ޓްރަމްޕްގެ ޣައްޒާ ބޯޑަކީ އެމެރިކާއިން ފަލަސްޠީނުގެ ރައްޔިތުންނަށާއި މުސްލިމު އުއްމަތަށާއި، އިންސާނީ ކަރާމަތަށް އިޙްތިރާމުކުރާ ފަރާތްތަކަށާއި، ޤައުމުތަކާއި ޖަމިއްޔާ ޖަމާޢަތްތަކަށް މިޤަރުނުގައި ޓްރަމްޕް ދިން އެންމެ ބޮޑު ދޯކާއެވެ.
އދ. ނުބައްސައި 60 ޤައުމެއް ބައިވެރިކޮށްގެން ފަލަސްޠީނު މިނިވަންކުރުމަށް މަސައްކަތްކުރާ އެކަމަށް އެންމެ ބޮޑު ޤުރުބާނީއެއް ވަމުން އަންނަ ޖަމާއަތުން ހަތިޔާރު އަތުލުމަށް ބޯޑެއް އެކުލަވާލި ގޮތަށް ފަލަސްޠީނުގެ ބިންތަކުން އިޒްރޭލުގެސިފައިން ބޭލުމަށް ބޯޑެއް އެކުލަވާ ނުލެވެންވީ ކީއްވެހެއްޔެވެ؟
ފަލަސްޠީން ގެ ރައްޔިތުންގެ މައްޗަށް ކުޑަ ނަމަވެސް ރަޙުމެއް އޮތްނަމަ އަދި އިންސާނިއްޔަތަށް ކިތަންމެ ކުޑަ ނަމަވެސް ޤަދަރެއް ކުރާ ނަމަ ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރު އެމެރިކާއިން ތަންފީޛު ކުރީހެވެ. އެހެން ނަމަވެސް ހައްޔަރުކުރުމުގެ ބަދަލުގައި އެމެރިކާ އިން އަންނަނީ ނަތަންޔާހޫ އެމެރިކާއަށް ގެނެސް ރަތްދޫލައިން މަރުޙަބާކިޔަމުންނެވެ. އިޒްރޭލުން ހިންގާ ޤަތުލު ޢާއްމު ތަކާއި ލާއިންސާނީ ޖަރީމާތަކާއި ހިތްވަރު ދެމުންނެވެ.
އިޒްރޭލުން ހިންގާ ޤަތުލު ޢާއްމު ތަކާއި ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ފާސްކުރަން އުޅުނު 8 ޤަރާރެއް، އިޒްރޭލު ހިމާޔަތްކުރުމަށް އެމެރިކާއިން ވީޓޯ ކޮށްފައިވެއެވެ.
ހޭގުގައި ހުންނަ ބައިނަލްއަޤުވާމީ އިންސާފުގެ ކޯޓުން ނަތަންޔާ ހައްޔަރުކުރުމަށް އަމުރު ނެރެފައި ވަނިކޮށް އިޒްރޭލަށް އެންމެ ގިނަ ހަތިޔާރާއި ލޮޖިސްޓިކް އެހީތެރިކަން ދެނީ އެމެރިކާއެވެ. އެމެރިކާ ބޭނުން ނުވާނަމަ އަދި އެމެރިކާ އެޖާރިމާތަކަށް ދަރުނާޅާނަމަ މެދުއިރުމަތީގައި އަނދަމުން އަންނަ އަލިފާންގަނޑު މިހާރު ނިވިއްޖައީހެއެވެ.
މިއީ ދުނިޔެ ދަންނަ ޤަބޫލުކުރާ ޙަޤީޤަތެއް ކަމަށް ވީނަމަ ވެސް މުސްލިމުން ބާރުވެރިވުމަށް ބޭނުންނުވާ ދީނުގެ ޢަދާވާތްތެރިން ގެ ހީލަތްތެރި މުނާފިޤު ރޭވުންތަކުން ސަލާމަތް ވުމަށްޓަކައި މުސްލިމު އުއްމަތް ނުކުޅެދިފައިވަނީ މުސްލިމު ދައުލަތްތަކުގެ ވެރިންގެ މެދުގައި އޮތް ޚިލާފުތައް ބޮޑުވުމާއި، ދީނަށް ވަފާތެރިވުން ކުޑަވުމާއި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ހީނަރުވުމެވެ.
އެހެންކަމުން ދެންނެވެން އޮތީ ޓްރަމްޕްގެ ޣައްޒާ ބޯޑުން ހަމައެކަނި ޙާޞިލުވާނެ ނަތީޖާއަކަށްވާނީ ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނުވިލާތާއި، އިޓަލީ ވިލާތުން އިސްކޮށް ތިބެ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީންނަށް އުފައްދައިދިން އިޒްރޭލަށް އިތުރަށް ރައްކާތެރިކަން ކަށަވަރު ވުމެވެ. ފަލަސްޠީން މިނިވަންކުރުމުގެ އުއްމީދު ފަނޑު ވުމެވެ.
ޓްރަމްުގެ ނުލަފާ ކަމާއި ބިރު ދެއްކުމާއި ފިއްތުންތަކުގެ ސަބަބުން އެބޯޑުގައި ބައިވެރިވުމަށް އިސްލާމީ ބައެއް ދައުލަތްތަކަށް މަޖުބޫރު ވެފައި ވީނަމަވެސް ޓްރަމްޕްގެ ޕްލޭން ގެ ބޭނުމާއި މަޤުޞަދު މުސްލިމު ދައުލަތްތަކަށް އޮޅިފައެއް ނުވާނެއެވެ. އެހެން ނަމަވެސް އެބޯޑުގައި ކޮންމެވެސް ޙައިސިއްޔަތަކުން ބައިވެރިވުމަކީ ޓްރަމްޕް އާއި ނަތަންޔާހޫ އާއި އިސްތިޢުމާރީ ބާރުތަކުގެ ހީލަތްތެރި އެޖެންޑާ އިތުރަށް އިމްތިހާނު ކުރެވޭނެ ކަމަކަށް ވާނެއެވެ.
މުސްލިމުން ދަންނަންޖެހޭ ކަމަކީ ޓްރަމްޕް ކަމެއް ކުރައްވާނަމަ ސިއްރަކުން ނުކުރާނެ ކަމާއި މީހަކު ކިޔާފާނެ އެއްޗަކަށް ކޮށްފާނެ ކަމަކަށް، އަދި މީހަކު ނުރުހިދާނެތީ ނުބަލާނެކަމެވެ. އެއީ ޔަހޫދީންގެ ވެސް، ފިރުޢައުނު ގެ ވެސް، އެނޫން މިފަދަ ކޮންމެ މީހެއްގެ ވެސް ސިޔާސަތު ހުންނަ ގޮތެވެ.
