މިއަދު ހުޅުމާލޭގައި ހުންނަ ދުންފަތުގެ ބާވަތްތައް ވިއްކާ އޯސީސީ ފިހާރައެއްގެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަމަލާ ދީފައިވަނީ ހުޅުމާލޭގައި ހުންނަ އެ އޯސީސީ ފިހާރައިގައި މަސައްކަތްކުރަމުން އަންނަ އަންހެން ކޭޝިއަރަކަށެވެ. ހަމަލާ ދިން ފަރާތާއި ހަމަލާ ދިން ސަބަބެއް އަދި ސާފުވާ ގޮތް ނުވެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީގެން ޒަހަމްވެފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ ރިޕޯޓު އެމީހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ހަމަލާ ދިން ގޮތާއި އެކަމުގައި ހިމެނޭ ފަރާތްތައް ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
