ދިވެހިރާއްޖޭގެ އަތޮޅުތައް އުވާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އެއީ ސަރުކާރުގެ ސިޔާސަތެއް ވެސްނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފިތުނަ އުފެއްދުމަށްޓަކައި، ސަރުކާރުގެ ވިސްނުމަކީ އަތޮޅުތައް އެއްކޮށް އުވާލުންކަމަށް ބުނެ ދޮގު ހަބަރު ފަތުރަމުން އެބަ ގެންދެއެވެ. މިކަންކަމާ ގުޅިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވި ވާހަކަފުޅެކެވެ. ރައީސް ވިދާޅުވެފައިވަނީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި، އެހެންވެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަމަށެވެ.
ނަމަވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގެ މުރާދަކީ އަތޮޅުތައް އެއްކޮށް އުވާލުމެއް ނޫނެވެ. ބޭނުންވަނީ މިހާރު އަތޮޅު ކައުންސިލް އޮންނަ ގޮތް ނުވަތަ އެ ކައުންސިލްތަކުގެ “ކޮމްޕޮޒިޝަން” ބަދަލުކުރެއްވުމެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފެށިގެންއައިއިރު އެމްޑީޕީގެ ވެރިކަމުގައި ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެެއަށް އިތުރު “ލޭޔާއެއް” އިތުރުވެ، އެކި ކަންކަމުގައި މާލެއަށް ބަރޯސާވުން ބޮޑުވުން ކަމަށެވެ. އެހެންވެ، ކޮންމެ ރަށަކުން އެރަށެއްގެ ތަރައްގީއަށް އިންތިޚާބުކުރާ ކައުންސިލަރުން އަތޮޅު ކައުންސިލްގައިވެސް ހިމެނުމަކީ އެ ކައުންސިލަރުންގެ ޒިންމާ އިތުރުވާނެ ކަމެއް ކަމަށާއި، މިހާރު އޮތް ގޮތަކީ ޤާނޫނާވެސް ފުށުއަރާ ކަމެއް ކަމަށް ވަޒީރު ގަބޫލުކުރައްވައެވެ.
އިދާރީދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޯވެއެވެ. އަދި ގުދުރަތީގޮތުން ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތް ގޮތުންނާއި، އޭގެ ޒާތުގައި މަސައްކަތް ކުރެވޭ ތަރުތީބުތަކަށް ބަލާއިރު ކޮންމެ އަތޮޅެއްގައިވެސް އިދާރީގޮތުން ކުރެވޭ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި އިންތިޒާމްކޮށް ހިނގާނެ ގޮތްތަކެއް ރޭވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަންކަން ހަރުދަނާ ކުރުމަށްޓަކައި، ވުޒާރާތަކުގައި ޕަރމަނަންޓް ސެކްރެޓަރީން ތިއްބަވާގޮތަށް ޢިލްމީ ގާބިލު ބޭފުޅުން ސިވިލް ސަރވިސްގެ ތެރެއިން އައްޔަންކޮށް، އަތޮޅުތަކުގެ އިދާރީ މަސައްކަތް ކުރުމުގައި ތިބެންޖެހޭ ކަމަށް ވަޒީރު އާދަމް ޝަރީފް އުމަރު ގަބޫލުކުރައްވައެވެ. އެ ބޭފުޅަކު ނެރޭ ނަތީޖާއަށް ބަލައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށްވެސް އައްޔަން ކުރެއްވުން އެދެވިގެންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
