ސޯމާލިއާގެ ސަރުކާރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް ބާތިލްކޮށްފިއެވެ. ސޯމާލިއާ އިން މިގޮތަށް ނިންމީ އެ ޤައުމުގެ އިސްތިޤުލާލާއި ޚިލާފު އެތައް ކަމެއް ޔޫއޭއީން ހިންގާފައިވާ ކަމަށް ބުނެއެވެ. އެގޮތުން ސޯމާލިއާ އިން ވަނީ އެ ޤައުމުގައިވާ ޔޫއޭއީގެ އަސްކަރީ މަރުކަޒުތައް ހުސް ކުރުމަށް ވެސް ގަލްފް ސްޓޭޓަށް އަމުރުކޮށްފައެވެ.
ސޯމާލިއާގެ ކަމާބެހޭ ފަރާތްތަކުން މިފަދަ ބޮޑު ނިންމުމެއް ނިންމީ ޔަމަނުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ލީޑަރަކަށް މޮގަޑިޝޫގެ ހުއްދަ ނެތި ސޯމާލިއާގެ ވައިގެ ސަރަޙައްދަށް ޓްރާންސިޓް ކުރުމުގެ ހުއްދަ ޔޫއޭއީން ދީފައި ވާތީއެވެ. މިއީ ސޯމާލިއާގެ ޤައުމީ އިސްތިޤްލާލާއި ބައިނަލްއަޤްވާމީ އުޞޫލުތަކާއި ސީދާ ޚިލާފު ކަމެއް ކަމަށް ސޯމާލިއާ އިން ބުނެއެވެ.
ސޯމާލިއާ އިން މި ނިންމުން ނިންމާފައިވަނީ ރަތް ކަނޑުގެ ފިތުނަތައް ވަރުގަދަވެ، ބޭރުގެ އަސްކަރިއްޔާއަކުން ނުފޫޒު ފޯރުވަފާނެ ކަމަށް ތުހުމަތުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
