
ސަމާހަތްތެރިކަމާއި އެކު މުޖުތަމަޢުގައި އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށެވެ. އަދި އެންމެން ގުޅިގެން އަމާންކަމާއެކު ކުރިއެރުމުގެ މަގު ފަހިކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ދަނީ އެންމެން ޝާމިލުވާ މުޖުތަމަޢެއް ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެފަދަ ފަރާތްތަކަކީވެސް ޤައުމުގެ ކުރިއެރުމުގައި ދައުރެއް އަދާކުރެވިދާނެ ބަޔަކަށް ހެދުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވައެވެ.