އެމެރިކާއާއެކު ސުލްހައިގެ ނުވަތަ ފުރިހަމަ ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނުން ގަސްތު ނުކުރާ ކަމަށާއި، ޝައިޠާނުންނާއި އެއްގަލަކަށް ނޭރޭނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ ވިދާޅުވެއްޖެއެވެ.
ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކުގައި ޚާމަނާއީ ވިދާޅުވީ ވޮޝިންޓަނަށް އިތުބާރު ނުކުރާ ކަމަށާއި، އެމީހުންނަކީ ވަޢުދަށް ޙުރުމަތްތެރިކޮށް ނުހިތާ ބައެެއް ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް އުޅެނީ ބާރުގެ ބޭނުން ކުރަން ކަމަށާއި އީރާނުން އެފަދަ ބަޔަކާއި އެއްގަލަކަށް ނާރާނެ ކަމަށާއި ދުލެއް ވެސް ނުދޭނެ ކަމަށެވެ.
ކުރިން ވެވުނު ނިއުކްލިއާ އެއްބަސްވުންތައް ފަހުން ފުނޑުފުނޑުވި ކަމަށް އިޝާރާތް ކުރައްވައި ޚާމަނާއީ ވިދާޅުވީ އެމެރިކާއަށް ބަރޯސާ ނުވެވޭނެކަން މާޒީގެ މަޝްވަރާތަކުން އެނގިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އީރާނުން ވޮޝިންޓަނުގެ ރުހުން ހޯދުމުގެ ބަދަލުގައި މަސައްކަތްކުރާނީ އިރާނުގެ އިސްތިޤްލާލާއި މިނިވަންކަމާއި ސްޓްރެޓެޖިކް މަސްލަޙަތު ދިފާޢުކުރުމުގައި ސާބިތުވެ ހުރުމަށެވެ.
އީރާނަށް ފިއްތުންތައް ފިއްތައި ބިރުދައްކައި ޔުރޭނިއަމް މަޝްރޫޢު ވެސް މުޅިން ހުއްޓާލުމަށް އެމެރިކާ އިން އިންޒާރު ދިނެވެ. ނަމަވެސް އީރާނުން ފާޅުގައި އެކަމަށް ދެކޮޅު ހެދުމުން އެމެރިކާ އިން މިހާރު ވަނީ އީރާނަށް އެކަމުގައި ދޫދީފައެވެ.
ޚާމަނާއީ ވިދާލުވީ މަޖުބޫރު ކޮށްގެން ތިމަންނާމެންނާއި މަޝްވަރާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ، އެއީ އީރާނުގެ އިޤްތިޞާދާއި ސިޔާސީ ނިޒާމު ބަލިކަށިކުރުމަށް އަމާޒުކޮށްގެން ހިންގާ މަޖުބޫރުކުރުމުގެ ކުޅިގަނޑެއް ކަމަށް ސިފަކޮށްފައއވެ.
