ފުޓްބޯޅަ ދަނޑުން ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިދިން ޒުވާން ކުޅުންތެރިޔާ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) އުމުރުން 36 އަހަރުގައި ފާއިތުވިރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
އިފުރާ އަށް މިދިޔަ ހޯމަ ދުވަހު ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ އޭޑީކޭގައި އައީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ އިފުރާ އަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް ލޭ އެޅުނެވެ. ލޭތައް ނެގުމަށް ހޯމަ ދުވަހު ހަވީރު ސާޖަރީއެއް ވެސް ހެދި އެވެ. އެކަމަކު އެއްކޮށް ލޭތައް ސާފުނުކުރެވޭތީއާ އެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވައިފަ އެވެ.
ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު، މާޒިޔާގައި ވިދާލި އިފުރާ އަކީ، އެ ދުވަސްވަރު ރާއްޖޭގެ އެންމެ އުއްމީދީ ކީޕަރެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި 23 އަހަރުން ދަށުގެ ޓީމާ އެކު އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ވާދަކުރި އެވެ. މީގެ ތެރެއިން އޮލިމްޕިކް ކޮލިފައިންގައި އޭނާ ދެއްކި މޮޅު ކުޅުން ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.
އިފުރާ ސީނިއާ ޓީމުގައި އެންމެ ފުރަތަމަ ހިމެނުނީ 2007 ގަ އެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއްގައި ގައުމީ ސްކޮޑުގައި މަގާމް ދެމެހެއްޓި އެވެ.
އިފުރާގެ ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުމެވެ. އިފުރާ އަކީ އެ ފަހަރު ތަޖުރިބާކާރު ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި، ހަސަން ރަމީޒް (ޓިމޮޓީ) ގެ ފަހަތުން ޓީމުގެ ރިޒާވް ކީޕަރެވެ. އިފުރާ ވަނީ ނިއު ރޭޑިއަންޓާއި، ވިކްޓްރީ އާއި، ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ގިނަ އަހަރުތަކެއް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އިފުރާގެ ވަކިވުމަކީ ކުޅިވަރުގެ އާއިލާއަށާއި، ރާއްޖޭގެ ދަނޑުވެހިކަމަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އޭނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ. އާމީން.
