ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލާއި ގުޅޭގޮތުން އާއްމުންގެ ކަންބޮޑުވުންތަކެއް ހުރިއިރު، އާއްމުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތެއް އެ ބިލުގައި ނެތް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވިއަސް، ފޭސްބުކާއި ޓިކްޓޮކް އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތަކަށް ނެތް ކަމަށެވެ. އެހެންކަމުން، “ގަދައަށް ސޯޝަލް މީޑީއާ ބޭނުންކުރަންވީ” ކަމަށް އޭނާ ވަނީ ބާރު އަޅުއްވާފަ އެވެ.

ނަމަވެސް، މި ބިލުގައި މީޑިއާ ކަމަށް ބަލާފައިވާ ގޮތަށް ބަލާއިރު، އޭގެ ދަށަށް ގިނަ ކަންތައްތަކެއް ވަދެއެވެ. ބިލުގައިވާ ގޮތުން މީޑިއާ ކަމަށް ބަލަނީ ޓީވީ، ރޭޑިއޯ، އިންޓަރެކްޓިވް ސީޑީއާއި ވެބްސައިޓް، ދުވަހު ނޫސްތަކާއި ހަފުތާ ނޫސްތައް، މަޖައްލާތަކާއި ޓްރޭޑު ޕަބްލިކޭޝަންތަކާއި އެނޫން ވެސް ނަންނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރު އާއްމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާއި ނުލައި ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.
މީގެ އިތުރުން، އެ ބިލުގައި ނޫހާއި ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާއި ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޫސްވެރިންނާއި ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެ މީހުންނާއި ގުޅޭގޮތުން ހިނގާނެ ކަމަށް ވެސް ވެއެވެ.
