ފުރަތަމަ ބައި
އިސްތިޢުމާރީ ބާރުތަކުން “ޗާގޯސް އާކިޕެލަގޯ” ގެ ނަމުން ނަންދީފައިވާ ފޯޅަވަހީގެ މައްސަލައިގައި ކުރެވޭ ބަހުސްތައް މިހާރު ބޮޑަށް އަމާޒުވަނީ ބައިނަލްއަޤްވާމީ ޤާނޫނުގެ މުހިންމު ސުވާލަކަށެވެ. އެއީ އެ ރަށްތަކާ ތާރީޚީ ގޮތުން ގުޅިފައިވާ އާބާދީއަކީ އެތަނުގެ “ޠަބައީ ރަށްވެހީން”(indigenous people) ކަމުގައި ބަލާނީތޯ ނުވަތަ އެއީ އިސްތިޢުމާރީ ދަނޑުވެރިކަމުގެ ނިޒާމުގެ ތެރެއިން އުފެދުނު “އިސްތިޢުމާރީ ބީރަށްވެހީން”(settler community) ކަމުގައި ބަލާނީތޯ ކުރެވޭ ސުވާލެވެ.
މި ތަފާތަކީ ހަމައެކަނި ލަފުޒީ ތަފާތެއް ނޫނެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި އާބާދީއެއް ގިންތިކުރާ ގޮތުގެ މައްޗަށް ބިނާކޮށް، އަމިއްލަ އިޚްތިޔާރުގެ ޙައްޤާއި (self-determination)، ސިޔާދަތީ ބާރާއި، ބިމުގެ މިލްކުވެރިކަމުގެ ޙައްޤުތައް މާނަ ކުރުމުގައި ބޮޑެތި ތަފާތުތަކެއް އާދެއެވެ. “ޠަބަޢީ ރަށްވެހީން” ކަމަށް ބަލަނީ އިސްތިޢުމާރީ ބާރުތައް އައުމުގެ ކުރިން އެ ބިމަކާ ތާރީޚީ ގުޅުމެއް އޮތް މުޖުތަމަޢުތަކަށެވެ. ނަމަވެސް “އިސްތިޢުމާރީ ބީރަށްވެހީން” އާންމުކޮށް އުފެދެނީ އިސްތިޢުމާރު ފުޅާ ކުރުމުގެ ތެރޭގައި ހިނގި ހިޖުރަކުރުންތަކާއި، އަޅު މަސައްކަތްތެރިން ބަދަލުކުރުމާއި، އިސްތިޢުމާރީ ދަނޑުވެރިކަމާ ސިނާޢީ މަސައްކަތުގެ ނިޒާމުތަކުގެ ތެރެއިންނެވެ.
އެހެންކަމުން، ފޯޅަވަހީގެ މައްސަލަ ދެނެގަތުމަށްޓަކައި އެ ސަރަޙައްދުގެ ތާރީޚާއި، ޖޯގުރަފީއާއި، އާބާދީއަށް އައި ބަދަލުތަކާއި، އިސްތިޢުމާރީ ބާރުތަކުން އެ ރަށްތައް އަލުން ގިންތިކުރި ގޮތް ވަރަށް ފަރުވާތެރިކަމާއެކު ދިރާސާ ކުރަންޖެހެއެވެ. މި ރަށްތަކުގެ މައްސަލައަކީ ހަމައެކަނި ވިހިވަނަ ޤަރުނުގެ ސިޔާސީ ހަމަ ތަކުގެ މައްޗަށް ބިނާކޮށް ބަލައިގެން ވާންއޮތް ކަމެއް ނޫނެވެ. ފޯޅަވަހީގެ ތާރީޚު ގުޅިފައިވަނީ ދިވެހިންގެ ދިރިއުޅުމާއި، ކަނޑު ދަތުރުފަތުރާއި، ޔޫރަޕުގެ ޗާޓުތަކާއި، އިސްތިޢުމާރީ ދަނޑުވެރިކަމުގެ އިޤްތިޞާދާއި، އަދި އެ ބާރުތަކުގެ އިދާރީ ހިންގުމުގެ ތެރެއިން ބަދަލުވަމުން އައި އެތަކެއް ޤަރުނަކާއެވެ.
ފޯޅަވަހީގެ އަދުގެ އާބާދީ ކަމުގައިވާ އިސްތިޢުމާރީ ބީރަށްވެހީން (ޗާގޯސިއަނުން) އުފެދިފައިވާ ގޮތް މި ފުޅާ ތާރީޚީ އޮނިގަނޑުގެ ތެރެއިން ދެނެގަނެވިގެން މެނުވީ، ޠަބަޢީ ރަށްވެހީންގެ ދަރަޖައާއި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ، އަމިއްލަ ވަކި ވެރިކަމެއް އުފެއްދުމުގެ ޙައްޤާއި ގުޅޭގޮތުން މިހާރު ކުރެވޭ ޤާނޫނީ ބަހުސްތަކަށް ފުރިހަމަ މާނައެއް ނުދެވޭނެއެވެ.
ފޯޅަވަހީގެ އަދުގެ އާބާދީ ކަމުގައިވާ އިސްތިޢުމާރީ ބީރަށްވެހީން (ޗާގޯސިއަނުން) އުފެދިފައިވާ ގޮތް މި ފުޅާ ތާރީޚީ އޮނިގަނޑުގެ ތެރެއިން ދެނެގަނެވިގެން މެނުވީ، ޠަބަޢީ ރަށްވެހީންގެ ދަރަޖައާއި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ، އަމިއްލަ ވަކި ވެރިކަމެއް އުފެއްދުމުގެ ޙައްޤާއި ގުޅޭގޮތުން މިހާރު ކުރެވޭ ޤާނޫނީ ބަހުސްތަކަށް ފުރިހަމަ މާނައެއް ނުދެވޭނެއެވެ.
ދިވެހި ނަންތަކާއި ފޯޅަވަހީގެ ޖޯގުރަފީ
ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ސަރަޙައްދީ ޖޯގުރަފީ އެންމެ ފުރަތަމަ ދެނެގަންނަންޖެހެނީ ދިވެހިން ރަށްތަކަށް ނަންދީފައިވާ ގޮތުގެ މައްޗަށް ބިނާކޮށެވެ. ދިވެހި ޖޯގުރަފީގައި، މުޅި އަތޮޅަކަށް ނުވަތަ ރަށްތަކެއްގެ ގުރޫޕަކަށް ގިނަފަހަރަށް ނަންދެވިފައި އޮންނަނީ އެތަނެއްގައި އޮންނަ އެންމެ ބޮޑު ނުވަތަ އެންމެ މުހިންމު ރަށުގެ ނަމުންނެވެ. ބައެއް ފަހަރު އެރަށެއްގެ ނުވަތަ އެސަރަޙައްދެއްގެ ޤުދުރަތީ ސިފަޔަށް ނިސްބަތް ކޮށެވެ. އަނެއްބައި ފަހަރު އެ ސަރަޙައްދުން ނުވަތަ އެރަށަކުން ހިފާ ބޭނުމެއްގެ މައްޗަށް ބިނާ ކޮށެވެ.
ތާރީޚީ ގޮތުން “ފޯޅަވަހި” ގެ ނަމުން މަޝްހޫރުވެފައިވާ ދެކުނުގެ މި ރަށްތަކަށްވެސް ނަން ކިޔާފައިވަނީ ހަމަ މި އުޞޫލުންނެވެ. މި ސަރަޙައްދަށް ފޯޅަވަހީގެ ނަމުން ނަންދެވިފައިވަނީ އެސަރަޙައްދުގައި އޮތް އެންމެ ބޮޑު ރަށް ކަމަށްވާ ފޯޅަވަހީގެ ނަމުންނެވެ. ދިވެހި ޖޯގުރަފީގައި “ފޯޅަވަހި” މި ނަމުން އިޝާރާތްކުރަނީ ހަމައެކަނި ފޯޅަވަހި ކިޔާ ރަށަކަށް ނޫނެވެ. އޭގެ އިތުރަށް މުޅި އެ ސަރަޙައްދު ހިމެނޭ ކަނޑުގެ ޒޯނަށްވެސް ނަން ދީފައި އޮންނަނީ، ފޯޅަވަހި ކިޔާ ރަށަށް ނިސްބަތް ކޮށްފައެވެ.
އިސްތިޢުމާރީ ދުވަސްވަރު ޔޫރަޕުގެ ބާރުތަކުން ވަނީ މި ސަރަޙައްދަށް އައު ނަންތަކެއް ދީފައެވެ. އެގޮތުން މައި ރަށަށް “ޑިއޭގޯ ގާސިއާ” ގެ ނަން ދިންއިރު، މުޅި އަތޮޅުތަކުގެ ގުރޫޕަށް “ޗާގޯސް” ގެ ނަން ދިނެވެ. މި ނަންތަކަކީ އެސަރަޙައްދު އަލަށް ހޯދިގެން ފުރަތަމައަށް ދިން ނަންތަކެއް ނޫނެވެ. އެއީ ކުރީއްސުރެ ދިވެހިން “ފޯޅަވަހި” ގެ ނަމުން ނަންދީފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދެއް، އިސްތިޢުމާރީ ބޭނުމަށް އަލުން ގިންތިކުރި ކުރުމެކެވެ.
މި ސަރަޙައްދުގެ ތެރޭގައި “ކަންދޫ އަތޮޅު” ހިމެނެއެވެ. މިއީ ފޯޅަވަހީގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ވަކި އަތޮޅެކެވެ. މި އަތޮޅަށްވެސް ނަންދެވިފައިވަނީ ދިވެހި އުޞޫލުން އެއަތޮޅުގައި އޮތް އެންމެ މުހިންމު ރަށް ކަމަށްވާ “ކަންދޫ” އަށް ނިސްބަތްކޮށެވެ. ދިވެހިބަހުން “ކަންދޫ” މި ލަފުޒުގެ މާނައަކީ “ކަނުގައި އޮންނަ ރަށް” ކަމަށް ބެލެވިދާނެއެވެ.
އިސްތިޢުމާރީ ޗާޓުތަކުންވެސް މި މާނަ ފެންނަން އެބައޮތެވެ. ފަރަންސޭސި ޗާޓުތަކުގައި މި ރަށަށް ކިޔާފައިވަނީ “އިލް ދި ކުއާ” (Île du Coin) އެވެ. މީގެ މާނައަކީވެސް “ކަނުގައި އޮންނަ ރަށް” (Corner Island) އެވެ. މި ރަށް އޮތް އަތޮޅަށް ފަހުން އިސްތިޢުމާރީ ޗާޓުތަކުގައި “ޕެރޮސް ބަންހޯސް” (Peros Banhos) ގެ ނަން ދެވުނެވެ. މިފަދަ ބޭރު ނަންތައް ދިންކަމުގައިވިޔަސް، ދިވެހިންގެ މެދުގައި މި އަތޮޅު އަބަދުވެސް މަޝްހޫރު ވެފައިވަނީ “ކަންދޫ” ރަށަށް ނިސްބަތްވާ “ކަންދޫ އަތޮޅު” ގެ ނަމުންނެވެ.
މި ސަރަޙައްދުގެ ތާރީޚީ ޗާޓުތައް ދިރާސާކުރާއިރު، ނަން ދިނުމުގެ މި އުޞޫލު އެނގުން މުހިންމެވެ. އެންމެ މުހިންމު ރަށުގެ ނަމުން މުޅި ސަރަޙައްދަށް ނަންދިނުމުގެ ދިވެހި އާދަކާދަ ނޭގިއްޖެނަމަ، ދިވެހި ނަންތަކާއި އިސްތިޢުމާރީ ޗާޓުތަކުގައިވާ ނަންތަކާ ހުރި ގުޅުން ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.
ނުނިމޭ
