މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭން އެންމެ ރަނގަޅީ ޑރ. އަޙްމަދު ޝަމްހީދު އަށް ކަމަށް އަރިއަތޮޅު ދެކުނުބުރިއާއި ލާމު އަތޮޅުގެ ގިނަ ރައްޔިތުން ބުނެފިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިހާރު ހުންނެވީ ލާމު އަތޮޅު ނިންމަވާލެއްވުމަށް ފަހު އ.ދ އަތޮޅުގައެވެ. ލާމު އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވެވި ދަތުރުފުޅުގައި ރައްޔިތުންގެ މެޖޯރިޓީ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދިނުމަށް ތާޢީދު ކުރައްވާ ކަމަށާއި ސަބަބަކީ އެ ޕާޓީތެރޭގައި މިވަގުތު ހުންނެވި އެންމެ ޢިލްމީ ޤާބިލް ބޭފުޅަކީ ޑރ. ޝަމްހީދު ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ވެސް ދައްކަމުން ގެންދަވާ ރިވެތި އަޚުލާޤާއި ނަމޫނާ” އެވެ.

ޑރ. އަހުމަދު ޝަމްހީދަކީ ރައްޔިތުންގެ މަޖލީހަށް ވަޑައިގަތުމުގެ ކުރިން ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މިނިސްޓަރުކަން ވެސް ކުރެއްވެވި ބޭފުޅެކެވެ. މީޑިއާގެ މިނިވަންކަމާއި، އިގްތިޞާދަށް ނުރައްކާވާ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހުގައި އަޚްލާޤީ މިންގަނޑު ހިފަހައްޓަވަމުންނެވެ.
