
ކެންސަރު ބައްޔަށް ބޭނުންކުރާ “އިމްފިންޒީ” ނަމަކަށް ކިޔާ ބޭހުގެ ފޭކު އުފެއްދުންތަކެއް މާކެޓުގައި ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިމްފިންޒީ އިންޖެކްޝަނުގެ 10 އެމްއެލްގެ ތިން ބެޗެއްގެ ފޭކު އުފެއްދުންތަކެއް އިރާނާއި ތުރުކީގައި ދައުރުވަމުންދާކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ފާހަގަކޮށްފައިވާ ކަމަށެވެ.
“ޑަބްލިއުއެޗްއޯގެ މި އިންޒާރާ ގުޅިގެން އަޅުގަނޑުމެން ވަނީ ބަލައި ޗެކްކޮށްފައި. އަދި މި ބޭހުގެ އެއްވެސް ނަކަލު އުފެއްދުމެއް ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވޭ،” އެމްއެފްޑީއޭގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ނަޒީމް ވިދާޅުވިއެވެ.
ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް އިމްޕޯޓްކުރާ ހުރިހާ ބޭހެއް ޚާއްޞަ ސަމާލުކަމެއް ދީގެން ބަނދަރުތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.