
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ މުއާމަލާތެއް ހިންގިކަމަށް ދައުލަތުން ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ހެކިބަސް ނުދޭން އަހުމަދު ނަރީޝް އާއި ޝުއާއުﷲ ސައީދު ނިންމުމުން، މަޖުބޫރުކޮށްގެން ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ޔާމީންގެ އިސް ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މި މައްސަަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ. އެގޮތުން އަޑުއެހުން ފެށުމުގެ ކުރިން ކޯޓަށް ފޮނުވި މެއިލެއްގައި، ޔާމީންގެ ހެކީންގެ ގޮތުގައި ހުށަހެޅި ނަރީޝް އާއި ޝުއާއު ހެކިބަސް ދޭން އިންކާރު ކުރައްވައި ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ބުނެފައި ވެއެވެ.
ޔާމީންގެ ފަރާތުން ނަރީޝްއާއި ޝުއާއު ހެކިންގެ ގޮތުގައި ހުށަހެޅުއްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތުކުރުމަށެވެ. އެހެންނަމަވެސް އެ ދެ މީހުންވެސް ހެކިބަސް ދޭން ބޭނުން ނުވާކަމަށް ކޯޓަށް އަންގާފައިވާތީ މައްސަލަ ބައްލަވާ ޣާޒީ ވަނީ އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ.
ރައީސް ޔާމީންގެ އިސް ވަކީލު ޑރ. ޖަމީލް ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކޮށްގެން މަޖުބޫރުން ހެކިބަސް ނަގަން ރައީސް ޔާމީން ބޭނުންފުޅު ނުވާ ކަމަށެވެ.
އެއާއެކު ގާޒީ ވަނީ އެ ދެ ހެކިވެރިންނަށް އިތުރު ފުރުސަތެއްދީ، ހެކި ބަސް ނަގަން އަންނަ މަހަށް އަޑުއެހުމެއް ތާވަލުކުރައްވާފައެވެ. މައުލޫމާތު ލިބުނުގޮޮތުގައި މިވަގުތު ނަރީޝް އަދި ޝުއާއު ވެސް ހުންނެވީ ރާއްޖޭން ބޭރުގައެވެ.