ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސުންނަށް ދައުލަތުންދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް ނިންމަވާފައިވާ ނިންމެވުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤާނޫނުގެ ދަށުން ދައުލަތުން އެކި އިނާޔަތްތައް ދޭންޖެހެއެވެ. ސަރުކާރުން މިހާރު ވަނީ، ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ނިންމަވާފައެވެ. އެހެންކަމުން، މި ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ މި ނިންމެވުމަށް ތާއީދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރީގެ ރައީސުންނަށްދޭ ޕެންޝަން މިންވަރު ކުޑަ ކުރެއްވުމަށް އެމަނިކުފާނު ތާއީދު ކުރައްވާކަމަށެވެ. “ކުރީގެ ރައީސުންނަށްދޭ ޕެންޝަންގެ މިންވަރު ކުޑަ ކުރުން އަޅުގަނޑަށްވެސް ފެނޭ.” މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ. އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މަހަކު 75,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢަށް ފައިދާހުރި އިޖުތިމާޢީ މަސައްކަތްތައްކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ޤާނޫނުން ލިބިދޭ މި އިނާޔަތްތަކަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރެއެވެ. އެގޮތުން ކޮންމެ ރައީސަކަށްވެސް ފައިސާގެ އިނާޔަތާއި ލިވިންގ އެލަވަންސްއަކާއި އޮފީސް ހިންގުމަށާއި ބޭސްފަރުވާކުރުމަށް ވަކިވަކިން ފައިސާދެއެވެ.
މި އަހަރަށް ލަފާކުރި ބަޖެޓުގައި ކުރީގެ ރައީސުންގެ އިނާޔަތްތަކަށް 19.7 މިލިޔަން ރުފިޔާ ހިމަނާފައިވާއިރު، މި އަދަދު ކޮންމެ ދައުރަކުން ދާނީ އިތުރުވަމުންނެވެ.
ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ރާއްޖޭގައި ތިއްބެވީ އިބްރާހިމް މުހައްމަދު ޞާލިހާއި، މައުމޫން އަބްދުލްގައްޔޫމާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދު އަދި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ.
