އެމެރިކާ އިން އީރާނަށް ބިރުދައްކަމުންދާ ދަނށިވަޅެއްގައި ރަޝިޔާ އާއި، ޗައިނާ އަދި އީރާނުން ޚޮރްމުޒް ކަނޑުއޮޅީގައި ޙަރަކާތްތެރިވާން ފަށައިފިއެވެ. ރަޝިޔާ އަކީ ދުނިޔޭގައިވާ އެންމެ ބޮޑު ނިއުކްލިއާ ބާރެވެ. އަނެއްކޮޅުން ޗައިނާ އަކީ އަނެއް ބާރެވެ.
އެމެރިކާގެ މަނަވަރުތައް އީރާނުގެ ކަނޑުގެ ސަރަޙައްދަށް ވަނުމަށް ފޮނުވާފައިވާއިރު، ރަޝިޔާ،ޗައިނާ އަދި އީރާނުން ބުނީ ޚޮރްމުޒް ސަރަޙައްދުގައި އެ ޤައުމުތަކުގެ މަނަވަރުތައް ހަތިޔާރާއި އެކު ޙަރަކާތްތެރިވާން ފަށަފައިވާ ކަމަށެވެ.
ރަޝިޔާއިން އިސްނަގައި ދުނިޔޭގެ ކަނޑުތަކުގައި ބާރުތައް ގަދަކުރަމުންދާއިރު “ވިލް ފޯ ޕީސް 2026” ގެ ނަމުގައި ބްރިކްސްގެ ފުރަތަމަ ނޭވަލް އެކްސަސައިޒް ވެސް ވަނީ ބާއްވާފައެވެ. އެއީ ހުސްވި ޖެނުއަރީ މަހު ސައުތު އެޓްލާންޓިކްގައެވެ. މި ޙަރަކާތުގައި ރަޝިޔާ، ޗައިނާ، އީރާން، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ދެކުނު އެފްރިކާ ބައިވެރިވިއެވެ.
މެދުއިރުމައްޗަށް އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެމަނަވަރެއް ގޮސްގެން އުޅޭއިރު އީރާނުން މަސައްކަތް ކުރަމުންދަނީ އެމެރިކާ އާއި މަޝްވަރާ ކޮށްގެން ޞުލްޙަ ވެވޭތޯއެވެ. ނަމަވެސް އެމެރިކާ އިން ޙަމަލާ އެއް ދީފި ނަމަ އޭގެ ރައްދުގައި މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ ބޭސްތަކަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ ތެހެރާނުން ވަނީ ވޮޝިންޓަނަށް އިންޒާރު ދީފައެވެ.
