ފަލަސްޠީނުގެ މައްސަލަ ސުލްޙަވެރިގޮތުގައި ޙައްލުކުރުމަށާއި، ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމަށް ގޮވާލާ، އ.ދ.ގެ ޢާންމު މަޖިލީހުގައި ފާސްކުރި “ނިއުޔޯކް ޑެކްލަރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން” ޤަރާރަށް ދިވެހިރާއްޖެއިން ރަސްމީކޮށް ތާއީދުކޮށްފިއެވެ. މި ޤަރާރު ބަލައިގަނެފައިވަނީ އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.
މި “ނިއުޔޯކް ޑެކްލަރޭޝަން” އަކީ، މި އަހަރުގެ ޖުލައި މަހުގެ 28 އިން 30އަށް ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވުނު “ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން” ގެ ނަތީޖާ ޑޮކިއުމެންޓެވެ.
މިއަދު ބޭއްވުނު އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި މި ޤަރާރު ފާސްކޮށްފައިވަނީ ވަރަށް ބޮޑު ތާއީދަކާއެކުގައެވެ. ވޯޓުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން 142 ޤައުމުން ވަނީ މި ޤަރާރަށް ތާއީދުކޮށްފައެވެ. ޤަރާރާ ދެކޮޅަށް 10 ޤައުމުން ވޯޓުދީފައިވާއިރު، 12 ޤައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ޑެކްލަރޭޝަންގެ މައިގަނޑު މަޤުޞަދަކީ، ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ގޮވާލުމެވެ. އަދި ފަލަސްޠީނުގައި މިނިވަން، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ޤާއިމުކުރުމަށް ވަނީ ބާރުއަޅާފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ އުސޫލުތަކާއި، ސަރައްޙައްދީ ސަލާމަތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ޤައުމުތަކަށް ލިބޭ ޙައްޤު އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ.
މި ޤަރާރަށް ޢަރަބި ލީގުން މީގެ ކުރިން ތާއީދުކޮށްފައިވާއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި އ.ދ.ގެ މެންބަރު 17 ޤައުމަކުން އެ ޤަރާރުގައި ސޮއިކޮށްފައިވެއެވެ. މި ޤަރާރު ބަލައިގަންނަން ފާސްކޮށްފައި މިވަނީ، ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ ޢާންމު ބައްދަލުވުމުގެ ކުރިންނެވެ. މި ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން ވަނީ އިޢުލާނު ކުރައްވައިފައެވެ. އޭގެ އިތުރުން މޮލްޓާއާއި ކެނެޑާއާއި އިނގިރޭސިވިލާތާއި ބެލްޖިއަމުން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައެވެ.
