ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ޖިންސީ ގުނަވަން ބުރިކުރަން ކަޒަކިސްތާނުގައި މަޝްވަރާ ކުރަން ފަށައިފިއެވެ.
ޖިންސީ ގޯނާގެ މައްސަލަ ތަކުގައި ހައްޔަރުކުރާ މީހުންނަށް މިހާރު އެ ޤައުމުގައި ދޭ އަދަބަކީ އެދުންވެރިކަމުގެ ހޯމޯންސް ދަށްކުރުމަށްޓަކައި ބޭސް ދިނުމެވެ. މިގޮތަށް ބޭސް ދޭން ފެށީ 2018 ވަނަ އަހަރުން ފެށިގެންނެވެ.
2010 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި 491 މައްސަލަ ރިކޯޑުކޮށްފައި ވާއިރު، 2014 ވަނަ އަހަރު އެޤައުމުގައި 943 މައްސަލަ ރެކޯޑް ކުރެވުނެވެ. ރޭޕް ކުރާ މީހުންގެ ޖިންސީ އެދުންވެރިކަން ދަށްކުރަން ބޭސް ދޭން ފެށީ މި ސަބަބާއި ހެދިއެވެ.
ނަމަވެސް މިހާރު ރޭޕިސްޓުންގެ ޖިންސީ ގުނަވަން ބުރިކުރުމާއި ގުޅޭ ގޮތުން އެ ޤައުމުގައި ވާހަކަތައް ދައްކާ ސަބަބަކީ، ބޭސް ދީގެން ވެސް މި ޖަރީމާތައް ނުހުއްޓޭތީއެވެ.
އެ ޤައުމުގައި 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 200 އަށް ވުރެ ގިނަ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާއިރު، އޭގެ ތެރޭގައި ރޭޕްގެ ދިހަވަރަކަށް ހާދިސާ ހިމެނެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ނުވަތަ ރޭޕްކުރާ މީހުންގެ ޖިންސީ ގުނަވަން ބުރިކުރުމަށް ކަޒަކިސްތާނުގެ ރައްޔިތުން ސަރުކާރަށް ޕްރެޝަރު ކުރަމުންދާއިރު، އެފަދަ ގުނަވަންތައް ބުރިކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން މަނާ ކޮށްފައިވާ ކަމެކެވެ.
