ރޭ ބިތުފަންގިން ފަށާފައިވާ އޮންލައިން ސާވޭއަކުން ދައްކާ ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްފަހަރާ ބޭއްވުމަށް ގިނަ ރައްޔިތުން ދެކޮޅު ހަދަމުންދާ ކަން ހާމަވެއްޖެއެވެ.
ބިތުފަންގީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ފެށި މި ސާވޭގެ ފުރަތަމަ 6 ގަޑިއިރުތެރޭގައި އެއްކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، އެ ވަގުތާއި ހަމަޔަށް ސާވޭގައި ބައިވެރިވި 200 މީހުންގެެ ތެރެއިން 165 މީހުން ބުނީ ދެއިންތިޚަބު އެއްކޮށްލާކަށް ނުފެންނަ ކަމަށެވެ. ދެ އިންތިޚަބު އެއްފަހަރާ ކުރިއަށް ގެންދިއުމަށް ތާއީދު ކުރަނީ 35 މީހުންނެވެ.
2008 ވަނަ އަހަރަށް ފަހު ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތަށް އައި ބަދަލާއި އެކު ގާއިމްކޮށްފައިވާ ދުސްތޫރީ މާއްދާތަކުގެ ދަށުން ރިޔާސީ އިންތިޚާބައި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވަމުން އަންނަނީ ވަކިވަކިންނެވެ.
ދެ އިންތިޚާބު ވަކިވަކިން ބޭއްވުމާއި ބެހޭ ގޮތުން ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ތަފާތު މަޝްވަރާތައް ކުރަމުން ދެއެވެ. މިކަމަށް ތާޢީދުކުރާ ފަރާތްތަކުން ބުނަނީ ދެ އިންތިޚާބު އެއްފަހަރާ ބޭއްވުމުން ދައުލަތުގެ ޚަރަދު ކުޑަވާނެ ކަމަށާއި ސިޔާސީ ހަލަބޮލިކަން ވެސް ކުޑަވާނެ ކަމަށެވެ. މީގެ އިތުރުން ދެއިންތިޚާބު އެްކޮށްލުމުން ވޯޓުލާ މީހުންގެ ޢަދަދު ވެސް އިތުރުވެދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ. ޙަޤީޤަތަކީ ވެސް މިއެވެ.
މިކަމަށް ދެކޮޅު ހަދަމުންދާ މީހުން ދެކޭ ގޮތުގައި ބޮޑު ދެއިންތިޚާބު އެއްކޮށްލުން ގޯހެވެ. އެކަމުގައި އެންމެ ބާރަށް ވަކާލާތު ކުރަނީ އިދިކޮޅު އެމްޑީޕީންނެވެ.
