ހުޅުމާލެ ފޭސް 2 އިން އަލަށް ހަވާލުކުރި އަމާން ދޯދި އަދި އުދަރެސް ފްލެޓްތަކުގެ ރައްޔިތުންނަށް މޯބައިލް ޚިދުމަތެއް ނުލިބޭ މައްސަލަ ބޮޑުވެއްޖެއެވެ.
ސަރުކާރުން ފުލެޓު ދީފައި އެތަނުން އިންޓަނެޓް ރަނގަޅަށް ނުލިބޭ ނަމަ މިފަދަ ޒަމާނެއްގައި އެއީ އެ ފުލެޓުތަކަށް ކަރަންޓާއި ފެން ނުލިބުން ފަދަ ކަމެކެވެ.
ބިތުފަންގި.ކޮމް އިން ކުރި ސާވޭ އިން 100 ޕަސަންޓް ރައްޔިތުން ތިބީ މި މައްސަލައިގައި ބެލެނެވެރި ފަރާތް ދެކެ ހެސްކިޔާފަ ރުޅި އައިސްފައެވެ.
“ރައީސެކޭ ނުބުނަން. ހަމަޔާއި އިންސާފަށް ވާހަކަ ދައްކަމާ ދޯ… ސަރުކާރުން ދީފައިވާ ލައިސަންސަކުން ދިރާގުން މުވާޞަލާތީ ޚިދުމަތް ދޭން ފެށީ. އަދި ވަޠަނިއްޔާ އިން ވެސް. ފަހުން އުރީދޫ އޭ ކިޔަސް… ބަރާބަރަށް ސިގުނަލް ފޯރުކޮށްދިނުން އެމީހުންގެ މައްޗަށް އޮންނަނީ ލާޒިމް ކޮށްފަ. ދިރާގާއި އުރީދޫގެ މައްޗަށް އެބަހުރި ބެލެނެވެރި މުއައްސަސާއެއް. މުއައްސަސާތަކުން ކުންފުނިތައް ބަރާބަރަށް ރެގިއުލޭޓެއް ނުކުރެވޭ ތަން މިފެންނަނީ. އެހެންޏާ މިދެން ކިހާ ބޮޑު އުނދަގުލެއް. އެތަނަށް (ޓަވަރަށް / އެޕާޓްމަންޓަށް) ވަނިއްޔާ ނެޓްވޯކެއް ލިބެނީއެއް ނޫން.. ކުރީ ސަރުކާރުގެ މައްސަލައެކޭ ކިޔައި ފަރުޖެއްސޭނެ ކަމެއް ނޫން މިއީކީއެއް. ރައްޔިތުން އެންމެ މަހަކު ބިލް ނުދެއްކިޔަސް އެމީހުން (ދިރާގު، އުރީދޫ) އެބަ ކަނޑާލާ ފޯނުބިލް. އެކަމަކު ޚިދުމަތެއް ނުދެވޭ”
ސަރުކާރުން މި ފަހުން ދޫކުރި އަމާން ދޯދި އަދި އުދަރެސް ފްލެޓްތަކަށް އިންތިހާ އަށް ނެޓްވޯކް މައްސަލަ ދިމާވާތީވެ އެކަމާއި މެދު ހިތްހަމަނުޖެހި މާޔޫސް ވެފައިވާ މީހަކު ބުންޏެވެ.
ނެޓްވޯކް ދަށްވެ، އިންޓަނެޓްގެ ސިގްނަލް ނުލިބޭތީ، ދުވަހުން ދުވަހަށް ކުރަން ޖެހޭ އެތައް ކަމެއް ވަނީ ޑިލޭ ވެފައެވެ. ކުދިންގެ ކިޔެވުމާއި ބޭންކިން އަދި ކުއްލި މުއާމަލާތްތަކަށް ވަނީ މީހުން ރުޅި ހަދަވާ ވަރަށް އަސަރުކޮށްފައެވެ.
އެތައް ހާސް އާ ރައްޔިތުންނެއް ފޭސް 2 އަށް ބަދަލުވި ނަމަވެސް މުވާސަލާތީ އިންފްރާސްޓްރަކްޗަރ އެއް މިންވަރެއްގައި ނުހިފެހެއްޓި، ރައްޔިތުން ބުނާ ގޮތުގައި އެކަށީގެންވާ ރަނގަޅު ޕްލޭނިންގ އެއް ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އުރީދޫ މޯލްޑިވްސް އާއި ރާއްޖޭގެ މައިގަނޑު ޓެލެކޮމް ޕްރޮވައިޑަރު ދިރާގަށް ވެސް އެކަށީގެންވާ ކަވަރޭޖެއް ކަށަވަރު ނުކުރެވުމުގެ ތުހުމަތު މިމައްސަލައިގައި މީހުން ދަނީ ކުރަމުންނެވެ.
މުވާޞަލާތަކީ އަސާސީ ޚިދުމަތެކެވެ. ސަރުކާރަށް މިކަން ފަސޭހައިން ރަނގަޅު ކުރެވޭނެއެވެ.
މުވާޞަލާތީ ކުންފުނިތަކުން ޓަވަރުތަކުގައި އެންޓެނާ ނުވަތަ ސިގްނަލް ބޫސްޓަރުތސއް އިންސްޓޯލް ކުރުމަށް ސަރުކާރަށް މަޖުބޫރު ކުރެވިދާނެއެވެ.
