ރަސްމީ މަސައްކަތުގައި އުޅެނިކޮށް ހިނގި ހާދިސާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ވަނީ، ވަޒީފާގެ ވާޖިބު އަދާކުރައްވަން ހުންނަވަނިކޮށް ދިމާވި ހިތާމަވެރި އަލިފާނުގެ ހާދިސާއެއްގައި ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގެން، ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސްޓެލްކޯގެ މުވައްޒަފު އަޙްމަދު އަޒްމީލް އަވަހާރަވުމުގެ ހިތާމަވެރި ޚަބަރު އެހީ ފުން ހިތާމައާއި އަސަރާ އެކުގައި ކަމުގައި ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ މި ހާދިސާއާ ގުޅިގެން މަރްޙޫމް އަޙްމަދު އަޒްމީލްގެ ޢާއިލާއަށާއި، ސްޓެލްކޯގެ އިސްވެރީންނާއި އެތަނުގެ ހުރިހާ މުވައްޒަފުންނަށް ފުން ތަޢުޒިޔާ ދަންނަވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރެއްވިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ސްޓެލްކޯގައި ސުޕަވައިޒަރެއްގެ މަގާމުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 43 އަހަރުގެ އަޙްމަދު އަޒްމީލް ނިޔާވީ، ތައިލޭންޑުގެ ބެންކޮކް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ މި ހާދިސާގައި ވަރަށް ބޮޑަށް ފިހިފައެވެ.
ފުރަތަމަ އޭނާއަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އިތުރު ފަރުވާއަށް މިމަހުގެ 1 ވަނަ ދުވަހު އޭނާ ވަނީ ތައިލޭންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައެވެ. އަޒްމީލް މި ދުނިޔެ އާއި ވަކިވީ ފަރުވާދެމުންދަނިކޮށެވެ.
