ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅަދާނަ ކީޕަރު، އިބްރާހިމް އިފްރާޙް އަރީފަށް ސްޓްރޯކެއް ޖެހިގެން މާލޭގެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ.
އާއިލާއިން ބުނީ އިފްރާހްގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި، އިއްޔެ ސިކުނޑިއަށް އެޅިފައިވާ ލޭތައް ނެގުމަށް ސާޖަރީއެއް ހަދާފައިވާ ކަމަށެވެ.
އުމުރުން 36 އަހަރުގެ އިފްރާޙަށް މި ސްޓްރޯކް ޖެހުނީ އިއްޔެއެވެ.
ސިކުނޑިއަށް ލޭއެޅި، ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު އިރު، ޑޮކްޓަރުން ވަނީ އިއްޔެ އެޑުވަންސް ސާޖަރީއެއް ކޮށްފައެވެ. ނަމަވެސް، އޭނާ އަދިވެސް އޮތީ އައިސީޔޫގައި ގާތުން ބަލަމުންދާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
އިބްރާހިމް އިފްރާހަކީ ދިވެހި ފުޓްބޯޅަ ދާއިރާއިން ފާހަގަކޮށްލެވުނު ހުނަރުވެރި ކުޅުންތެރިއެކެވެ. 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު، އެ ގައުމީ ޓީމުގެ ކީޕަރުންގެ ތެރޭގައި އޭނާ ހިމެނެއެވެ. އެ ދުވަސްވަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން އެންމެ މޮޅު ކީޕަރުންގެ ތެރޭގައި އިފްރާހް ފާހަގަކުރެވުނެވެ.
ނަމަވެސް ފަހުން ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުރުމަށްފަހު ބޮޑެތި މުބާރާތްތަކުން އޭނާ ފެނިފައެއް ނުވެއެވެ.
އިފްރާޙް އެންމެ ފަހުން ކުޅުނު ކްލަބަކީ މީގެ ހަ އަހަރު ކުރިން ޓީސީ ސްޕޯޓްސް ކުލަބެވެ.

އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ކްލަބް ވެލެންސިޔާއިންނެވެ. އޭގެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ނިއުރޭޑިއަންޓާއި، ވިކްޓްރީ އަދި ބީޖީއަށްވެސް ކުޅެފައިވެއެވެ.
ގައުމީ ޓީމުތަކަށް ބަލާއިރު، އިފްރާހަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނެކެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް އަދި އޮލިމްޕިކް ކޮލިފައިންގައި ރާއްޖެ ތަމްސީލުކޮށް، ގިނަ ބައިނަލްއަގްވާމީ ތަޖުރިބާތަކެއް އޭނާ ވަނީ ހޯދާފައެވެ.
