
އިސްރާއީލާއި ދެކޮޅަށް ޖިހާދު ކުރުން ވާޖިބު ވެއްޖެ ކަމުގައި ފަތުވާ ދެއްވި އިސްލާމީ ޢިލްމުވެރިންގެ ޖަމްޢިއްޔާ (IUMS) އަކީ ކޮބައިތޯއެވެ؟
الاتحاد العالمي لعلماء المسلمين (International Union of Muslim Scholars) ނުވަތަ ބައިނަލް އަޤްވާމީ އިސްލާމީ ޢިލްމުވެރިންގެ ޖަމްޢިއްޔާ އަކީ 2004 ގައި އުފެއްދިފައިވާ ސުންނީ ޢިލްމުވެރިންގެ ޖަމްޢިއްޔާ އެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަގުޞަދަކީ އުންމަތަށް ދިމާވާ ބޮޑެތި މަސްއަލަ ތަކުގައި އިސްލާމީ ޢިލްމުވެރިންގެ ޚިޔާލު އެއްގޮތް ކުރައްވައި އެކައްޗެއް ކިއުއްވުމެވެ. މި ޖަމްޢިއްޔާ ޙަރަކާތްތެރިވަނީ ސަރުކާރު ތަކުގެ ސީދާ ބައިވެރި ވުމެއް ނެތި އަމިއްލަ ޙައިސިއްޔަތަކުންނެވެ. މި ޖަމްޢިއްޔާ އެކުލެވިގެންވަނީ 67 ޖަމްޢިއްޔާއާއި 95،000 ޢިލްމުވެރިންގެ މައްޗަށެވެ. އިދާރީ މަރުކަޒު ހުންނަނީ ޤަޠަރާއި އަދި އަޔަރލޭންޑްގެ ވެރިރަށް ޑަބްލިން ގައެވެ. ޖަމްޢިއްޔާ ވުޖޫދަށް ގެންނެވުމަށް އިސްވެ އުޅުއްވި ބޭފުޅުންގެ ތެރޭގައި މިފަހަކުން އިސްލާމީ ދުނިޔޭގައި އުޅުއްވި އެންމެ ބޮޑު ޢިލްމުވެރިޔާ ކަމުގައި ބެލެވޭ (ޤަޠަރުގައި އުޅުއްވި) މިޞްރުގެ ޢައްލާމާ ޔޫސުފް އަލް ޤަރްޟާޥީ (1926 އިން 2022 އަށް) އާއި ނުފޫޒުގަދަ އެހެން ޢިލްމުވެރިއެއް ކަމުގައިވާ މުރިޠާނިއާގެ ޢައްލާމާ ޢަބްދުﷲ ބިން ބައްޔާ ހިމެނި ވަޑައިގަންނަވައެވެ. ޢުމާންގެ ބޮޑު މުފްތީ އާއި ސަޢޫދީ ޢަރަބިއްޔާގައި ޖަލަށް ލާފައިވާ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ސަލްމާން އަލް ޢަޥްދާ އަކީވެސް މި ޖަމްޢިއްޔާގެ އިސް ބޭފުޅުންނެވެ. ސަލްމާން އަލް ޢަޥްދާ ވަނީ 2017 އިން ފެށިގެން ޖަލުގައެވެ. އެއީ ސަޢޫދީ ޢަރަބިއްޔާއިން 2017 ގައި ޤަޠަރާއި ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅަށް ތާއީދު ކުރައްވައި އެއްޗެއް ވިދާޅުވާން ދެކޮޅު ހެއްދެވުމުގެ ސަބަބުންނެވެ. އޭގެ ފަހުން އެމަނިުފާނުވަނީ ދަޢުވާއަކާއި އަދި ސަރިޔަތަކާއި ނުލައި ޢާއިލާޔާއި އަދި އެހެން މީހުންނާއި ބައްދަލު ނުކުރެވޭގޮތަށް އެކަހެރި “ކުޑަ ގޮޅީގައެވެ.” ސަޢޫދީ ސަރުކާރުން ހުށަހަޅާފައިވަނީ އެމަނިކުފާނަށް މަރުގެ ޙުކުމް ކުރާށެވެ. އޭގެ އަހަރު ތަކެއް ކުރިން، މަރްޙޫމް ޑރ. ޢަބްދުލް މަޖީދު ޢަބްދުލްބާރީގެ އިސްލާމީ ވަޒީރު ކަމުގެ ދުވަސްވަރުގައި ޑރ. ޢަބްދުލް މަޖީދުގެ ދަޢުވަތަކަށް ޝައިޚު ސަލްމާން އަލް ޢަޥްދާ ރާއްޖެއަށް ޒިޔާރަތް ކުރައްވައި އިސްލާމީ މަރުކަޒުގެ މާލަމުގައި ތަގްރީރު ކުރެއްވެވިއެވެ. އެދުވަހު ޕޯޑިއަމްގައި ހުންނަވައިގެން ޝައިޚު އަލްޢަޥްދާ ވިދާޅުވެލެއްވި ބައެއް ޢިބާރަތްތައް އަދިއަދަށްދާންދެންވެސް އަޅުގަނޑުގެ ސިނކުޑީގައި ހަރުލާފައި އެބަ ހުއްޓެވެ.
މި ޖަމްޢިއްޔާގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޔޫސުފުލް ޤަރަޟާޥީ އާއި ސަލްމާން ޢަޥްދާ ފަދަ ބޭފުޅުންނަކީ އިޚުވާނުލް މުސްމިލޫން ގެ ފިކުރުގެ ޢިލްމުވެރިންނެވެ. އެއީ މުސްލިމުން ނިދާފައި ތިބުމުގެ ބަދަލުގެ ދުނިޔޭގެ މައިދާން ތަކުގައި އަދި ވަކިން ސިޔާސީ މައިދާނަށް ނިކުމެ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދައި އެބާރުގެ ބޭނުން ކޮށްގެން މުޖުތަމަޢު އިސްލާޙު ކޮށް ދީނަށް ނަޞްރު ދިނުމުގެ ނިޔަތުގައި 1928 ގައި މިޞްރުގައި އުފެއްދު ވަރުގަދަ އިސްލާމީ ޙަރަކާތެކެވެ. މިޞްރުގެ އިޚުވާނުލް މުސްލިމޫންއާއި މިޞްރުގެ އިޚުވާނީ އަދި ހަމައެކަނި އިންތިޚާބީ ރައީސް ޝަހީދު ޑރ. މުޙައްމަދު މުރުސީ (1951 އިން 2019 އަށް) އާއި ފަލަސްޠީނުގެ ޙަމާސް ޖަމާޢަތާއި އެޖަމާޢަތުގެ ލީޑަރު ޝަޙީދު އަލްޤާއިދު އިސްމާޢީލް ހަނިއްޔާ (1962 އިން 2024 އަށް) ހިމެނިވަޑައިގަންނަވަނީ މި ފިކުރުގެ ތެރޭގައެވެ. ވެރިންގެ ބަސްއަހައިގެން އެމީހުންގެ ތައްޕާހުގައި އެމީހުން ރުހޭ ފަތުވާތައް ނެރެދޭން އިސްލާމީ ޢިލްމުވެރިން ބައިތިއްބަން ބޭނުންވާ ސަޢޫދީ ޢަރަބިއްޔާއާއި އެމީހުންގެ ބައިވެރިންނަށް މިފަދަ “މިނިވަން” ފިކުރު ތަކަކީ ބޮޑު ނުރައްކަލެކެވެ. އެހެންކަމުން ސަޢޫދީ ސަލަފީ / ޥައްހާބީ ބޮޑެތި ޢިލްމުވެރިން ފަތުވާ ދެއްވާ ގޮތުގައި އިޚުވާނީ ފިކުރަކީ “މަގުފުރެދިފައިވާ” ފިކުރެކެވެ. ހަމަ މިފަދައިން މިޞްރުގެ ސަރުކާރުގެ ބާރުގެ ދަށުގައި މިހާރު އޮންނަ އަޒުހަރު ޔުނިވަރިސިޓީގެ އިސް ބޭފުޅުންގެ ބަހަކީވެސް މިއެވެ. ސަޢޫދީންނާއި އެމީހުންނަށް ތަބާވާ ޢަރަބި ދައުލަތްތަކުން 2017 ގައި މި ޢިލްމުވެރިންގެ ޖަމްޢިއްޔާ (IUMS) އަކީ “ޓެރަރިސްޓް” ޖަމާޢަތެއް ކަމުގައި ކަނޑަ އެޅިއެވެ.
ދާދިފަހުން މި ޖަމްޢިއްޔާއިން ވަނީ އިސްރާއީލާއި ދެކޮޅަށް ތެދުވެ ޣައްޒާގެ ދިފާޢުގައި ޙަރަކާތްތެރި މަސައްކަތްތަކެއް ކުރުމަކީ އިސްލާމީ ދައުލަތް ތަކަށް މިއަދު ވާޖިބުވެގެންވާ ކަމެއް ކަމުގައި ފަތުވާ ދެއްވާފައެވެ. އެކިއެކި އިސްލާމީ ޖަމްޢިއްޔާ ތަކާއި އަދި ޢިލްމުވެރިން ވަނީ މިފަތުވާޔަށް ތާއީދު ކުރައްވާފައެވެ. އޭގެ ތެރޭގައި މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ބޮޑު ޢިލްމުވެރިޔާ ކަމުގައި ހިމެނޭ ޕާކިސްތާނުގެ މުފްތީ ތަޤީ ޢުޘްމާނީ ހިމެނިވަޑައިގަންނަވާ ކަމުގައި ޚަބަރުތައް ބުނެއެވެ. މި ފަތުވާޔާއި ދެކޮޅަށް ފަތުވާ ދެއްވި ބޭފުޅުންގެ ތެރޭގައި މިސްރުގެ “ފިރުޢަޥްނީ” ވެރިންގެ ދަށުގައި ހުންނެވި އަޒުހަރުގެ ބޮޑު މުފުތީއާއި ޢަރަބި ތެޔޮ ދައުލަތް ތަކުގެ މުފުތީންނާއި ޢިލްމުވެރިން ހިމެނެއެވެ. އެބޭފުޅުންގެ “ޙިކުމަތު ޢަމަލީ” ނަޒަރުގައި އިސްރާއީލާއި ދެކޮޅަށް ދުނިޔޭގެ މުސްލިމް ސަރުކާރުތަކުން ތެދުވެ ކަމެއް ކުރާން އުޅޭވަރުގެ ކަމެއް އިސްރާއީލުން އަދި ނުކުރަނީތާއެވެ