ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވަކާލާތު ކުރުމަކީ ރަނގަޅު ނިޔަތެއް ކަމަށް ވެދާނެއެވެ. ނަމަވެސް އަމަލީ ގޮތުން އެކަން ފުރިހަމައަށް ތަންފީޒު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ގިނަ ކުޑަކުދިން ބޭނުންކުރަނީ މައިންބަފައިންގެ ފޯނު ކަމަށް ވެފައި އޭގައި ހުންނަ އެޕުތައް ހުންނަނީ އެ މައިންބަފައިންގެ ނަމުގައި ރަޖިސްޓްރީކޮށްފައެވެ. މިޖެހުނީ ކޮންތާކުތޯއެވެ؟ ދެކުނުގެ އަތޮޅުތަކުގެ މީހުން ބުނާހެން “ގޫފާލެ” އޭ ނުކިޔާށެވެ. ބަލަގަ މައިންބަފައިން ނުވަތަ ބޭބެ ދައްތަމެން ރަޖިސްޓްރީ ކޮށްފައި ހުންނަ އެކައުންޓުތަކަށް އެއްކަލަ 16 އަހަރު ނުފުރޭ ކުއްޖާ އަށް މި އެކްސެސް ވެވެނީއެވެ. އެހެންވީމާ އުމުރަށް ބަލާފައި ތިޔަ ކަނޑައަޅާ ހުރަސްތައް ވަރަށް ފަސޭހައިން ފޫއަޅުވާލެވޭނެއެވެ. ތިޔައީ ހަމަ ކައިރި ފިހާރައަކަށް ގޮސް މެޓައެއް ގަތުން ކަހަލަ ކަމެކެވެ.
އެހެންވީމާ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން އުޅުނަސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ޤާނޫނެއް ހެދިދާނެއެވެ. އެކަމަކު ތަންފީޛެއް ނުކުރެވޭނެއެވެ.
ދަންނަވަންތޯއެވެ. ތިމާ މިހިރީ މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައެއް ނޫނެވެ. އަދި ކިއެއްތަ ކޮންމެ ފޯނެއް އެ ބޭނުން ކުރަނީ ކާކުކަން ތަންފީޛީ އިދާރާ ތަކަށް ވަގުތުންވަގުތަށް ދެނެގަނެވޭނެ އެއްވެސް ޓެކްނޮލޮޖީއެއް ނެތެވެ.
ދެން އޮތީ ސޯޝަލްމީޑިއާ އެކައުންޓުތަކެވެ. މި ރާއްޖޭގައި ބޭނުންކުރާ އަދި ބޭނުން ކުރެވޭނެ ސޯޝަލްމީޑިއާ އެކައުންޓު ތަކަކީ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއައްސަސާގެ ސިސްޓަމްތަކާއި ގުޅުވާފައިވާ އެކައުންޓްތައް ހެއްޔެވެ؟ ނޫނެކެވެ! ވީ އިރު ތިޔަ “ގޫފާލެއް” ކަހަލަ ވާހަކަ ދައްކައި އުޅުނަސް ތިޔަ ކަމެއް ނުވާނެއެވެ. ވުން، މުސްތަހީލެވެ.
ސަބަބަކީ ބެލެނިވެރިންނަށް ވެސް މިކަންކަމެއް ދާއިމީކޮށް ނުބެލެހެއްޓޭނެތީއެވެ.
ދެން އޮތީ ސަރުކާރެވެ. ދިވެހިރާއްޖޭގެ ޓެލެކޮމް އޮފީހާއި އަދި ސަރުކާރުން ހުއްދަ ދީގެން މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ދެކުންފުންޏަށް ވަކި ވެބްސައިޓްތަކަށް ވަނުން ހުއްޓުވިދާނެއެވެ. ނަމަވެސް ސޯޝަލްމީޑިއާ އެޕްތަކުން ފެންނަ ފޮޓޯ އާއި ވީޑިއޯ ވަގުތުން ވަގުތަށް ސެންސަރެއް ނުކުރެވޭނެއެވެ.
އެހެން ކަމުން އުފަދޭ ސުވާލަކީ ޓެކްނޮލޮޖީ މަނާ ކުރުމަކީ މި ޒަމާނުގައި ހައްލު ކަމަށް ދެކެން ވީ ތޯ އޭ ނުވަތަ ކުދިންނަށް އެކަން ޒިންމާދާރުކަމާއެކު ބޭނުންކުރަން ދަސްކޮށްދޭންވީ ތޯއެވެ؟
