ތިލަފުށީގެ ވެމްކޯ ސައިޓުގައި ވަޒީފާ އަދާކުރި އުމުރުން 24 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަމީން މިއާގެ މަރުވެފައިވާ ހަށިގަނޑު ފެނުމުން، އަހަރެމެންގެ މިރާއްޖޭގައި ވަޒީފާ އަދާކުރާ މީސްމީހުން އުޅޭ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ބޮޑެތި އިތުރު ސުވާލުތަކެއް އުފެދިއްޖެއެވެ.
މިއީ އާ ކަމެއް ނޫނެވެ. އެންމެ ފުރަތަމަ މިފަދަ ކަމެއް ތިލަވީ ހިންމަފުށިން މީގެ ޒަމާންތަކެއް ކުރިން “ހައްވާއްތާ ކުނިކަހަން އުޅެނިކޮށް އޭނާގެ ކަރުގައި އޮތް ފަށެއް ނަގައި އޭނާ އަށް ހެދިއެއްޗެއް ހަދައި މަރައިލި ހާދިސާއެވެ. ބުނެވޭ ގޮތުގައި އެކަން ކުރީ މިހާރުގެ އައްސޭރި ޖަލުގައެވެ. އޭގެފަހުން ދެން މިފަދަ ކަމެއް ހިނގީ މަލޭގައި ހުންނަ ޤައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރޭގައެވެ. އެފަހަރު މަރައިލީ އަޒްލީނާ ކިޔާ އަންހެނެކެވެ. އަޒްލީނާގެ މަރުގެ މައްސަލައިގައި އެ ކުށުގައި ބައިވެރިވި މީހުންގެ އިޢުތިރާފުން ޖަލުޙުކުމެއް ކޮށް، މިހާރު އެ އެންމެން މިނިވަން ވެއްޖެއެވެ. އެހެންކަމުން، މަސައްކަތުގެ މާޙައުލުގައި މީހުން މެރުން އެއީ ރާއްޖޭގައި މިހާރު އާ ކަމެއް ނޫން ކަން އެބަ އެނގެއެވެ. ކިތަންމެ ސެކިއުރިޓީ “ހައި” އޭ ބުންޏަސް، އެއީ ދޮގެއްކަން އެބަ އެނގެއެވެ.
އަމީން މިއާގެ މި ތަހުގީގީ ރިޕޯޓަކީ khulaasaa.com އިން ފުރަތަމަ ރިޕޯޓްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ލިބިފައިވާ ޙަޤީޤަތްތަކުގެ އިތުރު ތަޙުލީލުތަކާއެކު އެކުލަވާލާފައިވާ ރިޕޯޓެކެވެ. ޚުލާސާ ނޫހުގައި 28 ޖަނަވަރީ 2026 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި “ތިލަފުށީގައި މަރާލާފައި އޮތް މީހަކު ފެނިއްޖެ’ މި ސުރުޚީގެ ދަށުން ޚަބަރެއް ލިޔެފައި ވެއެވެ. ނަމަވެސް އޭގެ ފަސްމިނެޓް ނުވަނީސް ޚުލާސާ ނޫހުގެ ފޭސްބުކް ޕޭޖުންނާއި ޓެލެގުރާމް ޗެނަލުން އެ ޚަބަރު ޑިލީޓް ކޮށްލިއެވެ. ނަމަވެސް ވެބްސައިޓުގައި އެރޭ (ރޭ / 28 ޖަނަވަރީ 2026) 11 ޖެހި އިރުވެސް އެ ޚަބަރު ޑިލީޓް ނުކޮށް ހުރިކަން ފާހަގަ ކުރެވެއެވެ. އެނގިފައިވާ ގޮތުގައި (ފަހުން) ޚުލާސާ.ކޮމް އިން އެ ޚަބަރު އެއްކޮށް ޑިލީޓް ކޮށްލީ އެއީ ތަޙްޤީޤު ކުރަމުންދާ ބޮޑު މައްސަލައަކަށް ވާތީވެ، ރަސްމީ ފަރާތެއްގެ ބަހެއް އޭރު އެ ނޫހަށް ލިބިފައި ނުވާތީ އާއި، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑު ޙިމާޔަތް ކުރުމުގެ ގޮތުން ކަމަށް އެ ނޫހުގެ އިސް ވެރިޔަކު ބިތުފަންގި.ކޮމް އަށް ރޭ ކިޔައިދިނެވެ.
އަމީން މިއާ ގެއްލުނީ ހޯމަ ދުވަހު، ވެމްކޯގެ ވޯކްސައިޓްގައި ބޭއްވި ރޫޓިން ސްޓާފް ބްރީފިންގައި ވެސް ބައިވެރިވުމަށް ފަހު ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ވަޒީފާ އަދާކުރި ހަމަ އެތަނާއި ވަރަށް ގާތުން (ގުޅިފައިވާ ތަނެއް ކަމަށްވާ) ތިލަފުށީ ކުނިކޮށީ ގައި ފޮރުވާފައި އޮއްވައި ކަމަށް ވެއެވެ.
ކަމާބެހޭ ފަރާތްތަކުން އޭނާގެ ވަނަވަރާއި މަރު އާންމުކޮށް ކަށަވަރު ކޮށްދީފައި ވާއިރު، އިތުރު ތަފްޞީލުތައް ހާމަ އެއް ނުކުރެއެވެ.
މީޑިއާތަކަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަމީން މިއާގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުއްޓެވެ. ލެއިން މީހާ އޮތީ ތަތްތެޅިފައެވެ. ބަނޑުގެ ކަނާތްފަރާތުގައި ޒަޚަމެއް ހުރުމުންނާއި، ކުނިތަކުގެ ތެރޭގައި ވަޅުލައި ފޮރުވާފައި އޮތުމުން، އޭނާގެ މަރަކީ ޤުދުރަތީ ކަމެއް ނޫންކަން ހާމަވެއެވެ.
ތަޙްޤީޤަށް އަހުލުވެރި މަސްދަރުތަކުން ބުނާ ގޮތުގައި އަމީން މިއާގެ މަރުގެ ފަހަތުގައި އެ ސަރަޙައްދުގައި މަސައްކަތް ކުރާ އެކްސްކަވޭޓަރަކާއި ގުޅުމެއް އޮވެދާނެއެވެ. މިމަޞްދަރުތަކުން ބުނާގޮތުގައި، މިހާދިސާއަށްފަހު، އެ ހަށިގަނޑު ކުނިތަކުގެ ތެރެއަށް އެއްލާފައިވަނީ ކަން ހިނގާދިޔަގޮތް ފޮރުވަން ކަމަށް ވަނީ ބުނެފައެވެ.
ވެމްކޯ އިން ވެސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވެސް މިކަމުގައި ތަފްޞީލެއް ނުދެއެވެ.
