މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވަގަށް ކަރަންޓް ނަރު ނެގި މީހަކު 8 މަހަށް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހުކުމް ކޮށްފައިވަނީ މާލެ، ކަކޮޅަސް، މުހައްމަދު އަލްތާފްގެ މައްޗަށެވެ.
ދައުލަތުން ވިދާޅުވީ،
12 ޑިސެމްބަރު 2023 ވަނަ ދުވަހުގެ 9:20 އެހާކަންހާއިރު އައިއޭއެމްއެސް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން މއ. ކާމިނީގޭގައި ހަދަމުން ދިޔަ އިމާރާތުގެ މަސައްކަުގެ ބޭނުމަށް އެ ކުންފުނިން އެ އިމާރާތުގެ ތެރޭގައި ބަހައްޓާފައި ހުރި 2.5 އެމްއެމްގެ ކަރަންޓް ނަރު 2 ރޯލާއި، 1.5 އެމްއެމްގެ ކަރަންޓު ނަރު ރޯލެއް ވަގަށް ނަގާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ އަމިއްލައަށް ކަމަށް ބުނެ، އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ.
އަދި ޝަރީއަތުގެ މަޖިލީހުގައި ހާދިސާ ހިނގައި ދިޔަ ގޮތްކިޔައި ދެމުން އޭނާ ބުނީ، އޭނާ އަކީ ކުރިން ވެސް އެގެއަށް ގޮސް އުޅޭ މީހެއް ކަމަށާއި، ދައުވާގައި ބަޔާން ކުރާ ދުވަހު ވެސް އެ ގެއަށް ވަދެފައިވާނެ ކަމަށެވެ. އަދި ދައުވާގައި ބަޔާން ކުރާ ކަރަންޓް ނަރުތައް ނަގާފައިވަނީ އެއީ ކުނި އުކާލަން ހުރި ތަކެތި ކަމަށް ހީކޮށްގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ވައްކަން ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ދައުވާއަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް އަންނަނީ 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ ކުށުގެ ރެކޯޑަށް ބެލުމުން، ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އެ ބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާކަން އެނގެން އޮތުމުން، ކުށުގެ އަދަބު 1 ދަރަޖަ މަތިކޮށް އޭނާގެ މައްޗަށް އަންނާނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
