ރާއްޖޭގެ މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ.
ބޭނުންކުރެވޭ ރިޒާވް ނުވަތަ ‘ޔޫސަބަލް ރިޒާވް’ އަކީ ރަސްމީ ރިޒާވުން ކުރިއަށް އޮތް އަހަރު ދުވަހު ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް ކެނޑުމަށްފަހު، ވަގުތުން ބޭނުންކުރަން ހުންނަ ފައިސާގެ އަދަދެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 1.03 ބިލިއަން ޑޮލަރުގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރަސްމީ ރިޒާވް ބިލިއަން ޑޮލަރުގެ އިން ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 983 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 4 އިންސައްތައިގެ ކުރިއެރުމެކެވެ.މީގެ ކުރިން ރާއްޖޭގެ ރަސްމީ ރިޒާވް ބިލިއަން ޑޮލަރުން މަތީގައި ހުރީ 2020 ވަނަ އަހަރުއެވެ.
2020 ވަނަ އަހަރު ރިޒާވް މަތިވީ ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ ބޭނުންކުރުމުންނާއި، އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑުގެ ސަބަބުންނެވެ.ރަސްމީ ރިޒާވަށް އައި މި ހެޔޮ ބަދަލާއެކު، ބޭނުންކުރެވޭ ރިޒާވަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
