަލައިގެ ތަޙްޤީޤަށް ވެމްކޯގެ ޑުރައިވަރަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ވެމްކޯ އަކީ މަސައްކަތު ގަޑީގައި މުވައްޒަފުންނަށް ދިމާވާ ޞިއްޙީ ކަންކަމުގައި ވަރަށް ބަރާބަރަށް އެކްޝަން ނަގާ ކުންފުންޏެއް ކަން ފާހަގަ ކޮށް ޝުއާއު ވިދާޅުވީ އަތޮޅުތެރޭގައި މިފަހުން ހިނގި ހާދިސާއެއްގައި އިތުރު ފަރުވާ ބޭނުންވާތީވެ ޑޮކްޓަރުންގެ އިރުޝާދާއި އެކު މާލެ ގެނައި ކަމަށާއި އަދި އެއަށް ފަހު ރާއްޖެ އިން ބޭރުން ފަރުވާ ދީގެން މުވައްޒަފުގެ ޙާލު ރަނގަޅުވެ ވަރަށް އަވަހަށް ވަޒީފާ އަށް ނުކުންނާނެ ކަމަށެވެ.
