
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ދަށުން ފަށާފައިވާ އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތުން މިހާތަނަށް 7.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ ސަރުކާރު ހިންގާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ފާއިތުވި 5 މަސްދުވަހުގެ ތެރޭގައި ބަންކަރިންގ ޚިދުމަތުން 114 މިލިއަން ރުފިޔާ (7.4 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 95 އިންސައްތައަކީ ރާއްޖެއަށް އަލަށް ތަށް ތަޢާރަފުކުރި ލޯ ސަލްފާ ބަންކަރިންގ މެދުވެރިކޮށް ލިބުނު އުނު އާމްދަނީ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބަންކަރިންގ ޚިދުމަތަށް ހުރި ޑިމާންޑް އިތުރުވަމުން އަންނަ ކަމަށާއި، އެކަމާ ގުޅޭ ޤާނޫނުތަކާއި ދައުލަތުގެ އިންތިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ބަންކަރިންގ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި އާ ސިނާޢަތްތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ފެށި ޚިދުމަތެކެވެ. މި ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގ ޚިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެންނެވެ. އަދި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ.
މި ޚިދުމަތް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށީ ދެ ބޯޓާއެކުއެވެ. އެއީ 3258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަ ސެޓްފިކެޓްތައް ލިބިފައިވާ ބޯޓުފަހަރެވެ.