ދިވެހި ސަރުކާރުގެ ހެލްތު އިންޝުއަރެންސްގެ ދަށުން ރާއްޖެއިން ބޭރުގައި ބޭސްފަރުވާގެ ޚިދުމަތް ފުޅާކުރުމަކީ ޤައުމު ތަރައްޤީ ވުމެއް ނޫނެވެ. އަދި ކިއެއްތަ، ޤައުމުގެ ޞިއްޙީ ނިޒާމް ކުރިއެރުމުގެ ނިޝާނެއް ވެސް ނޫނެވެ. އެއީ ސިޔާސަތުތައް ނާކާމިޔާބުވެފައިވާ ކަމުގެ އިންޒާރުގެ ނިޝާނެކެވެ.
އާސަންދަ ސްކީމުން އިންޑިއާ، ސްރީލަންކާ، ތައިލެންޑް، ޔޫއޭއީ އަދި ފިލިޕީންސްގެ ހޮސްޕިޓަލްތަކަށްކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ރޫފިޔާއެއް ހޭދަކުރާއިރު، މި ފައިސާތައް ރާއްޖެއަށް އިންވެސްޓްކޮށް ސިންގަޕޫރުގެ އެންމެ ކޮލިޓީ ހޮސްޕިޓަލްތަކާއި އެއްފެންވަރަށް ރާއްޖޭގައި ފަރުވާ ދެވޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި ކޮމިޓީގެ މަޝްވަރާތަކާއި އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު، އަސާންދަ ޚަރަދުގެ 60–70 ޕަސަންޓް ފައިސާ ޚަރަދުވެފައި ވަނީ ބޭރު ޤައުމުތަކަށެވެ. މާނައަކީ މިސާލަކަށް 300 މިލިއަން ރުފިޔާގެ ތެރެއިން ރާއްޖޭގައި އެނބުރުނީ އެންމެ 90 މިލިއަނެއްހާ ރުފިޔާ އެވެ. ބާކީ 210 މިލިއަން ރުފިޔާ ދީފައިވަނީ ރާއްޖެއިން ބޭރަށެވެ. މިއީ ދިވެހި ރައްޔިތުންހެ ޓެކްސް ފައިސާއެވެ. މި ފައިސާ ރާއްޖެއިން ބޭރަށް އޮއްސާލުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
ހަރުދަނާ ސިޔާސަތުތައް ގެންގުޅޭ އެއްވެސް ގައުމަކުން އެގައުމެއްގެ ސިއްހީ ނިޒާމު މިގޮތަށް ބިނާއެއް ނުކުރެއެވެ.
އިންޑިއާގެ ރައްޔިތުން ރާއްޖެއަށް ފޮނުވަނީ މޯދީ ސަރުކާރުގެ އިންޝުއަރެންސް ޑީލެއްގެ ދަށުން ނޫނެވެ.
އެމެރިކާ މީހުންނަށް ފްރާންސްގައި ފަރުވާ ހޯދާނަމަ ޕަބްލިކް އިންޝުއަރެންސް ބޭނުން ނުކުރެއެވެ.
މެލޭޝިޔާގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގައި ހިލޭ ބޭސްފަރުވާއެއް ނުކުރެވެއެވެ. ސިންގަޕޫރު މީހުން ޑުބާއީއަށް ދިޔައީމާ އެތަނުން ހިލޭ ބޭސްފަރުވާ ނުދޭއިރު، މި ހުރިހާ ޤައުމަކުން ވެސް ބަލަނީ އެ ޤައުމުތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރާށެވެ. އަހަރެމެންގެ މި ދިވެހިރާއްޖެ އިން ކަންތައްތައް ކުރަނީ އޭގެ ދިމާ އިދިކޮޅަށެވެ.
ދަންނަވަންތޯއެވެ. ދިވެހިންނަށް އާސަންދައިގެ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލަކާއި އެކު ހަދާ ކޮންމެ އެއްބަސްވުމަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ސިޓީ ހޮސްޕިޓަލްތަކާއި، ރަށްރަށުގެ ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުން ވަރަށް ބޮޑަށް ލަސްވާ ސަބަބުތަކެވެ.
ބޭރުގެ ކޮންމެ ހޮސްޕިޓަލަކާއި އެކު ރާއްޖެއިން ހަދާ ޑީލަކުން ރާއްޖެއަށް ކޮލިޓީ ބޭހާއި ޑޮކްޓަރުން ގެނައުން މަޑުޖެހެއެވެ. ލަސްވެއެވެ. އަނެއްކާ މިއީ ކޮރަޕްޝަންގެ އިތުރު ދޮރުތައް ހުޅުވުމެވެ.
ބޭރުގެ ހޮސްޕިޓަލަކުން ދިވެހިންނަށް އާސަންދަ ދޭއިރު އެ ހޮސްޕިޓަލަކުން ބަލާނީ ވީހާވެސް ގިނައިން ފައިސާ ލިބޭނެ ގޮތެކެވެ. ބޭސްސިޓީތަކަށް ކޮންމެ އަގެއް ނެގިޔަސް އެކަން ހުއްޓުވޭނެ ގޮތެއް އަދި ބެލޭނެ ގޮތެއް އަދި ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތެވެ. މީގެއިތުރުން ސިޔާސީ ގޮތުން ގުޅިފައިވާ އޭޖެންޓުން ވެސް ފައިދާ ނަގާނެއެވެ.
ހެލްތު އިންޝުއަރެންސް އިން ޞިއްޙީ ނިޒާމް ހަރުދަނާ ކުރަން ޖެހޭނީ ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވުމަށް ޚަރަދުކޮށްގެނެއް ނޫނެވެ. ރާއްޖެއަށް ގެންނަންވީ އެފަދަ ޑޮކްޓަރުންނެވެ. އެފަދަ ބޭސްތަކެވެ.
ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް ކުރާ ޚަރަދުގެ ދެބައިކުޅަ އެއްބައި ރާއްޖެއަށް އިންވެސްޓް ކޮށްލިޔަސް މަދު އަހަރުތަކެއްގެ ތެރޭގައި ދިވެހިން ރާއްޖެއިން ބޭރަށް ރިފާކުރުން ހުއްޓުވިދާނެއެވެ. ހައްލަކީ ބޭރުގެ ހޮސްޕިޓަލްތަކަށް ދިވެހިން ފޮނުވުމެއް ނޫނެވެ. ހައްލަކީ ޤައުމީ ހޮސްޕިޓަލަށް އިތުބާރު އުފެއްދުމެވެ. އަމިއްލަ ހޮސްޕިޓަލްތަކަށް އިތުބާރު ނުކުރެވޭ ގައުމަކީ ޞިއްޙީ ޚިދުމަތް ބިނާކުރަމުންދާ ޤައުމެކޭ ނުދެންނެވޭނެއެވެ. ކޮންމެ ބަޔަކަށް ވެސް އައުޓްސޯސް ކުރެވިދާނެއެވެ. ކަރަންޓާއި ފެން ވެސް އައުޓްސޯސް ކުރެވިދާނެއެވެ.
ބޭރުޤައުމުތަކަށް އާސަންދައިން ޚަރަދުކުރާނަމަ ކުރިމަގުގައި ދިމާވާނެ ނުރައްކާތައް ބޮޑެވެ!
