ކާކު ހެއްޔެވެ؟ ކޮންފިޑެންސާއި އެކު އިވެންޓެއްގެ ތެރޭގައި އިށީނދެގެން މި އިން މީހަކީ ހަމަ ގައިމު ވެސް ވަރަށް ރީތިކޮށް ހެދުން އަޅާ، ސާދާ، ނަމަވެސް ނުލާހިކު ރީތި އަދި ހެއްސަށް ޕްރޮފެޝަނަލް މީހެކެވެ. އަތުކުރީގައިވާ ގަޑިއަށް އެ ނަޒަރު ހިންގާލާއިރު، ވަގުތަށް ސަމާލުކަންދޭ ޝަޚުސިއްޔަތެއްގެ އިހުސާސް ކުރެވެއެވެ. ތެދެކެވެ. އެންމެ ފުރަތަމަ އަހަންނާއި ހީނާ ވަލީދު އާއި ދިމާވި ފަހަރު ވެސް އޭނާ އަކީ ވަގުތަށް ކަމޭހިތާ މީނެއްކަން އެނގުނެވެ. އޭރު ހީނާ މަސައްކަތް ކުރެއްވީ ޓީވީ މޯލްޑިވްސްގައެވެ. އެއީ ރައީސް މައުމޫނުގެ ދުވަސްވަރެވެ. ޢާންމުކޮށް އޭރު ޓީވީއެމް މުވައްޒަފުންނަކީ މާލެއިން ބޭރަށް ފުރަން އޮންނަ އިވެންޓުތަކަށް ޖެޓީ އަށް އައުމުގައި ލަސް ބައެކެވެ. ނަމަވެސް ހީނާ ވަލީދު އޭރު ވެސް ބަރާބަރަށް ގަޑިއަށް ވަޑައިގަންނަވައެވެ. ޓީވީއެމްގެ ވެހިކަލް ނެތްނަމަ ޓެކްސީއެއްގައި ވިޔަސް ވަޑައިގަންނަވައެވެ.

ކޮންމެޔަކަސް، އަޅުގަނޑު އެ ސަރަޙައްދަކަށް ނިސްބަތްވާ އައްޑު އަތޮޅަށް އުފަން ހީނާ ވަލީދުގެ ކިބައިގައި ޒަމާނީ ލީޑަރެއްގެ ސޫރަ އެބަހުއްޓެވެ. ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ޙައިސިއްޔަތުން ސަރުކާރުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު އެ އުފުއްލަވަނީ ހީނާ ވަލީދެވެ. ދޫ ފަރިތަ ކޮންމެ މީހަކީ އަދި މިފަދަ މަޤާމަކަށް އެކަށީގެންވާ މީހެއް ނޫނެވެ. މި މަޤާމަށް ސިޔާސީ ހޭލުންތެރިކަން ވަރަށް މުހިއްމެވެ. މިއީ ބުއްދިއާއި، ޤާބިލުކަން ވެސް ބޭނުންވާ ކަމެކެވެ. މި ހުރިހާ ކަމަކަށް ހީނާ ވަލީދު ވަނީ ފައްކާ ވެފައެވެ.
ނޫސްވެރިއެއްގެ ގޮތުގައްޔާއި ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި އުޅުއްވި އިރު ހީނާވަލީދު ހޯއްދެވި ތަޖުރިބާގެ ސަބަބުން އޭނާގެ ޤާބިލުކަމަށް އިތުރު ފަށަލައެއް އިތުރުވެގެންދެއެވެ. ވާހަކަ ދެއްކުމުގައި ގެންގުޅުއްވާ ރާގާއި، އޭގެ ސާފުކަމެވެ. މީގެ އިތުރުން ގޭތެރޭގައި އުޅުއްވާ އިރުގައި ވެސް ގެންގުޅުއްވަނީ ސާދާ މިޒާޖެކެވެ. އަދި އެހާމެ އިޙްތިރާމް ކުރުމުގެ ސިފަ ވެސް ހީނާ ވަލީދުގެ ކިބައިގައި ހުރެއެވެ. އެކަން އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ 2005 ވަނަ އަހަރު ހީނާ ވަލީދުގެ ކޮއްކޮ މިޝްކާ (އޭރު މިޝްކާ ވަރަށް ކުޑަ ވާނެ) ގެ ފޮޓޯ އެއް ނަގަން ހެންވޭރުގައި އޭރު މިޝްކާ ހުރި ގެޔަށް އަޅުގަނޑު ދިޔަ ދުވަހެއްގައެވެ.
ދެން އޮތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީގައި އަދާކުރައްވަމުން ގެންދަވާ ރޯލުގެ ވާހަކައެވެ.
ހީނާ އަކީ މިއަދު ސިޔާސީ މަޤާމެއްގައި ހުރި އަންހެނަކަށް ވުމުގެ ސަބަބުން އޭނާ ކިތަންމެ ރަނގަޅަށް މަސައްކަތް ކުރެއްވިޔަސް އިދިކޮޅު ބަޔަކު ގިނަފަހަރަށް އެކަމެއް ބަލައެއް ނުގަންނާނެއެވެ. ފާޑު ކިޔާނެއެވެ. ބަލިމީހުންނަށް އެހީތެރިވުމަށް ހީނާ ވަލީދު ކިތަންމެ ބޭނުންފުޅު ވިޔަސް، އަދި ހުރިހާ ބަލިމީހުން ޗާޓަރު ފުލައިޓެއްގައި އެމެރިކާ އަށް ފޮނުވައި ފަރުވާ ދީގެން އަނބުރާ ރާއްޖެ ގެނަޔަސް، އެކަން ވެސް އިދިކޮޅަކަށް ޙަޖަމެއް ނުވާނެއެވެ. ސަބަބަކީ “ޕޮލިޓިކްސް”އެވެ.
