އެމްޕީއެލްގެ ޕޯޓް ޑިސްޗާޖް ސަރަހައްދުގެ ޑިއުޓީގައި ހުރި މުވައްޒަފަކު ފިޓްޖެހިގެން މޫދަށް ވެއްޓި ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވީ އަމީން އަބްދުލް ހަމީދު، ދެކުނުގެ / ގއ ދެއްވަދޫ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 10:40 ހާއިރު އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގުބޯޓު ދޭތެރެޔަށް އެމްޕީއެލްގެ މުވައްޒަފަކު ވެއްޓި އަނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނު ކަަމަށެވެ. އަދި ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުން އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
“ޚުލާސާ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން މޫދަށް ވެއްޓުނީ އެމްޕީއެލް ޕޯޓްގައި އޮތް ބާޖަކުން އަނެއް ބާޖަށް އަރަން އުޅުމުގެ ތެރޭގަ އެވެ. އަދި މޫދަށް ވެއްޓުނީ ފިޓު ޖެހިގެންކަން ވެސް ވަނީ އެނގިފަ އެވެ.
އެމްޕީއެލް އިން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެސް ބުނެފައިވަނީ މަސައްކަތް ކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފަކަށް ފިޓު ޖެހި، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެފައިވާ ކަމަށެވެ.
