ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްފަހަރާ ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ގޯސް ކަމެއް ކަމަށް ބުނެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ މިއީ މަކަރުވެރި ރޭވުމެއް ކަމަށެވެ.
“ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިހާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި. މިއީ ރައްޔިތުންނަށް ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރު، ވޯޓުގެ ބާރު، ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ރާވާ ނުބައި ރޭވުންތަކެއް،” ޝާހިދު ވިދާޅުވި އެވެ.
އެހެންނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސަރުކާރުގެ އިޞްލާޙަށް ތާޢީދު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ މިއީ ޤައުމަށް ފައިދާ ހުރި ކަމެއް ކަމަށާއި ބޮޑު ޚަރަދެއް ސަލާމަތްވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ދައުލަތަށް 80 މިލިޔަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.
