އިނގިރޭސިވިލާތުގެ ކޯޓަކުން ޖިންސީ ގޯނާގެ މައްސަލައެއްގައި ޙުކުމް ކޮށްފައިވާ “ސުންދަރަލިންގަމް ކޫޑަލިންގަމް” އަކީ ދިވެއްސެއް ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން، ޚާއްސަކޮށް ޑެއިލީ މެއިލް ނޫހުން ރިޕޯޓު ކޮށްފައި ވާތީ، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ނަން ކިލަނބު ވެފައިވާ ކަން ފާހަގަކޮށް، މިކަމަށް ބަދަލު ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބަ އޮތެވެ.
ޑެއިލީ މެއިލް، މެޓްރޯ ޔޫކޭ، ދަ މިރާ، ދަ ސަން، އަދި އެލްބީސީ ފަދަ ވެބްސައިޓުތަކުން ވެސް ސިފަ ކޮށްފައި ވަނީ ކޫޑަލިންގަމް އަކީ 2021 ވަނަ އަހަރު ރާއްޖެއިން ލަންޑަނަށް ދިޔަ މީހެއް ކަމަށެވެ. އެ މީހުން މާނަ ކޮށްފައި ވަނީ އޭނާ އަކީ ދިވެއްސެއް ކަމަށެވެ. ނަމަވެސް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އޭނާ އަކީ ދިވެހި ރައްޔިތެއް ނޫން ކަމަށް ކަށަވަރު ކޮށްދީފައެވެ.

ރާއްޖޭގެ ނަން ޚަރާބުވާ ގޮތަށް ބޭރުގެ ޚަބަތުތަކުގައި ގެނެސްދިންއިރު މިއީ ކުދިކުދި ޕްލެޓްފޯމްތަކެއް ނޫނެވެ. ޑެއިލީ މެއިލް އަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ކިޔައި އުޅޭ އިނގިރޭސި ނިއުސް ވެބްސައިޓެވެ. މަހަކު 180 މިލިއަނަށް ވުރެ ގިނަ މީހުން އެ ވެބްސައިޓަށް ޒިޔާރަތްކުރާ ކަމަށް ވާއިރު އެ އެންމެންނަށް ވެސް ސިފަ ވެފައި ވަނީ ދިވެހިންގެ ގޮތް ކުޑަކަމާއި ވިޔާނުދާ ކަމެވެ. މިއީ ރާއްޖެއަށް އަންނަން ބޭނުންވާ އެތައް ފަތުރުވެރިން އެމީހުން ބުކިން ކެންސަލް ކޮށްލަފާނެ ކަމެކެވެ. އަދި ކިއެއްތަ؟ ރާއްޖޭގައި އިންވެސްޓުކުރަން ތިބި އެތައް ބިލިއަނަރުން ރާއްޖެއާއި ފެޔަށް ޖެހޭނެ ކަމެކެވެ.
މެޓްރޯ ޔޫކޭ އަކީ މުޅި އިނގިރޭސިވިލާތުގައި ޕްރިންޓް ކޮށްގެންނާއި އޮންލައިންކޮށް ދުވާލަކު އެތައް މިލިއަން ބަޔަކަށް ނޫސް ބަހާ ބޮޑު ކުންފުންޏެކެވެ. އެ މީހުން ވެސް މި ޚަބަރު ގެނެސްދިނެވެ. ހަމަ އެހެންމެ ދަ މިރާ އާއި، އަދި ޚާއްޞަކޮށް ޔޫކޭގައި އެންމެ ބާރަށް ހިނގާ އެންމެ ނުފޫޒު ގަފަ “ދަ ސަން” ފަދަ ޓެބްލޮއިޑްގެ އިތުރުން، އެތައް ބަޔަކު އަޑުއަހާ ރޭޑިއޯ ޗެނަލް ކަމަށްވާ އެލްބީސީ ގައި ވެސް މި ޚަބަރު ގެނެސްދީފައިވަނީ އެއީ ދިވެއްސެއް ކަމަށް މީހުންނަށް ޤަބޫލުކުރެވޭ ގޮތަށެވެ.
އެހެންކަމުން މިއީ ދިވެހި ސަރުކާރުގެ ބަންޑާރަނައިބު ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމެކެވެ. ވަކިވަކިން މިއިން ކޮންމެ މީޑިއާ އަކާއި ދެކޮޅަށް ދަޢުވާ ކުރުމުގެ ޙައްޤު ރާއްޖެއަށް އެބަ އޮތެވެ.
އެ މީހުންގެ ޚަބަރުގައިވާ ކަންކަމީ ދޮގެއްކަން ސާބިތުކޮށް ، އޭނާގެ އަތުގައި ރާއްޖޭގެ ޕާސްޕޯޓެއް ނެތްނަމަ ރާއްޖެ އަށް ވިން ވީއެވެ. އަބުރުގެ ދަޢުވާ އުފުލައި، ރާއްޖެއަށް ބޮޑު ބަދަލެއް މިކަމުން ލިބިދާނެ އެވެ.
