މުލަކަތޮޅުގެ މަސްވެރިންނަށް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެގޮތް ހަމަޖެއްސެވުމަށް، މ.މުލަކުގައި ޤާއިމުކުރާ ފިޔުލް ސްކިޑްގެ މަސައްކަތް އަންނަ ޖެނުއަރީމަހު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ނިންމަވާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން މުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މ.މުލަކަކީ މަސްވެރިކަމުގެ ސިނާއަތުގައި މުހިންމު މަސައްކަތްތަކެއް ކުރާ ރަށެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރު ސޮއިކުރެވިފައިވާ އައިސް ޕްލާންޓުގެ މަސައްކަތަކީ އޭގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއިރު، އެ ރަށުގައި ކޯލްޑް ސްޓޯރެޖެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އައިސްގެ އިތުރުން ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަކީ މަސްވެރިންނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަޖައްސައިދެއްވުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، މުލަކަތޮޅުގައި އެ އިންތިޒާމު ޤާއިމުކުރާނީ މުލަކުގައިކަމަށް ރައީސް ވިދާޅުވިއެވެ.
މި ޚިދުމަތް ދިނުމަށް ބޭނުންވާ ފިޔުލް ސްކިޑް ބެހެއްޓުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީމަހު ފެށިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެސްޓީއޯއިން މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ. “ފިޔުލް ސްކިޑްތަކެއް ޤާއިމުކުރުމަށްޓަކައި ބޭރުން މިހާރު ޕްރިފެބްރިކޭޝަން މަސައްކަތް ވަރަށް ބޮޑަށް ނިމިއްޖެ. މިހާރު ޝެޑިއުލްގައި އޮތީ ކުރިއަށް އޮތް ދެ މަހެއް، ދޮޅުމަހެއްގެ ތެރޭގައި މިތަކެތި ރާއްޖެއަށް ޝިޕް ކުރާނެ،” ރައީސް ވިދާޅުވިއެވެ. އެއަށްފަހު، ޖެނުއަރީ މަހުގެ ތެރޭގައި މުލަކުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކާނެ ފިޔުލް ސްކިޑް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަން ރައީސް ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައިސް ޕްލާންޓާއި ކޯލްޑް ސްޓޯރެޖް އަދި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މުލަކުގައި ޤާއިމުކުރެވުމުން އެ ރަށާއި މުޅި މުލަކަތޮޅުގެ މަސްވެރިންނަށްވެސް އޭގެ ފައިދާ ވެގެންދާނެކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތަކީ އަދުގެ ސަރުކާރުން މުހިންމު އިސްކަމެއްދޭ ސިނާއަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް މިހާރުވެސް ފުއްދެވެމުންދާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ދައްކާ ޚަލާސްކޮށް، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި މަސްވެރިން ބޭނުންވާ ހުރިހާ ވަސީލަތްތައް ޤާއިމުކުރެވި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެގެންދާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.
