ކީރިތި ޤުރުއާން ތަފްސީރު ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ނުކުރުމަށް މިޞްރުން އިންޒާރުދީފިއެވެ. މިޞްރުން ބުނީ މިކަމުގެ މައިގަނޑު ސަބަބަކީ އޭއައި އިން ޤުރުއާނުގައިވާ ކަންކަމާއި ގުޅޭ ގޮތުން ނުބައިކޮށް މަޢުލޫމާތު ދޭތީއެވެ. ޚާއްޞަ ގޮތެއްގައި ދީނީ، އިލްމީ، އަދި ޢަޤީދާގެ ކަންކަމުގައެވެ.
މިޞްރުން ބުނީ ތަފްސީރަކީ ޤުރުއާނުގެ ތަރުޖަމާއެއް ނުވަތަ ޚުލާޞާއެއް ނޫނެވެ. ޤުރުއާން ތަފްސީރު ކުރުމުގައި ޢަރަބި ބަސްކޮށާރާއި، ޢަރަބި ބަހުގެ ފުރިހަމަ ޢިލްމާއި، ވަޙީގެ އަސްބާބު އަލްނުޒޫލް އާއ، ޙަދީޘާއި، އިސްލާމީ ފިޤުހު އާއި، ޢަޤީދާ، އަދި އަޞްޙާބު ބޭކަލުންނާއި ކުރީގެ ޢިލްމުވެރިންގެ އިޖުމާޢު ބޭނުންވާ ކަމަށެވެ.
މީގެ އިިތުރުން އޭއައި ގައި ބޭނުން ކޮށްފައި ހުންނަނީ އެކި މަޛްހަބުތަކުގެ އަދި ޞައްޚަ ނޫން މަޢުލޫމާތު ވެސް ހިމެނޭހެން ކަމަށާއި، ތެދެއް ދޮގެއް ނުބަލައި މަސްހުނިގަނޑެއްހެން މޮޑެފައިވާ ގޮތަށް ނުބައި މާނަ ދޭހަވާ ގޮތަށް ވެސް މަޢުލޫމާތު ދޭކަމަށެވެ. އެހެންކަމުން އޭއައި ބޭނުން ކޮށްގެން ޤުރުއާން ތަފްސީރު ކޮށްފި ނަމަ މުސްލިމުންނަށް ދީނީ ކަންކަން އޮޅޭނެ ކަމަށް މިޞްރުގެ ޢިލްމުވެރިން ވިދާޅުވެއެވެ.
މިޞްރުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އޭއައި އަކީ “ސަޕޯޓިންގ ޓޫލްއެއްގެ ގޮތުގައި” (މިސާލަކަށް އާޔަތުގެ ނަމްބަރާއި އާޔަތްތައް ނުވަތަ ސޫރަތްތައް ހޯދުމުގައި) ބޭނުންކުރެވިދާނެއެވެ.
