އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފިއެވެ.މި ދީލަތި އެހީގެ ސަބަބުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި އެހީއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދެއްވުމުގެ އެހީ ކަމަށެވެ. އެހެންކަމުން، ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ.ހަމަ އެހެންމެ، މި އެހީތެރިކަމުގެ ސަބަބުން ދިވެހި ސަރުކާރުން ކުރަމުން އަންނަ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެކަން ދިވެހި ސަރުކާރުން ފާހަގަކުރައްވާކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.ދިވެހި ސަރުކާރުގެ އުއްމީދަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދިއުންކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
