
ދިވެހިން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައިން ދުރުހެލިކޮށް، ރައްކާތެރި، ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމުގެ މާތް ޢަޒުމުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ޚާއްޞަ މަސައްކަތުގެ ތެރެއިން މިއަދު ވަޒިރުންގެ މަޖިލީހާއި ބައްދަލުކުރައްވައި ގޮތެއް ނިންމުމާއިމެދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ދުންފަތް މަނާކުރުމަށް ރައީސް ވަނީ 3 ޗޮއިސް އެއް ދެއްވައި އެކަމަށް ޢާންމުންގެ ޚިޔާލަށް އެދިވަޑައިގެންފައެވެ.
ރައީސް ހުށަހަޅުއްވާފައިވާ ތިން ގޮތަކީ 2000ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް (25 އަހަރުން ދަށުގެ އުމުރުފުރާ) ނުވަތަ 2004ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް (21 އަހަރުން ދަށުގެ އުމުރުފުރާ) ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް (18 އަހަރުން ދަށުގެ އުމުރުފުރާ) ދުންފަތް މަނާކުރާގޮތަށް ކަނޑައެޅުމެވެ.
މި ޕޯލާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކޮށްފައި ވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމެވެ.