މިހާރުގެ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން ރައްޔިތުންނަށް ފާހަގަވެ، އެކަމަށް އާންމުންގެ ތާއީދު ވަނީ ލިބިފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އޭގެތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަމަށް އައި މުހިއްމު އެއް ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންކުރައްވާފައިވާ ބޭފުޅުންނަށް ދިވެހި ދައުލަތުންދެއްވާ އިނާޔަތަކަށް ބައެއް ބަދަލުތައް ގެންނެވުމަށް ނިންމެވި ނިންމެވުމެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ކުރީގެ ރައީސުންނަށާއި މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތަކަށް އިސްލާހު ގެންނަން މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަކުރުމަށްޓަކައި ވަރަށް މުހިއްމު ފިޔަވަޅެއްކަން ޔަގީނެވެ.
ރައީސުލްޖުމްހޫރިއްޔާކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ. އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މަހަކު 75,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢަށް ފައިދާހުރި އިޖުތިމާޢީ މަސައްކަތްތައްކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށްވެސް ޤާނޫނުގައި އޮވެއެވެ.
ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ޤާނޫނުން ލިބިދޭ މި އިނާޔަތްތަކަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރެއެވެ. އެގޮތުން ކޮންމެ ރައީސަކަށްވެސް ފައިސާގެ އިނާޔަތާއި ލިވިންގ އެލަވަންސްއަކާއި އޮފީސް ހިންގުމަށާއި ބޭސްފަރުވާކުރުމަށް ވަކިވަކިން ފައިސާދެއެވެ.
އެހެންކަމުން ކުރީގެ ރައީސުންގެ އިނާޔަތްތަކަށް މިއަހަރަށް ލަފާކުރި ބަޖެޓުގައި 19.7 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި މި އަދަދު ކޮންމެ ދައުރަކުން ދާނީ އިތުރުވަމުންނެވެ. އެއާއެކު އުފެދޭ ސުވާލަކީ ކުރީގެ ރައީސުންނަށްދެވޭ މި އިނާޔަތަކީ ދޭން ޖެހޭ އެއްޗެއް ތޯއެވެ؟ މިއީ ރައްޔިތުންގެ ފައިސާއެވެ. މިސާލަކަށް ކޮންމެ ރައީސަކަށްވެސް ލިވިން އެލަވަންސެއް ސަރުކާރުންދެއެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ ވެރިކަންކޮށްފައިވާ ރައީސުންގެ ތެރެއިން ގިނަ ބޭފުޅުން މާލޭގައި ދިރިއުޅުއްވަނީ އަމިއްލަފުޅުގެ ނުވަތަ އަނބިކަނބަލުންގެ ގެކޮޅުތަކުގައެވެ. އޮފީސް ހިންގުމަށް އިނާޔަތެއްދޭއިރު، އޮފީހެއް ހަދައިގެން އެކަށީގެންވާ އިޖުތިމާޢީ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވަނީ ކުރީގެ ބައެއް ރައީސުންނެވެ. ކަން މިހެން އޮތްއިރު، ކުރީގެ ރައީސުންނަށް ލިބިދޭ އިނާޔަތްތަކަކީ ދައުލަތުގެ ބައިތުލްމާލުންދޭން އެކަށީގެންވާ މިންވަރެއްތޯ އެއީ ގިނަބަޔަކު އުފައްދާ ސުވާލެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މިފަދަ ބޮޑެތި ޚަރަދުތައް ހަމަޖެއްސުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.
ކުރީގެ މަޖިލިސް މެންބަރުންގެ އިނާޔަތްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން މަޖިލީހުގައި 1 ދައުރު މެންބަރުކަން ކޮށްފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަޤާމުގައި ހުންނަ ބޭފުޅަކަށް އޮންނަ މުސާރައެއްގެ %30 އިންސައްތަ ދައުލަތުން ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 2 ދައުރު މެންބަރުކަންކޮށްފައިވާ ބޭފުޅަކަށް %45 އިންސައްތައެވެ. މި އިނާޔަތްތައް ލިބޭނީ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުން ވަކިވުމަށްފަހު އަދި އެމެންބަރެއްގެ ޢުމުރުން 55 އަހަރު ފުރުމަށް ފަހުގައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ޞިއްޙީ އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވެސް ޤާނޫނު ލާޒިމުކުރެއެވެ. މިއީ ކިހާބޮޑު ޚަރަދެއް ނޫންތޯއެވެ؟ ރައްޔިތުންގެ ޓެކްސް ފައިސާ މިގޮތަށް ބުރުވާލަން ޖެހޭތޯ މިއީ އެތައް ހާސްބަޔަކު މިއަދު ދައްކާ ވާހަކައެކެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ މީހަކު ހޯދި މަޢުލޫމާތަކަށް ބަލާއިރު، 2014ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ކުރީގެ މެންބަރުންނަށް އިނާޔަތުގެ ގޮތުގައި 35 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާކަން ވަނީ ހާމަވެފައެވެ. 2014ވަނަ އަހަރު 5 މެންބަރަކަށް ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު 59 މެންބަރަކަށް 7.7 މިލިޔަން ރުފިޔާ ޚަރަދުކުރަން ވަނީ ޖެހިފައެވެ. އަދި މަޖިލީހުގެ މެންބަރުންގެ އަދަދު އާބާދީއާ އެއްވަރަށް ކޮންމެ 5 އަހަރަކުން އިތުރުވާ ގޮތަށް އޮންނައިރު، ކުރީގެ މެންބަރުންގެ އިނާޔަތަށް ޚަރަދުކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެއެވެ. ރާއްޖޭގެ މިއަދުގެ ޙާލަތަށް ވިސްނާއިރު، މިއީ ޚަރަދުކުރަން އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ.
ދައުލަތުގެ މާލީ ހާލަތު ދަށް ކަމަށް ރައީސް ވިދާޅުވަމުންދާއިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން މިފަދަ ބޮޑެތި ޚަރަދުތައް ހަމަޖެއްސުމަކީ އިސްލާމީ އުސޫލުތަކާވެސް އެއްގޮތް ނޫންކަމަށް ދެކެވެއެވެ. ދައުލަތުގެ ބައިތުލްމާލު ހުސްކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނެވެ.
އެހެންކަމުން ކުރީގެ ރައީސުންނަށާއި މެންބަރުންނަށްދޭ ބައެއް އިނާޔަތްތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވޭނެއެވެ. އަދި އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ބޮޑުވުމަށް ލުޔެއް ލިބޭނެއެވެ.
އިނާޔަތްތައް ކުޑަކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު މަދުކުރުމަށް ބޭނުންވާ އިސްލާޙު ގެނައުމަށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވަނީ ހިމަނުއްވާފައެވެ. މި އިސްލާހަށް އިދިކޮޅު އެމްޑީޕީންވެސް ތާޢީދުކުރާކަން ވަނީ ހާމަކޮށްފައެވެ.
މިއީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު، ވަރަށް ދުރު ރާސްތާ ބޭނުންތަކެއް ހާސިލުކުރެވޭނެ ހެޔޮ ބަދަލެކެވެ. ދައުލަތުގެ ބައިތުލްމާލަކީ ރައްޔިތުންގެ ފައިސާއެވެ. އެ ފައިސާ ހޭދަކުރަންވާނީ ރައްޔިތުންގެ ތަރައްޤީއަށާއި، ޞިއްޙަތަށާއި، ތަޢުލީމަށާއި، އިޖުތިމާޢީ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އެގޮތުން، ޚަރަދުތައް ކުޑަކޮށް، ދައުލަތުގެ މާލިއްޔާ ރަނގަޅު ދިމާލަކަށް އެނބުރުވުމަށް ކުރާ މި މަސައްކަތަކީ ވަރަށް މުހިއްމު، އަދި ވަގުތަށް އެކަށީގެންވާ މަސައްކަތެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ދައުލަތުގެ ކުރީގެ ވެރިންނަށާއި މަޖިލިސް މެމްބަރުންނަށް ބޮޑު އިނާޔަތްތަކެއް ދިނުމުގެ ބަދަލުގައި، އެ ފައިސާ ދައުލަތަށް ފައިދާހުރި ގޮތުގައި ބޭނުން ކުރަން އެބަ ޖެހެއެވެ.

