މިއަދުވެސް މާލެއަށް އެ އައީ 3904 މީހުން، ޓުއަރިޒަމާއި ގުޅުން ހުރި މުއައްސަސާތަކަށް ނުކެރުނު އިވްނެޓެއް ވެސް ބާއްވާކަށް. އެކަމަކު ލަންކާ އަށް 2000 މީހުންނާއި އެކު ކްރޫޒް ޝިޕް ދިޔައީމާ އެ ޤައުމަށް ހީވީ ޢީދެއް އައިސްގެން އުޅުނުހެން. ޓޫރިސްޓުން ރިސީވް ކުރަން ދިޔައީ މިނިސްޓަރުން. އަހަރެމެންނަށް ފަތުރުވެރިކަން އެންމެ ރަނގަޅަށް އިޝްތިހާރެއް ނުކުރެވޭ! މިހެން ވަންޏާ ކްރޫޒް ޝިޕްތައް ރާއްޖެ އައުން ހުއްޓޭނެ! މިއަދު އައި ކްރޫޒް ޝިޕް ދެން ދާނީ ލަންކާ އަށް

މިއަދަކީ އިނގިރޭސި ވިލާތުގެ އެމްއެސް ފްރެންކޯނިއާ ރާއްޖެއަށް އައިތާ 51 އަހަރު ވީ ދުވަހެވެ. އިއްތިފާގުން މިއަދުވެސް 3904 މީހުންނާއި އެކު ރާއްޖެ އަށް އެ ކުންފުނީގެ ކްރޫޒް ޝިޕެއް އައިސްފިއެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖެއަށް ކްރޫޒްޝިޕްތައް ގެންނަން ދާއިރާގެ އޮޕަރޭޓަރުން ހޭބޯނާރައި މަސައްކަތް ކުރާ އިރުވެސް ކަމާބެހޭ ފަރާތުން (ޚާއްޞަކޮށް ޓުއަރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން) އޮޕަރޭޓަރުންނާއި މެދު ފަރުވާ ކުޑަކޮށްލާފައިވާ ކަމެވެ. މާލޭ އެއާޕޯޓަށް ފަތުރުވެރިން އަންނަ ނަމަ މިނިސްޓްރީން ވަފުފުތައް ހަދައިގެން ބޮޑުބެރު ޝޯވ ތައް ބާއްވައި ފަތުރުވެރިންނަށް މަރުޙަބާ ކިޔައެވެ. ބޮޑެތި އިވެންޓުތައް ބާއްވައެވެ. ނަމަވެސް ކްރޫޒް ޝިޕެއް އަޔަސް މި މަންޒަރެއް ނުފެނެއެވެ.
މިއާއި ޚިލާފަށް އަވަށްޓެރި ޤައުމުތައް ތަފާތެވެ. އެމީހުން ތިބެނީ ކްރޫޒް ޝިޕްތަކުގެ އިންތިޒާރުގައި “ތެޔޮލައިގެންނެވެ”. ވަރަށް ފޯރި ދައްކާލައެވެ. ކުޅިވަރުތައް ބާއްވައި ކުލަގަދަ ގިނަ އިވެންޓުތައް ބާއްވައެވެ. ރިސީވް ކުރަން ވެސް ދަނީ އެ ޤައުމުތަކުގެ މިނިސްޓަރުންނެވެ. ހުސްވި ޑިސެންބަރު މަހު 2،000 އެއްހާ ފަތުރުވެރިން ގޮވައިގެން ކޮލަމްބޯ ބަނދަރަށް ކްރޫޒް ޝިޕެއް ކައިރިކުރި އިރުވެސް، ފެނުނީ އެ ޤައުމުގެ ޓުއަރިޒަމް މިނިސްޓަރާއި އިސް ވެރިން ފަތުރުވެރިންނަށް މަރުޙަބާ ކިޔަން ގޮސް ތިބި މަންޒަރެވެ. މިއީ ކްރޫޒް ޝިޕްތައް ލަންކާ އަށް ގެންދިޔުމަށް ކޮލޮމްބޯ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓްރީން ކުރަމުންދާ މަސައްކަތެވެ.

މި އަހަރު ކުރީކޮޅު ކްރޫޒް ޝިޕްތަކުން ރާއްޖެއަށް ފޭބީ އެންމެ 1،056 ޓޫރިސްޓުންނެވެ. ކްރިސްޓަލް ސިމްފޯނީ ފަދަ ޝިޕްތައް ރާއްޖެ އަށް ގެނައި ކަމުގައި ވިޔަސް، މިނިސްޓްރީ އިން އެކަށީގެންވާ އެއްބާރުލުން ނުދޭ ކަމުގައި ވަނީ ނަމަ އޮޕަރޭޓަރުން ބޭނުންވާ ފެންވަރުގައި މި މަސައްކަތް ކުރިޔަކަށް ނުދާނެއެވެ.
ކްރޫޒް ޝިޕްތަކުން މާލެއަށް ފައިބާން ވެސް މި ޖެހެނީ ޕާކުކޮށްފައި ހުންނަ ސައިކަލު ފުންޏެއްގެ ތެރެއިން ލާފައެވެ. ފާޚަނާ ކޮށްލަން ވަންނަން މި ޖެހެނީ މުޑުދާރު ޕޭޓޮއިލެޓަށެވެ. ކްރޫޒް ޝިޕްތައް ރާއްޖެ އަންނަތާ 51 އަހަރު ވީއިރުވެސް ކްރޫޒް ޝިޕްތަކަށް ޚާއްޞަ ޓާމިނަލެއް ވެސް ނެހެދުނެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ފެންނަން އޮތީ، ފަތުރުވެރިންނަށް މަރުޙަބާ ކިޔަން ޖެހޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ނަމައެވެ. ކްރޫޒް ޝިޕްތައް އަޔަސް މިފަދަ ޕީއާރު ކެމްޕޭންތަކެއް ބާއްވާކަށް ނޫޅެއެވެ. މިނިސްޓަރުންގެ ރިސެޕްޝަންތައް އިންތިޒާމެއް ނުކުރެވެއެވެ.
ކްރޫޒް ޝިޕްތަކުން ފައިބާ ޓޫރިސްޓުން މާލޭގެ ފިހާރަތަކަށާއި، އިމިގްރޭޝަނަށާއި މީރާ އަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދީފައި ދާއިރު، މިއީ ދައުލަތަށް ވަންނަ ފައިސާއެވެ.
ކްރޫޒް ޝިޕްތަކުގެ މައްސަލައިގައި މިނިސްޓްރީގެ އިހުމާލު ދައްކަން ވެއްޖެ ނަމަ ލިސްޓު ދިގު ކަމަށް އޮޕަރޭޓަރުން ބުނެއެވެ. ބިތުފަންގި އަށް މަޢުލޫމާތު ދެއްވަމުން އެބޭފުޅުން ވިދާޅުވީ ލަންކާ އާއި ސަރަޙައްދީ އެހެން ހަބްތަކުން ހީވާގިކަމާއެކު ކްރޫޒް އެރައިވަލްސް ޕްރޮމޯޓްކޮށް ފާހަގަކުރާއިރު، ބައިނަލްއަގްވާމީ ކްރޫޒް މާކެޓުގައި ރާއްޖޭގެ ޑިމާންޑާއި ފުރުސަތުތައް ގެއްލުމުގެ ނުރައްކަލާއި މިހާރު މި ވަނީ ކުރިމަތިލާން ޖެހިފައި ކަމަށާއި މިއީ ޓުއަރިޒަމް މިނިސްޓްރީގެ އިހުމާލެވެ.
