ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް މޯލްޑިވްސް ގޭހުން އެޑްވާންސްގެ ގޮތުގައި ދޫކުރި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އަނބުރާ ނުލިބުމާއި ގުޅިގެން އެ ކުންފުންޏާއި މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ގޭހުން ވަނީ ހާމަކޮށްފައެވެ.
ރާޖެއަށް ބޭނުންވާ ގޭސް ގެންނަން ދުބާއީ ކުންފުންޏަކާއި އެކު 8 ލައްކަ ޑޮލަރުގެ ޑީލެއް ހަދައި އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ބަލައި ދިނުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހަށް އިއްޔެ މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރެވެ.
ޝާކިރުގެ ސިޓީގައި ވިދާޅުވީ ނޫސް މަޖައްލާތަކުގައާއި ސޯޝަލްމީޑިއާގައިވާ ލިޔުންތަކުގައި މޯލްޑިވް ގޭސް އިން އޮކްޓޯބަރު 2024 ގައި އޯޑަރުކޮށްފައިވާ 800،000 ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،000 ޑޮލަރާއި ގުޅޭ މައްސަލައަކީ ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.
އެހެންވެ އެ މައްސަލައިގައި މައުލޫމާތުތައް ހޯދައި ފުރިހަމަ ތަހުގީގެއް އެސްއޯއީ ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންގޮސްދިނުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
މީގެއިތުރުން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު، ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ބެލެވޭ ގޮތަކަށް ޕޯސްޓެއް ކުރައްވާފައިވާތީ އެ މައްސަލަވެސް ބަލައިދިނުމަށް އެދިވަޑައިގެންފައި ވެއެވެ.
ދުބާއީ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި ފައިސާއަށް ލިބެންޖެހޭ ގޭސް ނުލިބޭ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މޯލްޑިވްސް ގޭހުގެ އިސް އޮފިޝަލެއް މަޢުލޫމާތު ދެއްވި ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުބާއީގެ ޖަކްޝާ އެނާޖީއަށް އެޑްވާންސްގެ ގޮތުގައި ދެއްކީ ގޭސް ޝިޕްމެންޓްގެ 30 ޕަސެންޓަށްވާ ފައިސާއެވެ. ނަމަވެސް އެއްބަސްވެފައިވާ މުއްދަތުގައި ގޭސް ޝިޕްމެންޓް ނުލިބުމާ ގުޅިގެން އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
”ސަޕްލަޔަރާ އެކި ފަހަރު މަތިން ވާހަކަދެއްކުމުންވެސް އެޑްވާންސް ފައިސާ އަނބުރާ ދީފައެއް ނުވޭ،“މޯލްޑިވްސް ގޭހުގެ އޮފިޝަލް ވިދާޅުވިއެވެ. އާންމުކޮށް މޯލްޑިވްސް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
މޯލްޑިވްސް ގޭހުން އިތުރަށް ހާމަކުރި ގޮތުގައި، ގޭސް ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށެވެ. މިގޮތުން ”ރިކުއެސްޓް ފޯ ކޯޓޭޝަން“ ފޮނުވައިގެން، އިތުބާރުހިފޭ އަދި އެންމެ އަގުހެޔޮކޮށް ގޭސް ފޯރުކޮށްދޭ ސަޕްލަޔަރެއް ބަލައިގެން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ގޭހުން ބުނެފައިވެއެވެ.
