DCIM100MEDIADJI_0029.JPG
ހއ. އިހަވަންދޫގައި އާޓިފިޝަލް ބީޗެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ރާއްޖޭގެ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ހިމެނޭ މަސައްކަތެކެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙްމަދު ސައުދީއެވެ.
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމަކީ އިހަވަންދޫގެ ބިންހިއްކަމުން ދިޔަ ދުވަސްވަރުވެސް ބައެއް ފަރާތްތަކުން އެދެމުންދިޔަ ކަމެކެވެ. އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ބީޗެއް ތަރައްޤީކުރުމަށް ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އެމްޓީސީސީން ކުރެހުންތައްވެސް ތައްޔާރުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރު އެ ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި ވަނީ ބައްދާލާފައެވެ.
