
މުގައްދިމާ
الحمد لله، والصلاة والسلام على رسول الله محمد وإله وصحبه، وبعد:
މިވަގުތުގެ ރާއްޖޭގެ ސިޔާސީ ހާލަތު އޮތީ ރައްޔިތުންނަށް ވަރަށް ވެސް ދެރަ ގޮތަކަށެވެ. އެއީ ރައްޔަތުންގެ ދީނާއި، ނަފުސާއި، ބުއްދިއާއި، ނަސްލާއި، އަދި މުދާ ދެމެހެއްޓެނިވި ގޮތަކަށް ހިމާޔަތް ކުރުމުގެ ސިޔާސީ ފިކުރެއް އަދި މަގުޗާޓެއް ކުރެހިފައެއް ނުވާތީއެވެ. ރާއްޖޭގެ ހުރިހާ ތަނަވަސްކަމަކާއި މަންފާތައް ނަގަނީ އެތެރާއި ބޭރުން ވިޔަސް ގުނާލެވޭ ވަކިބަޔެކެވެ. އެހެންކަމުން ގައުމު ސަލާމަތް ކުރާނަމޭ ހިތުލައިގެން އަދި އިޚުލާސްތެރިކަމާއެކު މަސައްކަތެއް ކުރާނަމޭ އަޒުމު ކަނޑައަޅައިގެން މަގޭ ގައުމު – މަގޭ ތަސައްވުރުގެ ނަމުން ފަށައިގަންނަ މި މަސައްކަތަކީ ދިވެހި ނިކަމެތި ރައްޔިތުންނަށް ހުރި ހެޔޮގޮތެއް ކަމުގައްޔާއި ރަނގަޅު ތަސައްވުރެއް ކަމުގައި މިންވަރުކޮށް ދެއްވުންއެދި ރައްބީގެ ތަނަވަސް ރަހުމަތަށް މުނާޖާ ދަންނަވަމެވެ.
ނަން: މަގޭ ގައުމު- މަގޭ ތަސައްވުރު
އަސާސް: އިސްލާޙުގެމަގަށް ގައުމަށާއި ރައްޔިތުންނަށް މަގުފަހިކޮށްދިނުން.
ލަނޑުދަނޑި: ގާނޫނު އަސާސީގެ އަލީގައި ދިވެހީންގެ ދީނާއި، ނަފުސާއި، ބުއްދިއާއި، ނަސްލާއި، އަދި މުދާ ހިމާޔަތްކުރުން.
މަންހަޖު:
ދިވެހި މުޖުތަމައާ ފުށުއަރާ އެއްވެސް ކަމެއް ނުކުރުން.
އަބަދުވެސް ދިވެހި ރައްޔަތުންގެ މަސްލަޙަތަށް އިސްކަންދިނުން.
ޑރ. ޢަބުދުﷲ ފާރޫޤް އިބްރާހީމް
މަގޭ ތަސައްވުރު
މަގޭ ގައުމު – މަގޭ ތަސައްވުރު ބިނާވެގެން ވަނީ ދިހަ ކަމެއް ހާސިލުކުރުމުގެ މައްޗަށެވެ. އެއީ:
އެކެއް: އެންމެންނަށް ދުވަހު އާމުދަނީއެއް.
ދޭއް: އެންމެނަށް ދުޅަހެޔޮ ސިއްހަތެއް.
ތިނެއް: އެންމެނަށް ބޯހިޔާވަހިކަން.
ހަތަރެއް: އެންމެންނަށް ދީނުގެ މަގު.
ފަހެއް: އެންމެންނަށް އަދުލުއިންސާފު .
ހަޔެއް: އެންމެންނަށް ތަރުކާރީއާއި މޭވާ.
ހަތެއް: އެންމެނަށް ކަރަންޓު.
އަށެއް: އެންމެންނަށް ދިވެހި ސަގާފަތް.
ނުވައެއް: އެންމެންނަށް ޕެންޝަން.
ދިހައެއް: އެންމެންނަށް މަތީ ތަޢުލީމު، މިއެވެ.
އެކެއް: އެންމެންނަށް ދުވަހު އާމުދަނީއެއް
ހަގީގަތް:
ދިވެހި ރާއްޖެއަކީ ފުދުންތެރި ގައުމެއްގެ ގޮތުގައި ބޭރުފުށުން ދެއްކި ކަމުގައިވިޔަސް ހަގީގަތަކީ ރައްޔިތުންނަކީ ދުވަހު އާމުދަނީއަކަށް މުހުތާދަވެފައިވާ ނިކަމެތި ފަގީރު ބައެކެވެ. ދުވަހު އާމުދަނީއަކަށް ޓަކައި ކުރެވޭނެ މަސައްކަތެއް އަތޮޅުތަކުގައި އުފައްދާފައެއްނުވެއެވެ. އެހެންކަމުން ޒުވާނުން ތިބެނީ ކުރާނެ މަސައްކަތެއް ނެތިގެން އަތިރިމަތީ ހޮޅުއަށީގައި ނުވަތަ ގުރޫޕު ޖަހައިގެން ތަންތަނަށް އެއްވެފައެވެ. އޭގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ގުރޫޕު މާރާމާރީ އުފެދުމާއި ދުންފަތުގެ އިސްތިއުމާލަށް މަގުފަހިވުމާއި މަސްތުވަތަކެތީގެ ބަވާއަށް މަގު ތަނަވަސްވެގެން ދިއުން ހިމެނެއެވެ.
މައްސަލަ:
ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެ މީހުންގެ އަމިއްލަ ވަޒަނުގައި ތިބެގެން އާމުދަނީއެއް ލިބުމުގެ ވަސީލަތްތައް ނެތުމެވެ. އަދި ދުވަހު އާމުދަނީއަށް ޓަކައި އުފަން ރަށާއި އަނބިދަރީން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަން ޖެހުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާއިލާގެ މެދުގައި ތަފާތު އިޖުތިމާއީ މައްސަލަތައް އުފެދި އާއިލާތައް ބިކަވެ ދެރަގޮތްތައް މެދުވެރިވެއެވެ. އަނެއްކޮޅުން ހިޖުރަކޮށްގެން ލިބޭ ކުޑަ އާމުދަނީކޮޅުން އެމީހާގެ ހުރުމާއި ނިދުމާއި ކެއުމަށް ކަނޑައިލާއިރު އަނބި ދަރީންނަށް ފޮނުވަން ބަކީ އޮންނަނީ ދެކޮޅު ނުޖެހޭވަރުގެ މަދު މިންވަރެކެވެ. މި ދަތި ހާލުގައި ދިވެހި ޒުވާނުން އުޅެންޖެހުމުގެ ސަބަބުން އެ މީހުންގެ ދިގު އުމުރުވަނީ ކުރުވެފައެވެ. އެ މީހުންގެ ވަށައިގެން ވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ނާމާންކަމާއި ބިރުވެރިކަމެވެ. މިކަން ހައްލުކުރުމަށް ޓަކައި މަގޭ ގައުމު- މަގޭ ތަސައްވުރު ބިނާކުރެވިފައި ވަނީ ރައްޔިތުންނަށްއެ މީހުންގެ ވަޒަނުގައި ތިބެގެން އާމުދަނީއެއް ލިބޭނެ ގޮތަކަށް ރާއްޖޭގެ އަތޮޅުތަކަށް ރާއްޖޭގެ އިގުތިސާދީ ހަކަތަ ބަހައިލައިގެން އަތޮޅުތަކުގައި އިގުތިސާދީ މަޝްރޫއުތައް ގާއިމުކުރުމެވެ.
ހައްލު:
ހ- އަތޮޅުތަކަށް ވައިގެ ދަތުރުތައް އަގުހެޔޮކުރުން
އަތޮޅުތަކަށް ފަތުރުވެރިކަން ގެނައުމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރު ފަތުރުގެ އަގުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވުމެވެ. އެކަން ހައްލުކޮށް އަތޮޅުތަކަށް ފަތުރުވެރިކަން ގެނައުމަށް ޓަކައި އަތޮޅުތަކަށް ކުރެވޭ ވައިގެ ދަތުރުތަކަށް ފެންވަރު ރަނގަޅު ވައިގެ ބަޖެޓު އުޅަނދުތައް ތައާރުފުކޮށް ދަތުރުފަތުރުގެ އަގުހެޔޮ ނިޒާމަކަށް ރާއްޖޭގެ އަތޮޅުތަކަށް ފުރުސަތު ހުޅުވުމެވެ.
ށ- ދަތުރުފަތުރުގެ ނިޒާމަށް ވާރު ކުޑަކުރުން
އެއްގަމާއި ކަނޑުގެ ދަތުރުގެ ނިޒާމު ހަރުދަނާކޮށް އެ ދަތުރުތަކުގެ އަގުހެޔޮކުރުމަށް ޓަކައި އެއްގަމާއި ކަނޑުގެ އުޅަނދުތަކުގެ ވާރު ކުޑަކުރުން ނުވަތަ ސުމެއް އިންސައްތައަށް ދަށްކުރުމެވެ.
ނ- ފަތުރުވެރިކަމުގެ ބިންތައް އަތޮޅުތަކުގެ ޒުވާނުންނަށް ޚާއްސަކުރުން
އަތޮޅުތަކުން ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތައް ދޫކުރުމުގައި ކޮންމެ އަތޮޅެއްގެ ވެސް އެ އަތޮޅުގެ ރައްޔިތުންނަށް އިސްކަން ދިނުމާއި އެ ބިންތައް އެ އަތޮޅެއްގެ ރައްޔިތުންނަށް ހެޔޮއަގުގައި ދޫކުރުމެވެ.
ރ- އަތޮޅުތަކުގެ ފަތުރުވެރިކަމަށް ސަރުކާރުން ފަންނީ އެހީތެރިކަން ދިނުން
އަތޮޅުތަކުން ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތައް ތަރައްގީ ކުރުމަށް ޓަކައި ބޭނުންވާ ރޭވުންތަކާއި ފަރުމާތައް ތައްޔާރުކޮށްދިނުން ފަދަ ފަންނީ އެހީތެރިކަން ދިވެހި ޒުވާނުންނަށް ދިނުމެވެ.
ބ- އަތޮޅުތަކުގެ ފަތުރުވެރިކަމަށް ސަރުކާރުން މާލީ އެހީތެރިކަން ދިނުން
އަތޮޅުތަކުން ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތައް ތަރައްގީ ކުރުމަށް ޓަކައި ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުން އެ އަތޮޅަކަށް ކަނޑައަޅާ އަދަދެއްގެ ރިސޯޓުތަކަށާއި ހޮޓާތަކަށް ސަރުކާރުގެ ލުއިދަރަނި އުސޫލުން ޒުވާނުންނަށް ފޯރުކޮށްދިނުމެވެ. އަދި ފަތުރުވެރިކަމަށް އަމާޒުކޮށްގެން އަތޮޅުތަކުގައި ބޭނުންކުރުމަށް ބަނދެވޭ، އެ އަތޮޅަކަށް ސަރުކާރުން ކަނޑައަޅާ އަދަދެއްގެ ސަފާރީތަކަށް ކުރެވޭ ހޭދަ ވަގުތުން ސަރުކާރުން ދެއްކުމަށްފަހު އެ އެއްޗަކުން ލިބޭ އާމުދަނީއަކުން ދައްކައި ދަރަނި ޚަލާސްކުރާ ނިޒާމެއް ކޮންމެ އަތޮޅެއްގައި ތައާރުފުކޮށް ގާއިމުކޮށްދިނުމެވެ.
ޅ- އަތޮޅުތަކުގެ މަސްވެރިކަމަށް ޒުވާނުންނަށް މާލީ އެހީތެރިކަން ދިނުން
މަސްވެރިކަމަށް އަމާޒުކޮށްގެން އަތޮޅުތަކުގައި ބޭނުންކުރުމަށް ބަނދެވޭ އެ އަތޮޅަކަށް ސަރުކާރުން ކަނޑައަޅާ އަދަދެއްގެ މަސް ދޯނިތަކަށް ކުރެވޭ ޚަރަދު ސަރުކާރުން ދެއްކުމަށް ފަހު އެއެއްޗަކުން ލިބޭ އާމުދަނީއަކުން ދައްކައި ދަރަނި ޚަލާސްކުރާ ނިޒާމެއް އަތޮޅުތަކުގައި ތައާރުފުކޮށްދިނުމެވެ.
ކ- އަތޮޅުތަކުގައި މަސް ބަންދުކޮށް ބޭރުކުން
އަތޮޅުތަކުން ބާނާ މަހުގެ ތެރެއިން ރައްޔަތުންގެ ބޭނުމަށްވުރެ އިތުރުވާ މަސްތައް ގަނެ ދަޅުގައި ބަންދުކުރެވޭނެ ނިޒާމެއް އަތޮޅުތަކުގައި ގާއިމުކުރުމެވެ.
ދޭއް: އެންމެނަށް ދުޅަހެޔޮ ސިއްހަތެއް
ހަގީގަތް:
ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވަނީ މައިގަނޑު ދެ ކަމެއް ކުރުމަށެވެ. އެއް ކަމަކީ ކެއިންބުއިމުގައި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ތަކެތި ބޭނުންކުރުމެވެ. ދެވަނަ ކަމަކީ ބަލިއެއް ޖެހިއްޖެ ނަމަ އެކަށީގެންވާ އަވަސް ފަރުވާއެއް ލިބިދިނުމެވެ.
ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ ކާނާގެ ގޮތުން ބަލާ ނަމަ ރާއްޖޭގެ ސިއްހީ މީސްވިއުގެ ސިޔާސަތު މިވަގުތު އޮތީ ހަށިގަނޑަށް ގެއްލުންވާފަދަ ނުވަތަ ސަރުބިއާއި ފަލަވާތަކެތީގެ ވާރު ކުޑަކޮށްފައި ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތީގެ ވާރު ބޮޑުކޮށްފައި ބެހެެެއްޓުމެވެ. މިސާލަކަށް އާދައިގެ ހުދު ގޮދަންފުށް ކިލޯއެއް ފަސްރުފިޔާއަށް ލިބޭނަމަ ފެހި ގޮދަންފުށް ކިލޯއެއް ގަންނަންލިބެނީ ވިއްސަކަށް ރުފިޔާއަށެވެ. މިއީ ހަމައެކަނި މިސާލެކެވެ. އަނެއްކޮޅުން ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ތަރުކަރީއާއި މޭވާ ދިވެހީންނަށް ބަޒާރުން ގަންނަން ލިބެނީ ގާތްގަނޑަކަށް ރަނާއި ރިހީގެ އަގުގައެވެ.
އަނެއްކޮޅުން ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ ބޭސްފަރުވާގެ ނިޒާމަށް ކަޅިއެއް އެއްލައިބަލައިފި ނަމަ ފެންނަނީ ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތް ދިނުން މިވަގުތު ބައްޓަންވެފައިވަނީ ރާއްޖެތެރޭގެ ނިކަމެތީން މާލެއަށް ނުގޮސް ބޭސްފަރުވާ ނުކުރެވޭނެ ގޮތަކަށެވެ. ޒުވާނުން އެ މީހުންގެ އަނބިދަރީން ގޮވައިގެން މާލެއަށް ގޮސް ބޭސްކޮށް ނިމޭއިރު ހުންނަނީ އުމުރުން ފާއިތުވި ދުވަސްތަކުގައި ލިބުނު އާމުދަނީއަކުން ފަހަށް ރައްކާކުރެވުނު ހުރިހާ އެއްޗެއް ޚަރަދުވެފައެވެ. އަދި ކުރިޔަށް އޮންނަ ދެ، ތިން އަހަރަށް ދަރަނި ދައްކަން ޖެހިފައެވެ. އަދި ރާއްޖެ ތެރެއިން ބޭސްފަރުވާ ކުރުމަށް މާލެއަށްދާ ގިނަ މީހުންނަށް ދިމާވާ ގޮތަކީ، ބޭރު ގައުމަކަށް ގޮސްގެން ނޫނީ ރަނގަޅު ނުވާނެކަން އެނގެނީ ވެސް ބޮޑު ޚަރަދުކޮށްގެން މާލޭގައިހުރެ ބޭސްފަރުވާ ކުރަމުން ގޮސް އަތްމަތި ހުސްވާ ހިސާބުންނެވެ. ދެން މަޖިލިސް މެންބަރުންނަށް ދަންނަވައި، ވަޒީރުންނަށް ދަންނަވައި، އާދޭސްކުރަން ފެށުމުން، ބައެއް މީހުންނަށް އާސަންދަ ލިބިދެއެވެ. ބައެއް މީހުންނަށް ނުލިބެއެވެ. އާސަންދަ އަވަށްޓެރި ގައުމުތަކަށް ލިބޭ ބައެއް މީހުންގެ ނިމުމަކީ ނުކެވިގެން، ނުބޮވިގެން، ހޮޓަލުގެ ކުލި ނުދެއްކިގެން، ސަލާން ޖަހަން ޖެހުމެވެ. އާސަންދައިގެ ފައިސާ ލައްކައިން ގޮސް ވަންނަނީ ބޭރު މީހުންގެ ޖީބަށެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ދިވެހި ޒުވާނުންގެ މުސްތަގުބަލުގެ ބަނަކަމާއެވެ! ގައުމުގެ ޒުވާނުންނަށް ހުރި ނާމާންކަމެއްގެ ބޮޑުކަމާއެވެ!
އިސްވެ ދެންނެވުނު އަނދަވަޅުން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ޓަކައި މަގޭ ގައުމު- މަގޭ ތަސައްވު ބިނާކުރެވިފައި ވަނީ ސިއްހީ ރޮނގުން ދުނިޔޭގެ ނަމޫނާ ގައުމަކަށް ރާއްޖެ ހަދައި، ބޭރު ގައުމުތަކަށް ބޭސްފަރުވާ ހޯދަން ދާން ނުޖެހޭ މިންވަރަކަށް ސިއްހީދާއިރާއި މީސްވިއުގަ ސިއްހަތު ތަރައްގީކުރުމެވެ. އެ ގޮތުން ކުރުމަށް ގަސްތުކުރާ ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ އަސާސީ ކަންތައްތައް ތިރީގައި އެވަނީއެވެ.
ހައްލު:
ހ- ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކާބޯތަކެތީގެ ވާރު ކުޑަކުރުން
ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން ދުޅަހެޔޮ ސިއްހަތަށް ބޭނުންވާ ކާބޯތަކެތީގެ ވާރު ސުންޕަސެންޓަށް ތިރިކުރުމެވެ. މިސާލަކަށް އޮލިވު އޮއިލް، އާޓާފުށް، މާމުއި، ކިރު، އަދި ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެދިފައިނުވާ ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. އެފަދަ ތަކެތީގެ އަގު ކުޑަ ކުރުމަށް ޓަކައި އެތަކެތި އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތުރާތައް ފިލުވައިދިނުމާއި ސަރުކާރުން އެ ފަރާތްތަކަށް ދެވެންއޮތްހައި ލުޔެއް ދިނުމެވެ.
ށ- ފަސޭހަކަމާއެކު ކަސްތަރު ކުރެވޭނެ މަގު ފަހިކޮށްދިނުން
ފަސޭހަކަމާއެކު އާންމުންނަށް ކަސްތަރު ކުރެވޭ ގޮތަށް މީހުން ދިރިއުޅޭ އަވަށްތަކުގައްޔާއި އިމާރާތްތަކުގައި ހަށިގަނޑުގެ ނާރުތައް ދޫކޮށް، މަސް ހަރުކޮށް ލޭ ހިންގުވާން ކުރާ ޙަރަކާތްތައް ކުރުމުގެ އިންތިޒާމު ގާއިމުކޮށްދިނުމެވެ.
ނ- ކަސްރަތު މަދަނީ މުއައްސަސާތަކަށް ވެއްދުން
ކަސްރަތު މަދަނީ މުއައްސަސާތަކަށް ވެއްދުމެވެ. މޮޓޯއަކީ: ކުޅެމުން، ލިޔަމުން، ކިޔަވަމުން، ވަޒީފާ އަދާކުރަމާ ހިނގާށެވެ! ދިވެހި ޒުވާނުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ޓަކައި މަދަނީ އޮފީސްތަކުގައި ދެ ޖިންސަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުގެ މުބާރާތްތަށް ވަޒީފާގެތެރެއަށް ވެއްދުމެވެ. އަދި ސިއްހަތަށް އަމާޒުކޮށްގެން މުވައްޒަފުންނަށް ކުރިއެރުން ދިނުމެވެ. މިސާލަކަށް ބަރުދަން ގިނަ މީހަކު އަމިއްލަ މަސައްކަތުން ބަރުދަން ލުއިކޮށްފި ނަމަ ވަޒީފާގެ ކުރިއެރުމަށް މާކުސް ދިނުންފަދަ އިސްލާހުތަކެވެ. ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރާ މީހަކު އެ ކަމުން ދުރުވެއްޖެ ނަމަ ވަޒީފާގެ ކުރިއެރުމަށް ނަންބަރު ދިނުން ފަދަ ކަންތައް ކޮށްގެން މަދަނީ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.
ރ- ބޭސްކުރުމުގެ ނިޒާމު ތިން މަރުހަލާއަކަށް ބައިކުރުން
ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ނިޒާމު ތިން މަރުހަލާއަކަށް ބައިކުރުމެވެ. އެއީ އަވަށު ކުލިނިކު އާއި އަތޮޅު ހަސްފަތާލާއި ސަރަހައްދީ (ބަލިތަކަށް ޚާއްސަ) ހޮސްޕިޓަލެވެ. އަދި އަވަށު ކުލިނިކުން ހަވާލާ ލިބިގެން ރީޖަނަލް ހޮސްޕިޓަލަށް ދެން ސަރަހައްދީ ހޮސްޕިޓަލަށް އާސަންދަ ލިބޭ ގޮތަށް ތަރުތީބުކުރުމެވެ.
ބ- އާއިލީ ބޭސްފަރުވާގެ ނިޒާމު ތަޢާރަފުކުރުން
ދިވެހިރާއްޖޭގައި އާއިލީ ބޭސްފަރުވާގެ ނިޒާމު އުފައްދައި ބަލިންރައްކާތެރިވެ، ސިއްހީ ޚިދުމަތްތައް އިސްރާފު ކުޑަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ކަށަވަރު ކުރުމެވެ. އެ ގޮތުން އަވަށު ކުލިނިކުތައް އުފެއްދުމެވެ. އާސަންދާގެ ދަށުން ބަލިމީހާ އެންމެ ފުރަތަމަ ބޭސްކުރުމަށް ދާންޖެހޭނެ ތަނަކީ އަވަށު ކުލިނިކުކަމުގައި ހަމަޖެެެސުމެވެ. އަވަށުގައި ތިބޭ ހަކުރުބަލީގެ މީހުންގެ ވަކި ނިޒާމަކުން ހަކުރު ޗެކުކޮށް، ދޭންޖެހޭ ފަރުވާ ފޯރުކޮށްދީ ހެދުމަކީ އަވަށު ކުލިނިކުގެ މަސްއޫލިއްޔަތެއްކަމުގައި ގާނޫނަކުން ކަނޑައެޅުމެވެ. އަދި ލޭގެ ބައްޔާއި ލޭގެ ސަރުބި ބަލައި އަވަށުގެ މީހުން ދުޅަހެޔޮކުރުމަކީ ވެސް އަވަށު ކުލިނިކުގެ މަސްއޫލިއްޔަތެއްކަމުގައި ގާނޫނަކުން ކަނޑައެޅުމެވެ.
ޅ- އާސަންދާގެ ނިޒާމު ބަދަލުކުރުން
ރާއްޖޭގައި ބޭސްފަރުފާއަށް ޚަރަދުކުރުމަށް ރޭވިފައިވާ ނިޒާމު ” ނެޝަނަލް ހެލްތު އިންޝުއަރެންސް” އިން ބެވަރިޖު ސިފައަކަށް ބަދަލުކުރުމެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސްގެ ވައްތަރަކީ ސަރުކާރާއި ޕުރައިވެޓް ހޮސްޕިޓަލްތަކުން ޚިދުމަތް ލިބިދެވޭ އިންތިޒާމެކެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސުގެ ވައްތަރަކީ ވަރަށް ގިނަ ފަހަރަށް މާލީ ފަސާދާއި އަމިއްލަ ކުންފުނިތަކުގެ ނުފޫޒު ވަދެދާ ނިޒާމެކެވެ. އެއާއި ޚިލާފަށް ބެވަރިޖުގެ ނިޒާމަކީ މައިގަނޑުގޮތެއްގައި ސަރުކާރުގެ ހަސްފަތާލުތަކުން ޚިދުމަތް ލިބިދެވޭ ނިޒާމެކެވެ. އަމިއްލަ ހަސްފަތާލަކުން އެ ނިޒާމުގެ ދަށުން ފަރުވާއެއް ލިބޭނީ ދެވަނަ ގޮތެއް ނެތް ހާލަތެއްގައެވެ. ރާއްޖޭގެ އާސަންދަ ވެސް ބެވަރިޖު މޮޑަލަކަށް ހަދައިގެން މާލީ ފަސާދާތަކުންނާއި އަމިއްލަ ކުންފުނިތަކުގެ ނުފޫޒުން ސަލާމަތްކުރުމެވެ.
ކ- ސިއްހީ ދާއިރާގެ ދަރިވރުންނަށް ކިޔެވުމަށް ބަޖެޓެއް ހުޅުވާލުން
ސިއްހީ ދާއިރާއިން ފުރަތަމަ ދަރަޖަ ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ޓަކައި ހުޅުވައިލެވިފައިވާ ބަޖެޓެއް ހަމަޖެއްސުމެވެ. ސިއްހީ ދާއިރާއިން ޚާއްސަަ ބަލިތަކަށް އަހުލުވެރިވުމުގެ ފުރުސަތު އަމިއްލަގޮތުން އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ކުރިއަރާފައިވާ ގައުމުތަކުން ޖާގަ ހޯދާ ދަރިވަރުންނަށް ސަރުކާރުން މާލީ ޒިންމާ އުފުލުމެވެ.
ތިނެއް: އެންމެނަށް ބޯހިޔާވަހިކަން
ހަގީގަތް:
ރާއްޖޭގެ އުމުރާނީ ތަރައްގީގެ ސިޔާސަތު މިވަގުތު އޮތީ ރާއްޖެތެރޭގެ ވަކި ސަރަހައްދަކަށް އިސްކަން ދީގެން އެ ސަރަހައްދާ ނުކަތާވަރަށް އިމާރާތްތައް ކޮޅަށްޖަހައި އެތަންތަނަށް ރާއްޖެތެރޭގެ ނިކަމެތީން ގެނަސް ތޮއްޖެއްސުމެވެ. ނަތީޖާއެއްގެ ގޮތުން އެ އިމާރާތްތަކާއި އެ ސަރަހައްދެއްގެ މާހައުލާއި އެތަނެއްގެ އެކަތިއަނެކައްޗާ ގުޅިފައިވާ ގުޅުމުގެ އިޖުތިމާޢީ ސިލްސިލާއެއް ނުހުރެއެވެ. އެ ތަންތަނުގައި ޖާގައިގެ ދަތިކަމާއި ކޮޓަރިތަކުގެ ކުޑަކަމާއި އަދި ބައެއް އިމާރާތްތަކަށް އަރަން ލިފުޓުގެ ދަތިކަމާއި އަދި އެނޫނަސް އެތަންތަނުން ނިކުންނަށް އިޖުތިމާއީ ބައިވަރު މައްސަލަތަކެއް ފާހަނގަކުރެވެއެވެ.
ހަމައެހެންމެ ރާއްޖޭގެ މަގުތައް ހެދިފައިވާ ގޮތަށް ބަލާއިރު ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރެވިފައިވާ ކަމަކަށް ނުބެލެވެއެވެ. ވާރޭ ވެހިއްޖެ ނަމަ ހަށިނުކާ ހިސާބަށް ފެން ބޮޑުވުމާއި ނަޖިސްތަކެތި މަގުމަށްޗަށް އޮޔާ ދަމަމުން އެތަކެތި ދުވާރަށް ބީހެމުން ދިއުމަކީ ވަރަށް ވެސް އާދައިގެ ކަމެކެވެ. ކަން މިހެން ހުރުމާއެކު އުމުރާނީ ތަރައްގީގެ ރޮނގުން މާގޭ ގައުމު- މަގޭ ތަސައްވުރު ތިރީގައި ވެވަނީއެވެ.
ހައްލު:
ހ- އަތޮޅުތަކުގައި ގެދޮރުވެރިކަން ތަރައްގީކުރުން
ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި އެތަނެއްގެ އާބާދީގެ ނިސްބަތުން ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ހަދައި އެކަން ރާއްޖެތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތަންފީޒުކުރުމެވެ.
ށ- ބޯހިޔާވެހިކަމުގެ ސިފަތައް ގާނޫނަކުން ގިންތިކުރުން
ބޯހިޔާވަހިކަމުގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކާއި ބޯހިޔާވަހިކަމުގެ ގޮތުން ކުރެވޭ އިމާރާތްތަކުގައި ހުންނަން ޖެހޭ މައިގަނޑު ސިފަތައް ގާނޫނަކުން ގިންތިކުރުމެވެ. މިސާލަކަށް އިމާރާތާއި ކޮޓަރިތަކުގެ ބޮޑުމިން ކަނޑައެޅުމާއި ކޮންމެ އިމާރާތެއްގައި ކަސްރަތު ގެއެއް ހުރުމާއި، ކުޑަ ފިހާރައެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއި އެ އިމާރާތެއްގައި އުޅޭނެ މީހުންގެ ނިސްބަތަކުން އެއްތަންވެވޭނެ މާލަމެއް ހުރުމާއި އެ އިމާރާތެއްގައި ހުރި ކޮންމެ ބޯހިޔާވެއްސަކަށް އެ އިމާރާތެއްގެ ދަށު ފަންގިފިލާތަކުގައި ނުވަތަ އެ ކޮށީގައި ކާރު ގަރާޖެއް ހުރުމާއި، އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތަށް ބުރުނައަރާ ފަދަ ތަނެއްގައި އިޖުތިމާއީ ޚިދުމަތަށް ޖާގަ ހުރުމާއި އަލިފާން ނިއްވުމުގެ ވަސީލަތްތައް ހުރުމާއި، އިމާރާތުގެ ހުރި ގެތަކުގެ ނިސްބަތަކުން ލިފުޓުތައް ހުރުމާއި އިމާރާތުގެ އިދާރީ ކަންތައްތައް ހިންގޭނެ ތަނެއް ހުރުމާއި، އިމާރާތުގެ ވަށައިގެން ގަސްއިންދާނެ ރޭވުމެއް ފަރުމާކުރެވިފައިއޮތުމާއި އަދިވެސް އިތުރު ކަންކަމެވެ.
ނ- ބޯހިޔާވަހިކަމަށް ފަންނީ އެހީތެރިކަން ދިނުން
އާއްމުންގެ ބޯހިޔާވަހިކަމަށް ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ދެވޭނެ ގޮތެއް އަތޮޅުތަކުގައި އިންތިޒާމުކުރުމެވެ. މިހާރު ވެސް ގެދޮރުއެޅުމަށް ދަރަނީގެ ނިޒާމެއް ވަނީ ތައާރުފުވެފައެވެ. ނަމަވެސް ފައްނީ އެހީތެރިކަމުގެ އަތެއް ނުވެއެވެ. އޭގެ ނަތީޖާއަކަށް ވަނީ ރާއްޖެތޭރޭގެ މީހުން ލޫދިފުކުރިގެން ލިބިގަންނަ ދަރަނިތަކުން ބިނާކުރެވޭ ގެތަކުގައި ހުންނަންޖެހޭ އެތެރޭގެ ރީތިކަމާއި ބޭރުގެ ފުރިހަމަކަން ނެތުމެވެ. އެހެންކަމުން ލުއި އަގެއްގައި އާއްމުންނަށް ބޯހިޔާވެހިކަން ރާވައިދީ މަޝްވަރާދޭވެނެ ނިޒާމެއް އަތޮޅުތަކުގައި އުފެއްދުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ސަރުކާރުން ދީގެން ވާގިވެރިވުމެވެ.
ރ- މަގުތައް ހެދުމުގެ ދަރަޖަތައް ގާނޫނަށް ވެއްދުން
ދިވެހިރާއްޖޭގައި މަގުތައް މިހާރު ހަދާ ގޮތަކީ އަވަސްއަރުވާލައިގެން ކުރީގައި ހެދިފައި ހުރި މަގުތަކަށް އެހުރި ގޮތަކަށް ބަހައްޓައިގެން ތާރުއަޅައި އޮމާންކޮށްލުމެވެ. ދެން އާއްމުންގެ އަތަށް ދޫކޮށްލުމެވެ. އެއަށްފަހު އާއްމުން އޭގެ މަތީގައި ހިތުހުރި ގޮތަކަށް އުޅަނދުތައް ދުއްވަން ފެށުމުގެ ނޭދެވޭ ނަތީޖާއަކީ މަގުމަތީގެ ހާދިސާތައް ގިނަވުމާއި ހިނގައިބިނގައިއުޅޭ މީހުންނަށް އަނިޔާލިބުމެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މަގޭ ގައުމު- މަގޭ ތަސައްވުރު ބިނާވެފައިވަނީ މަގުތައް ހެދުމުގެ ދަރަޖަތައް އެކުލެވައި އެއަށް ގާނޫނީ ހައިސިއްޔަތު ދިނުމެވެ. އަދި ބޭނުންވާ ފަންނީ އެހީތެރިކަން ދުނިޔޭގެ އެނރޮނގުން ކުރިއަރާފައިވާ ގައުމުތަކުން ލިބިގަތުމެވެ. މަގެއް ހަދަނީ ނަމަ ކޮންމެހެންވެސް ކަށަވަރުކުރުރަން ޖެހޭ މުހިންމު ކަންތައްތައް ބައިނަލްއަގުވާމީ ދަރަޖައަށް ބިނާކޮށް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.
ހަތަރެއް: އެންމެންނަށް ދީނުގެ ހިދާޔަތު
ހަގީގަތް:
ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުން އުޅެންޖެހޭ ގޮތަށް އުޅެމުން ދިޔަ ބައެކެވެ. ނަމަވެސް އިޖުތިމާއީ ގޮތުންނާއި ސުލޫކީ ގޮތުން ބަލާއިރު މިހާރު މިއޮތީ އަޚްލާޤީ ބަލިތަކުގެ ޝިކާރައަކަށް ވެފައެވެ. ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާ ދަރަޖައަށް ޒުވާނުންގެ ސުލޫކު ވަނީ ފާސިދުވެފައެވެ. މިގޮތުން ވައްކަން ކުރުމާއި، ޓެކުމާއި، ލޫޓޫވުމާއި، މީހުން މެރުމާއި، ޢިއްފަތް ފޭރުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، އަދި މީހުންގެ ޙައްޤުތަކަށް އަރައިގަތުން ވަނީ އާއްމުކަމަކަށް ވެފައެވެ. މުޖުތަމައުގައި އެއްވެސް ހަމަޖެހުމެއް ސުލްހަ މަސަލަސްކަމެއް ނެތެވެ. މިކަން މިގޮތަށް ދިމަވާ އެންމެ ބޮޑު އެއް ސަބަބަކީ ކުޑަކުދީންނަށް މިސްކިތުން ލިބެންޖެހޭ ތަރުބިއްޔަތު ލިބުމުގެ ދޮރު މުޖުތަމައަށް ހުޅުވާލެވިފައިނުވާތީއެވެ. ކުޑަކުދީންނަށް ތަރުބިއްޔަތު ލިބޭނީ މައިގަނޑު ގޮތެއްގައި ތިން ތަނަކުންނެވެ. އެއީ މަދުރަސާއާއި ގެއާއި އަދި މިސްކިތެވެ. މީގެ ތެރެއިން މިސްކިތްތަކުން ކުޑަކުދީންނަށް ލިބެން ޖެހޭ ތަރުބިއްޔަތުގެ އެއްވެސް މިންވަރެއް ރާއްޖޭގެ މިސްކިތްތަކުގައި އިންތިޒާމު ކުރެވިފައެއްނެތެވެ. ކަންމިހެން އޮތުމާ އެކު މި ދިވެހި އުއްމަތް އަނބުރާ އިސްލާހު ކުރުމަށް ދިނީ ގޮތުން ކުރެވޭ ތަސައްވުރު ތިރީގައި އެވަނީއެވެ.
ހައްލު:
ހ- މިސްކިތުގައި ޤުރުއާނާއި ހަދީސުތައް ހިތުދަސްކުރުމުގެ ކުލާސްތައް ގާއިމުކުރުން
މިސްކިތުގެ ދައުރު އިހުޔާކޮށް މިސްކިތުން ލިބެން ޖެހޭ ތަރުބިއްޔަތު މުޖުތަމައަށް ލިބިދިނުމަށް ޓަކައި ޤުރުއާން ހިތުދަސްކުރުމުގެ ކަރިކިއުލަމަކާއި އިސްލާމީ އަޚުލާގުގެ މައްޗަށް ބިނާކުރެވިފައިވާ ހަދީސުގެ ތަރުބަވީ ކަރުކިއިލަމަށް (ގުރޭޑު 4ން ގުރޭޑު 8އަށް އަމާޒުކޮށްގެން) އުފައްދައި ސަރުކާރުގެ ޚަރަދުގައި އެ ކުލާސްތައް ރާއްޖޭގެ މިސްކިތްތަކުގައި ހިންގުމެވެ. އެ ގޮތުން މިސްކިތުގައި ސަރުކާރުން އުފައްދާ ޤުރުއާން ހިތުދަސްކުރުމުގެ ކުލާހުގައި ބައިވެރިވެގެން ތަރުތީބުން ކުލާހަށް ހާޒިރުވެ ކޮންމެ ހަފުތާއަކު ކަނޑައެޅިފައިވާ މިންވަރަށް ޤުރުއާނާއި ހަދީސްތައް ހިތުދަސްކުރާ ކުދީންނަށް ކޮންމެ މަހަކު ޖީބުޚަރަދެއްގެ ގޮތުގައި އެ ވަގުތަކަށް ސަރުކާރުން ކަނޑައަޅާ ފައިސާގެ މިންވަރެއް ދިނުމެވެ. ސަރުކާރުގެ އަމާޒަކަށް ވާންވާނީ ގުރޭޑު އަށެކަށް ދަރިވަރު ދާއިރު ޤުރުއާން ހިތުދަސްވެފައި ހުރުން ނުވަތަ ހިތުދަސްވާން ކައިރިވެފައިވުމެވެ. އަދި އޭގެއިތުރުން ދަރިވަރަށް މުސްލިމެއްގެ ކިބައިގައި ހުންނަން ޖެހޭ އަޚްލާޤީ ސިފަތައް ލިބިގަނެވޭ މިންވަރަކަށް ނަބަވީ އިރުޝާދުތައް ހިތުދަސްވެފައިހުރުމެވެ. މި އެޖެންޑާ ތަންފީޒުކުރެއްވިއްޖެ ނަމަ ދަރީން ފާސިދުވެދާނެތީ މައިން ބަފައިން މިހާރު ގަންނަ ބިރު ގަންނާކަށެއް ނުޖެހޭނެއެވެ. ކުއްޖާ ހަތް އަހަރުން ފެށިގެން ބޮޑުވަމުން ދާނީ ދީނީ މާހައުލެއްގައެވެ.
ށ- ވަޢުޡާއި ނަސޭހަތަށް ޚާއްސަ ކަރުކިއުލަމެއް ތައްޔާރުކޮށް ތަންފީޒުކުރުން
މުޖުތަމައުގައި އިސްލާމީ ސަގާފަތް ފެތުރުމަށް ޓަކައި ބޭނުންވާ މައުލޫމަތު އެކުލެވޭ ކަރިކިއުލަމެއް ތައްޔާރުކޮށް ޚަބަރު ފޮނުވާ ވަސީލަތް މެދުވެރިކޮށް ވަޢުޡާއި ނަސޭހަތް މުޖުތަމައުގައި ވަށައި ދައުރުވާ ގޮތަކަށް އިންތިޒާމު ކުރުމެވެ. އޭގައި ހިމެނޭ މައުޟޫޢުތައް ތިރީގައި އެވާ ލިންކުން ވިދާޅުވެލައްވާށެވެ. https://files.fm/u/9h3jwbsn6y
ނ- މިސްކިތުގެ ތަރުބަވީ ކުލާސްތަކަށް ވަގުފު އުފެއްދުން
މިސްކިތްތަކުގައި އުފައްދާ އިސްވެ ދެންނެވުނު ޤުރުއާން ހިތުދަސްކުރުމުގެ ކުލާހަށާއި ހަދީސު ހިތުދަސްކުރުމުގެ ކުލާހަށް ބޭނުންވާ ފައިސާ ދާއިމަށް ލިބިލިބި ހުންނަ ގޮތް ހެދުމަށް ޓަކައި މިސްކިތު އަވަށު ކޮމެޓީތައް ގާނޫނަކުން އުފައްދައި އެ ކޮމެޓީގެ ޒިންމާގެ ދަށުން އަވަށްތަކުގައި އިސްލާމީ ވަގުފު އުފައްދައި އެއިން ލިބޭ އާމުދަނީތައް އެކަމަށް ޚަރަދުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.
ރ- ފަތުރުވެރީންނަށް ދީނީ މައުލޫމާތު ފޯރިކޮށްދިނުން
ރާއްޖެއަކީ ގިނަ އަދަދަކަށް ފަތުރުވެރީން އަންނަ މަންޒިލަކަށް ވާތީވެ އެންމެންނަށް ދީނުގެ ހިދާޔަތުގެ ތަސައްވުރުގެ ދަށުން އެ މީހުން ދިވެހި މުޖުތަމައުގައި ރައްޔަތުންނާ މަސްހުނިވެ އެޅޭއިރު ގެންގުޅެންޖެހޭ އިޖުތިމާޢީ މިންގަނޑުތަކެއް ކަނޑައެޅުމެވެ. އަދި ބައެއް ޚާއްޞަ ތަންތަނުގައި އެ މީހުންގެ ބަހުން އިސްލާން ދީނުގެ އަސްްލުއުސޫލުތަކުގެ ސައްހަ މައުލޫމާތު ލިބެވޭގޮތަށް ކުލަބު ޖަމުއިއްޔާ، ޖަމައަތްތައް މެދުވެރިކޮށް އިންތިޒާމުކޮށްފައި ބެހެއްޓުމެވެ.
ފަހެއް: އެންމެންނަށް އަދުލުއިންސާފު
ހަގީގަތް:
ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބޭނުން ކުރެވޭ އެއް އުކުޅަކީ އެތަނަށް ވީހާވެސް ގިނައިން އިސްލާމީ ޝަރީއަތް ނުދަންނަ ލާދީނީ ވައްތަރުގެ މީހުން ވެއްދުމެވެ. އިސްލާމީ ޝަރީޢަތް ނުދަންނަ މީހުން ލައްވާ ވަރަށް ފަސޭހައިން ނުފޫޒުގެ ބާރު އޮތްބަޔަކު ބޭނުންވާގޮތަކަށް ބޭނުންވާކަމެއް ކުރެވިދާނެއެވެ. އެ މަގުސަދު ހާސިލުކުރުމަށް ޓަކައި އަބަދުވެސް ސިޔާސީ ނުފޫޒުތައް މަސައްކަތްކުރާނީ އެތަނަށް ތިމާމެން ބުނާހާގޮތަކަށް ހުކުންތައް ލިޔެދޭނެ ބަޔަކު ވެއްދުމަށެވެ. އެއާ ޚިލާފަށް ޝަރީޢަތް ދަންނަ ދިނީ ޢިލްމުވެރީން ޖުމުލަގޮތެއްގައި ތިބޭހުށީހައްގު މަތީގައެވެ. އެފަދަ މީހުން މަސައްކަތްކުރާނީ އަބަދުވެސް ހައްގާ އެއްކޮޅަކަށެވެ. އާއްމުގޮތެއްގައި ދީނީ ޢިލްމުވެރީން ލައްވާ ސިޔާސީ މީހުން ހިތުހުރިގޮތަކަށް ޝަރުޢީ ދާއިރާގައި ނުފޫޒުގެ ބޭނުންކުރުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (اللَّهއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން ޢިލްމުވެރިންނެވެ.) ( سورة فاطر)
ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބޭނުން ކުރެވޭ އަނެއް އުކުޅަކީ ޖޭ.އެސް.ސީ.ގައި ސިޔާސީ މެންބަރުން ތިބެގެން އެތަނަށް ނުފޫޒު ހިންގުމެވެ.
ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބޭނުން ކުރެވޭ ދެން ވެސް އޮތް އުކުޅަކީ ސުޕުރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގައި ތަދައްޚުލުވުމަށް ރައީސުލްޖުމުހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ޢަދުލު އިންސާފުގެ އަސާސުތަކާ ޚިލާފަށް ބޭނުން ކުރުމެވެ.
އިސްވެދެންނެވުނު ކަންތައްތައް ބަދަލުކުރެވިގެންނޫނީ ޢަދުލުއިންސާފު ގާއިމު ނުކުރެވޭނެތީ މަގޭ ގައުމު- މަގޭ ތަސައްވުރު ކަނޑައަޅަފައިވާ ޝަރުޢީދާއިރާގެ ތަސައްވުރު ތިރީގައި އެވަނީއެވެ.
ހައްލު:
ހ- ޤާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހުކުރުމެވެ. އެ ގޮތުން ޖޭ.އެސް.އަކީ ހަމައެކަނި ފަނޑިޔާރުންނާއި ރިޓަޔަޑު ފަނޑިޔާރުންގެ މައްޗަށް އެކުލެވިފައިވާ މަޖިލިސަކަށް ހެދުމެވެ.
ށ- ޤާނޫނު އަސާސީގެ 147ވަނަ މާއްދާއި 148ވަނަ މާއްދާއަށް އިސްލާހު ގެނައުމެވެ. އެ ގޮތުން ސުޕުރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރާނީ ރައީސުލްޖުމުހޫރިއްޔާ މެދުވެރިވެގެންކަމުގައި އޮތް މާއްދާ އިސްލާހުކޮށް އެކަންކުރާނީ ފަނޑިޔާރުންގެ އާންމު ވޯޓަކުން ކަމަށް އޮތުމެވެ. ނުވަތަ ޖޭ.އެސް.ސީ.ގައި ފަނޑިޔާރުންނާއި ވަޒީފާއިން މުސްކުޅިވެފައިވާ ފަނޑިޔާރުން ތިބެގެން އެ މީހުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ހަމަޖެއްސުމާއި އަދި އުއްތަމަ ފަނޑިޔާރު ކޮންމެ ފަސް އަހަރަކުން ބަދަލުވާ ގޮތަށް ހެދުމެވެ.
ނ- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތައުލީމީ ހާލަތު ރަނގަޅުކުރުމެވެ. އެ ގޮތުން އެންމެ ދަށު ކޯޓުތަކާއި އެއާވިދިގެން އަންނަ ކޯޓެއްގެ ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގުރީ އޮތުންކަމުގައި ހަމަޖެއްސުމެވެ. އަދި ހައިކޯޓުގެ ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން އިސްލާމީ ޝަރީޢާއިން ދެވަނަ ދަރަޖައިގެ ޑިގުރީއެއް އޮތުންކަމުގައި ހަމަޖެއްސުމެވެ. އަދި ސުޕުރީމް ކޯޓުގެ ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން ޝަރުއީ ދާއިރާއިން ޕީ.އެޗް.ޑީ. އޮތުންކަމުގައި ހަމަޖެއްސުމެވެ.
ރ- އެއް މަރުހަލާގެ ކޯޓުން އަނެއް މަރުހަލާއަކަށް ބަދަލުކުރުމުގައި އަސާސީ ޝަރުޠަކީ އެއަށްވުރެ ދަށުގެ ހުރިހާ މަރުހަލާއެއްގައި ކޮންމެ މަރުހަލާއެއްގައި މަދުވެގެން ފަސް އަހަރުގެ ޚިދުމަތް ކޮށްފައިވުންކަމަށް ހަމަޖެއްސުމެވެ.
ހަޔެއް: އެންމެންނަށް ތަރުކާރީއާއި މޭވާ
ހަގީގަތް:
ދުޅަހެޔޮ ސިއްހަތަކަށް ޓަކައި ކުރަންޖެހޭ އެއް ކަމަކީ ތަރުކަރީއާއި މޭވާ އަގުހެޔޮކޮށް ލިބޭނެ ގޮތެއް ހެދުމެވެ. އެހެންކަމުން ދިވެހިރާއްޖެ ވަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް މުހުތާދުވެފައެވެ. ދިވެހިރާއްޖޭގައި ހުރިހާ ބާވަތެއްގެ ތަރުކާރީއާއި މޭވާ އުފެއްދުން ދަތިކަމަކަށް ވިޔަސް ތަރުކާރީތަކާއި މޭވާގެ ބައެއް ބާވަތް ހެއްދިދާނެކަމަށް ފެނެއެވެ. މިސާލަކަށް ޓޮމާޓޯ، ކިއުކަންބާ، އަދި ބައެއް ބާވަތުގެ ތަރުކާރީ ވިނަތައް މިހާރަށްވުރެ ރަނގަޅަށް ހެއްދިދާނެކަމަށް ފެނެއެވެ. ނަމަވެސް މިކަމަކީ ދަނޑުވެރިކަމުގެ މަތީތައުލީމު ބޭނުންވާކަމަކެވެ.
ދިވެހިރާއްޖެއަކީ ބިމުގެ ދަތިކަން އޮތް ތަނަކަށް ވިޔަސް ހޮލެންޑު ފަދަ ކުދި ގައުމުތައް ވެސް ތަރުކާރީއާއި މޭވާ އުފެއްދުމުގެ ރޮނގުން ކުރިހޯދާފައިވާތިވެ، ކަމުގެ ތަޖުރިބާކާރު މީހުންގެ އެހީގައި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ދިރާސާއެއް ހެދިދާނެކަމަށް ފެނެއެވެ. ބިމުގެ ދަތިކަން އޮންނަ ތަންތަނުގައި މިހާރު ދަނޑުވެރިކަމަށް ބޭނުންކުރަނީ ބިލްޑިންގުތަކެވެ. އެހެންކަމުން ދިވެހި ޒުވާނުންނަށް ދަނޑުވެރިކަމުގެ މަތީ ތައުލީމު ދެވިއްޖެ ނަމަ މުސްތަގުބަލުގައި އެ ކުދީންނަށް ދަނޑުވެރިކަމުގެ ރޮނގުން ރަނގަޅު ނަތީޖާއެއް ނެރެދެވިދާނެކަމަށް ފެނެއެވެ.
ނިސްބަތުން ގިނަ ޒުވާނުންތަކެއް މިހާރު ތިބެނީ ކުރާނެކަމެއްނެތިގެން ނުވަތަ އަދާކުރާނެ ވަޒިފާއެއްނެތިގެން މަގުމަތިވެފައެވެ. މަސްތުވާތަކެތީގެ ވަބާއާއި ކުށުގެ ވެށިތައް ގިނަވާން މެދުވެރިވާ އެއް ސަބަބަކީ ވެސް ޒުވާނުން ބޭކާރުވެފައި ތިބުމެވެ. އިސްވެ ދެންނެވި ފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ގިނަވެއްޖެ ނަމަ ވަޒީފާގެ ފުރުސަތު އިތުރުވާނެކަން ކަށަވަރެވެ. އަދި އެ މަސައްކަތުގެ ސަބަބުން ޒުވާނުން މަސްތުވާތަކެއްޗާއި ދުރުކުރުގެ ފުރުސަތު ބޮޑުކުރެވިދާނެކަމަށް ބެލެވެއެވެ. ސަބަބަކީ މިފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތަކަކީ އެ ފަންނުގެ ޓެކުނިކަލް މީހުން ގިނަ އަދަދަކަށް ބިނާކުރަން ޖެހޭ ކަމަކަށްވާތީއެވެ. ޒުވާނުން ބިނާކުރުން ގިނަ ވާވަރަކަށް މަސްތުވާތަކެއްޗާއި ކުށުގެ ވެށިތަކުން ޒުވާނުން ސަލާމަތް ކުރެވޭނެކަމަށް ފެނެއެވެ.
އަނެއްކޮޅުން ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަ ތަނެކެވެ. ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާޒާރު މުޅީންހެން ވެސް އޮންނަނީ އަވަށްޓެރި ގައުމުގަތުގެ ނުވަތަ ބޭރު ގައުމުތަކުގެ ނުފޫޒުގެ ދަށުގައެވެ. ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ރަނގަޅަށް ހިނގަން ފަށައިފި ނަމަ އާއްމުންނަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އުފެއްދޭ ތަކެތި އެ އަތޮޅެއްގެ ކާރި ރިސޯޓުތަކަށް ވިއްކައިގެން ދިވެހި ވިޔަފާރި ފުޅާކޮށްލެވިދާނެކަމުގެ އުއްމީދު ބޮޑެވެ. އިސްވެ ދެންނެވުނު ކަންތައްތަކަށް ރިއާޔަތްކުރުމާ އެކު ތީގައި މި ދަންނަވަނީ ދަނޑުވެރިކަމުގެ ރޮނގުން ދުނިޔޭގެ ރަނގަޅު ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި މަގޭ ގައުމު- މަގޭ ތަސައްވު ބިނާކުރެވޭނެ ގޮތެވެ.
ހ- ދަނޑުވެރިކަމުގެ ރޮނގުން މަތީ ތައުލީމަށް ފުރުސަތު ދިނުން
ދަނޑުވެރިކަމުގެ ރޮނގުން މަތީ ތައުލީމު ހޯދަން ބޭނުންވާ ޒުވާނުންނަށް ދަނޑުވެރިކަމުގެ ރޮނގުން ދުނިޔޭގެ ކުރިހޯދާފައިވާ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ހުޅުވައިލުމެވެ.
ށ- އަތޮޅުތަކުގައި ދަނޑުވެރިކަމަށް ފަންނީ އަދި މާލީ އެހީތެރިކަން ދިނުން
ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ތަރުކާރީއާއި މޭވާ އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމެވެ.
ނ- ގަސް އިންދުމުގައި މޭވާއާއި ތަރުކާރީއަށް އިސްކަންދިނުން
ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި ގަސް އިންދުމުގެ މަޝްރޫއެއް ގާއިމުކުރުމެވެ. އާއްމު މަގުތަކުގައި އާލާކުރެވިދާނެ މޭވާ ލިބޭނެ ވައްތަރުގެ ގަސްތަކަކީ ކޮބައިތޯ ބަލައި އެފަދަ ގަސްތައް އިންދުމަށް އިސްކަންދިނުމެވެ.
ހަތެއް: އެންމެނަށް ކަރަންޓު
ހަގީގަތް:
ކަރަންޓަކީ ދިރިއުޅުމުގެ އަސާސީ ވަސީލަތެކެވެ. އެންމެނަށް ކަރަންޓުގެ މުރާދަކީ ގޭ ބިސީތަކަށް ކަރަންޓު ހިލޭ ފޯރުކޮށްދެވޭތޯ މަސައްކަތްކުރުމެވެ. ކަރަންޓަކީ އަސާސީ ޚިދުމަތެކެވެ. ގިނަ ސަބަބުތަކަކާ ހުރެ ދިވެހިރާއްޖޭގެ ކަރަންޓުގެ އަގު ވަނީ އާއްމުންގެ އަތް ނުފޯރާފަށަށް އަރާފައެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ވަނީ ކަރަންޓުގެ ދަތިކަން ފޯރާފައެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ޓަކައި މަގޭ ގައުމު- މަގޭ ތަސައްވުރުގެ ވިސްނުމަކީ ގޭ ބިސީތަކަށް ކަރަންޓު ހިލޭ ފޯރުކޮށްދެވޭތޯ މަސައްކަތްކުރުމެވެ. އެގޮތުން ކުރާނެ ކަންތައްތައް ތިރީގައި އެ ވަނީއެވެ.
ހ- ކަރަންޓަށް ވަގުފު އުފެއްދުން
ކަރަންޓަކީ ދިރިއުޅުމުގެ އަސާސީ ވަސީލަތަކަށްވަތީވެ ކޮންމެ ރަށެއްގައި ކަރަންޓަށް ވަގުފެއް އުފެއްދުމަކީ މުހިންމު ކަމެކެވެ. އަދި ބޭނުމަކީ އެއިން ލިބޭ މަންފާ ކަރަންޓަށް ސަބުސިޓީސްގެ ގޮތުގައި ޚަރަދަކުރުމެވެ. ވަގުފާ ބެހޭ ބައެއް މައުލޫމާތު ތިރީގައި އެވާ ލިންކުން ވިދާޅުވެލައްވާށެވެ. https://docdro.id/rX0Ozgn
ށ- ކަރަންޓަށް ބައެއް ރިސޯޓުތަކުގެ ކުލި ޚާއްސަ ކުރުން
ކޮންމެ އަތޮޅަކުން އެއް ރިސޯޓު (ނުވަތަ ދެ ރިސޯޓު) ކަރަންޓަށް ފަންޑު ދިނުމަށް ކަނޑައެޅުމެވެ. އެގޮތުން އެއިން ލިބޭ ކުލިތަކާއި ވާރުތައް އެ އަތޮޅެއްގެ ކަރަންޓަށް ލިބޭގޮތަށް ގާނޫނަކުން ލާޒިމުކުރުމެވެ.
ނ- ކަރަންޓުގެ ކުންފުނިތަކަށް ސިޔާސީ މަގާމުތައް މަނާކުރުން
ކަރަންޓުގެ ކުންފުނިތަކަށް ސިޔާސީ މަގާމުތައް ނުވެއްދޭގޮތަށް ގާނޫނަކުން ހަމަޖެއްސުމެވެ.
އަށެއް: އެންމެންނަށް ދިވެހި ސަގާފަތް
ހަގީގަތް:
ސަގާފަތަކީ އިންސާނީ އެއް ޖަމާއަތެއް އަނެއް ޖަމާއަތަކާ ވަކިކޮށްދޭ އިންފާރެވެ. ދިވެހިންނަކީ ބަހުގެ ސަގާފަތެއް އޮތް ބަޔެކެވެ. އަންނައުނު ލައިއުޅޭ ގޮތަށް ބަލާއިރު ދިވެހީންނަކީ ސަގާފަތެއް އޮތް ބަޔެކެވެ. އަދި ކިއެއްތަ! ދިވެހީންނަކީ އެއް ޒަމާނެއްގައި މަތިވެރި ޙަޟާރަތެއްގެ ވެރިބަޔެކެވެ. ނަމަވެސް އެކަން އެއް ދުވަހުން އަނެއް ދުވަހަށް މި ދަނީ ގެއްލެމުންނެވެ. ނުވަތަ ގެއްލި ނިމިއްޖެއެވެ. މިކަން ދިރުވުމަށް ޓަކައި މަގޭ ގައުމު- މަގޭ ތަސައްވުރު ތިރީގައި އެވަނީއެވެ.
ހައްލު:
ހ- ދިވެހި ސަގާފީ ގޮތަށް އެދުރުގެތައް އުފެއްދުން
އަތޮޅުތަކާއި ރަށްތަކުގައި ދިވެހި ސަގާފީ ގޮތަށް އެދުރުގެތައް އުފައްދައި އެކަމަށް މުދައްރިސުން އަހުލުވެރިކޮށް ގުރޭޑު 1 ން 3 އަށް ދަރިވަރުންގެ ރަސްމީ ޤުރުއާން މާއްދާއި އިސްލާން މާއްދާ އިސްކޫލުން ކިޔަވައިދިނުމުގެ ބަދަލުގައި އެދުރުގެތަކުން ކިޔަވައިދިނުމެވެ. އަދި އެތަނުގެ މުދައްރިސުންނާއި ދަރިވަރުންގެ ޔުނިފޯމަކީ ދިވެހި ސަގާފީ ހެދުންކަމުގައި ކަނޑައެޅުމެވެ. މިދެންނެވި އެދުރުގެތަކުގައި ދަރިވަރު އެ މާއްދާތައް ފުރިހަމަކުރުމަކީ އިސްކޫލުގެ ކުލާސް ބަދަލުވުމުގައި ޝަރުޠެއްކަމުގައި ކަނޑައެޅުމެވެ.
ށ- ރަސްމީ ކަންކަމުގައި ދިވެހި ބަހުން ވާހަކަ ދެއްކުން ލާޒިމުކުރުން
ދާޚިލީ، ޚާރިޖީ، ރަސްމީ، ނުރަސްމީ ޖަލްސާތަކުގައި ދިވެހި ބަހުން ވާހަކަ ދެއްކުން ލާޒިމުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމެވެ.
ނ- ރަސްމީ ކަންކަމުގައި ސަގާފީ ހެދުން އެޅުން ލާޒިމުކުރުން
ދާޚިލީ، ޚާރިޖީ، ރަސްމީ، ނުރަސްމީ ޖަލްސާތަކުގައި ދިވެހި ސަގާފީ ހެދުން އެޅުން ލާޒިމުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމެވެ. އަދި ދީނީ ނަސީހަތް ދިނުން، އިމާމުކަން، ކަށުކަމާކެމީގެކަން، ހުކުރު ޚުޠުބާ ކިއުން، ޖަލްސާތައް ޝަރަފުވެރިކޮށް ދިނުން، ތަންތަނުގެ ބިންގާ އެޅުން، ތަންތަން ހުޅުވުމުގެ ރަސްމިއްޔާތުފަދަ ކަންކަމުގައި އެކަމަކަށް ކަމުދާ ދިވެހި ސަގާފީ ހެދުން އެޅުން ލާޒިމުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމެވެ.
ރ- ރަސްމީ ނަންތައް ލިޔުމާއި ކިޔުމަށް ދިވެހި ބަސް ލާޒިމުކުރުން
ސަރުކާރުގެ ހުރިހާ ރަސްމީ އިދާރާތަކުގެ ނަންތައް ދިވެހި ބަހުން ލިޔުމާއި ކިޔުމަށް ލާޒިމުކުރާ ގާނޫނެއް ވުޖޫދު ކުރުމެވެ. އަދި ޚާރިޖީ ސިޔާސަތުގެ ދަށުން އުފެއްދޭ އިދާރާތްތަކުގެ ނަންތައް ދިވެހި ބަހުން ލިޔުމާއި ކިޔުމުގެ އިތުރުން އޭގެ ތަރުޖަމާތައް ބޭނުންކުރުން އިސްތިސްނާ ކުރެވޭގޮތަކަށް ހަމަޖެއްސުމެވެ.
ނުވައެއް: އެންމެންނަށް ޕެންޝަން
ހަގީގަތް:
ރާއްޖޭގެ ގިނަ ބަޔަކު ހިތްހަމަނުޖެހިގެން ދައްކާ އެއް ވާހަކައަކީ ދިގު މުއްދަތެއްގައި ޚިދުމަތްކުރުމަށް ފަހު ވަޒީފާ ދޫކޮށްލާއިރު ދެކޮޅުޖެހޭވަރުގެ އެތިކޮޅެއް ނުލިބޭ ވާހަކައެވެ.
ދިގު މުއްދަތެއްގެ ވަޒީފާއަކަށް ފަހު ގޭގައި މަޑުކޮށްލާ ބައެއް މީހުންނަށް މި ވަގުތު ޕެންޝަން އޮފީހުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެއްކޮށް، ކަނޑާ، ގެއްލާ، ގުނަކޮށްލީމާ ހަމައެކަނި “ފަސްހާސް” ރުފިޔާ ޖެހޭ ތަން ވެސް އެބަ އާދެއެވެ. އެ ހިނދު އެމީހެއްގެ ބޮޑު ޝަކުވާއަކީ އުމުރުން ފަސްދޮޅަސް ފަސް އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ފަސްހާސް ރުފިޔާ ލިބޭއިރު ތިމަންނަ މިހާ ދިގު މައްދަތަކަށް މިވެނި މުއައްސަސާއެއްގައި ނޯކިރީ ކުރުމުގެ ބަދަލުގައި ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟
ބައެއް މީހުންގެ ހިތްހަމަނުޖެހުމަކީ އެވޭލާ ޒަމާނުގައި ސަރުކާރުގެ ޚިދުމަތުގައި ވިހި އަހަރު ވެގެން ނުވަތަ ސާޅީސް އަހަރު ވެގެން އެ މީހުންނަށް އެ ދުވަސްވަރު ލިބިލިބިހުރި އެތިކޮޅު ނުލިބި އެ މިހުންނަށް ވެސް މިހާރު ލިބެނީ އެއް ވެސް ޚިދުމަތެއް ނުކޮށް ގޭގައި ހުރި މީހަކޭ އެއްފަދައިން ފަސްދޮޅަސް ފަހެއްގެ ފަސްހާސް ރުފިޔާ އެކަނި ކަމަށެވެ. އެ މީހާގެ ވެސް ކަންބޮޑުވުމަކީ ވިހި އަހަރު ނުވަތަ ސާޅީސް އަހަރު ސަރުކާރަށް ގުލާކޮށްދިނުމުުގެ ފައިދާއަކީ ކޮބާ ހެއްޔެވެ؟
ބައެއް މީހުންނަކީ ވަޒީފާގައި އުޅެނިކޮށް ކުށްވެރިވެގެން ނުވަތަ ސިޔާސީ ނުފޫޒެއްގެ ސަބަބުން ނުވަތަ އަމިއްލައިން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ ވަޒީފާ ގެއްލިފައިވާ މީހުންނެވެ. އެ މީހުންނަށް ވެސް ފަސްދޮޅަސް ފަސް އަހަރުވުމުން ފަސްހާސް ރުފިޔާ ހަމަޖެހިގެންދާއިރު އެމީހެއްގެ ހިތުގައި ވެސް އުފެދޭ ސުވާލަކީ އޭނާ ކޮށްދިން ޚިދުމަތުގެ އަގަކީ ކޮބާ ހެއްޔެވެ؟
ޕެންޝަންގެ ގާނޫނަށް މިހާރު އަމަލުކުރެވޭގޮތުން ޕެންޝަން ލިބޭ މީހުންގެ މާލީ ހައްގުތަކަށް އުނިކަން އަންނާތީވެ މަގޭ ގައުމު- މަގޭ ތަސައްވުރު ބިނާކުރެވިފައިވަނީ “މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު” ގެ މާއްދާތައް އަލުން މުރާޖާކޮށް އެއްވެސް ރައްޔަތެއްގެ މާލީ ހައްގެއް އަދި އަދާކޮށްފައިވާ ވަޒީފާއެއްގެ މުއްދަތު ނުގެއްލޭ ގޮތަށް ޕެންޝަން އިސްކީމަށް ބަދަލުގެނައުމަށެވެ.
ހައްލު:
ހ- އަސާސީ ޕެންޝަނަކީ ހުރިހާ ރައްޔަތުންގެ ހައްގެއް ކަމަށް ކަނޑައެޅުން
“އަސާސީ ޕެންޝަން ސްކީމް” ގެ ފަސް ހާސް ރުފިޔާއަކީ ދިވެހި ހުރިހާ ރައްޔަތުނަނަށް ހަމަހަމަ އުސޫލުން މަސައްކަތް ކުރިއަސް ނުވަތަ ނުކުރިއަސް ދެވޭ މާލީ ވަކި ހައްގެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ށ- އުމުރު ދުވަހަށް ދެވޭ ޕެންޝަނުގެ މިންވަރު ހަމަހަމަ ކުރުން
“މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް” ގެ އުމުރު ދުވަހަށް ދެވޭ އިނާޔަތުގެ އަސާސީ ފައިސާގެ މިންވަރަކީ ރާއްޖޭގައި މީހަކަށް ދިރިއުޅުމުގެ ޟުރޫރީ ބޭނުންތަކަށް (ކަރަންޓާއި ފެނާއި ކެއުމާއި އުނުފޭރާނަށް އަދި ވެސް އެހެނިހެން ޟުރީރީ ކަންތައްތަކަށް) ފުދޭނެވަރުގެ އަދަދެއް ކަމަށް ކަނޑައަޅައި ވަޒީފާތަކުން ރިޓަޔަކުރެވޭ ހުރިހާ މީހުންނަށް ހަމަހަމަ އުސޫލުން އެ އަދަދު ވަކިން ލިބިދިނުމެވެ.
ނ- ޚިދުމަތުގެ މިންވަރުން ޕެންޝަނަށް ކުރިއެރުން ދިނުން
އުމުރު ދުވަހަށް ދެވޭ އިނާޔަތުގެ މައިގަނޑު ފައިސާގެ މިންވަރުގެ ތެރެއަށް އެ މީހަކު ޚިދުމަތްކުރި މުއްދަތަށް މިހާރު ވެސް ހިސާބުކުރާ އުސޫލުން (ހަމަޖެހިފައިވާ ގަވާއިދުން) ހިސާބުކުރުމުން އަންނަ އަދަދެއް އިތުރުކޮށް އެ މީހުންނަށް އެ ހައްގު ލިބިދިނުމެވެ.
ރ- ކުރީގެ ގާނޫނުތަކުން ލިބިފައިވާ ޕެންޝަންތައް ދެމެހެއްޓުން
ކުރީގެ ގާނޫނުތަކުން ބައެއް މީހުންނަށް ލިބިފައިވާ މާލީ ހައްގުތައް (ވިހި އަހަރުވުމުން ދޭ އިނާޔަތް، ސާޅީސް އަހަރު ވުމުން ދޭ އިނާޔަތް) އަލަށް ހެދުނު ގާނޫން ރިޓަޔަރ ވިޔަސް ނުވިޔަސް ދެމެހެއްޓުމެވެ. ސަބަބަކީ ގާނޫނަކުން ލިބިފައިވާ މާލީ ހައްގުތަކަކީ އަނެއް ގާނޫނަކުން އުވާލަންޖެހޭ އެއްޗެއް ނޫންކަމަށްވާތީއެވެ.
ބ- ވަޒީފާ ގެއްލިފައިވާ މީހުންގެ ޕެންޝަން ރުޖޫއަކޮށްދިނުން
ވަޒީފާގައި އުޅެނިކޮށް ކުށްވެރިވެގެން ނުވަތަ ސިޔާސީ ނުފޫޒެއްގެ ސަބަބުން ނުވަތަ އަމިއްލައިން ދޫކޮށްގެން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ ވަޒީފާ ގެއްލިފައިފާއިވާ މީހުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ވައްދައި އެ މީހުންނަށް ވެސް މީހުންގެ ޚިދުމަތުގެ މުއްދަތުން އެ މީހުނަށް ހައްގުވާ ބައި ލިބިދިނުމެވެ.
ދިހައެއް: އެންމެންނަށް މަތީ ތަޢުލީމު
ހަގީގަތް:
ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ މިވަގުތުގެ ހަގީގަތަކީ ވަޒިފާއަަށް ވަނުމަށްފަހު ތަޢުލީމީ ފެންވަރު މަތިކުރުމަށް ޓަކައި އިތުރު ފުރުސަތެއް ނެތުމެވެ. ތަޢުލީމީ ފެންވަރު މަތިކުރުމަށް އެދޭ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ހުރެގެން ފުރުސަތެއް ހަމަޖެހުމުގެ އުއްމީދު އޮންނަނީ ވަރަށް ވެސް ކުޑަކޮށެވެ. އަދި ކިއެއްތަ! ދިވެހި އެތަކެއް ޒުވާނުންތަކެއް އަމިއްލަ ކުންފުނިތަކުގައި ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާތައް އަދާކުރެއެވެ. ނަމަވެސް އެ ޒުވާނުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް ކިޔަވަން ވީއްލެން ބޭނުންވާ ބަޔަކަށް މުސަރާއެކު ޗުއްޓީއެއް ލިބޭނެ އުސޫލެއް ތަޢާރަފު ކުރެވިފައި ނުވެއެވެ. ނަތީޖާއަކަށް ވަނީ ރައްޔަތުންނަށް ޚިދުމަތް ދިނުމުގައި ކޮންމެހެން ވެސް ބޭނުންވާ ޢިލްމީ މައުލޫމާތާއި ތަޖުރިބާ މަދުވުމުގެ ސަބަބުން ޚިދުމަތް ފުރިހަމައަށް ރައްޔަތުންނަށް ނުލިބުމެވެ. ނުވަތަ އެކަން ފޫބެއްދުމަށް ބަދަލުގައި ޢިލްމީގޮތުން ހޮވާލެވިފައިވާ ވަޒީފާތަކަށް ބިދޭސިން ގެންނަން ޖެހުމެވެ.
އެންމެންނަށް މަތީ ތަޢުލީމު ލިބިގެން ނޫނީ ގައުމެއް ތަރައްގީ ނުވާނެތީވެ މަގޭ ގައުމު- މަގޭ ތަސައްވުރު ބިނާކުރެވިފައިވަނީ އަންނަނިވި ކަންތައްތައް ކުރުމަށެވެ.
ހ- މަތީ ތަޢުލީމު ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ވެއްދުމެވެ. އެގޮތުން ކޮންމެ ދާއިރައަކުން ވެސް އެދާއިރާއެއްގެ މަތީ ތަޢުލީމު ދިނުން ވަޒީފާ ދޭފަރަތުގެ މައްޗަށް ގާނޫނަކުން ލާޒިމުކުރުމެވެ.
ށ- ދަރިވަރުންގެ ތެރެއިން ސެކަންޑަރީ ނިންމުމަށްފަހު މާލީ ދަތިކަމެއްގެ ސަބަބުން ވަޒީފާ އަދާކުރަން ފަށާފައިވާ ހަ މަސް (ނުވަތަ މަތީތަޢުލީމަށް ހުރަސް އެޅޭ މުއްދަތެއް) ފާއިތުވެފައިނުވާ ދަރިވަރުންގެ ތެރެއިން މެޑިސިނަށާއި އިންޖިނޭރިންއަށް ޝަރުޠު ފުރިހަމަވާ ދަރިވަރުންނަށް އިސްޓޫޑެންޓު ލޯނުގެ އިތުރުން އެ ދަރިވަރަކު އަދާކުރަން ހުރި ވާޒީފާއަކުން ލިބޭ މިންވަރުގެ އިތުރު ލޯނެއް ކިޔަވާ ނިމެންދެން ދިނުމެވެ.
ނ- ބައިނަލްއަޤުވާމީގެ ރަނަގަޅު ދަރަޖައަކަށް ދިވެހި ރާއްޖޭގެ ސަރުކާރުގެ ޔުނިވަރުސިޓީތައް ތަރައްގީކޮށް ރައްޖޭގެ އެތެރާއި ބޭރުން އަންނަ ދަރިވަރުންނަށް އެތަންތަނުގައި މަތީ ތަޢުލީމު ހާސިލުކުރެވޭނެ އިންތިޒާމު ގާއިމުކުރުމެވެ.
ނިންމައިލުން: މިފަދަ ގޮތަކަށް މަގޭ ގައުމު – މަގޭ ތަޞައްވުރު ބަދަލުކޮށްލެވިއްޖެ ނަމަ ވަރަށް ބޮޑު އިގުތިސާދީ ހެޔޮ ބަދަލެއް މުޖުތަމައުން ފެނިގެންދާނެއެވެ. މަސް ނިމޭ ދުވަހު ފެންނާނީ އާއިލާތައް އުފަލުން ފޮޅެމުން ކުޑަކުދީން އަތުގައި ހިފައިގެން ބާޒާރުމަތީ އުފާފާޅުކުރާ މަންޒަރެވެ. ކުދި ވިޔަފާރިވެރީންނާއި މެދު ވިޔަފާރިވެރިން އަވަދިނެތި ވިޔަފާރީގައި ނަގައިއަޅާ މަންޒަރެވެ. މުޖުތަމައުން ފެނިގެންދާނީ ދުޅަހެޔޮ އާބާދީއެކެވެ. ބޯހިޔާވެހިކަމުގެ ގޮތުން ފެނިގެންދާނީ އަރާމު ގެވެހިތަކެވެ. ދީނީ ގޮތުން ފެނިގެންދާނީ ރޫޙާނީ އަސަރެކެވެ. އަދުލު އިންސާފުގެ ސަބަބުން ފެނިގެންދާނީ އަމުނާއި އަމާންކަމެވެ. ސަގާފީގޮތުން މުސްތަގިއްލު ޖަމާއަތެއްކަން ވަކިކޮށްދޭ އިންފާރެކެވެ. އެންމެންނަށް ޕެންޝަނުގެ ސަބަބުން ދިރިއުޅުމުގައި އުފާފާގަތިކަމެވެ. އެންމެންނަށް މަތީ ތަޢުލީމުގެ ސަބަބުން ހެޔޮލަފާދާރު ވިސްނުންތެރި މުޖުތަމައެކެވެ.
وصلى الله على محمد وعلى إله وصحبه وسلم.