އިންސާނާގެ ސިކުނޑީގެ ޓިޝޫތަކުން އިންސާނުންގެ ހަމަ ލޮލަށް ނުފެންނަ ވަރުގެ ކުދިކުދި ޕްލާސްޓިކް ކުނޑިތައް ގިނަ ޢަދަދަކަށް ފެންނަމުންދާ ކަމަށާއި، ހުރިހާ އިންސާނުން ވެސް ވަނީ މި ނުރައްކަލަށް ހުށަހެޅިފައި ކަމަށް ސައިންސްވެރިން ކަށަވަރުކޮށްދީފިއެވެ. މިކަން ކަށަވަރުކޮށްދިނީ ޔުނިވާސިޓީ އޮފް ނިއު މެކްސިކޯގެ ރިސާޗް ޑޮކްޓަރުންގެ ނުވަތަ ސައެންސް ޓީމަކުންނެވެ.
ސައެންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި އިންސާނާގެ ހަށިގަނޑުގެ ތެރޭގައި މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ފެތުރިފައުވާ މިންވަރު ވަނީ ކަންބޮޑުވާ ދަރަޖަ އަށް ގޮސްފައެވެ.
މިހާރު ޢަންމުކޮށްގެން އުޅޭ ދިރާސާތަކުން ދައްކާ ގޮތުގައި މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކްސް އިންސާނާގެ ސިކުނޑިން ފެނިފައި ވަނީ އިންތިހާ ދަރަޖަ އަކަށެވެ. ކިޑްނީ އާއި ފުއްޕާމޭގައި ހުރި މިންވަރަށް ވުރެ 7 ގުނަ އާއި 30 ގުނަ އާއި ދޭތެރޭގައި މި ތަކެތި ވަނީ ސިކުނޑި އަށް ޖަމާ ވެފައެވެ.
މިހާރުގެ ހޯދުންތަކުން އެނގުނު ގޮތުގައި 2016 ވަނަ އަހަރު ހުރި މިންވަރަށް ވުރެ އިންސާނުންގެ ހަށިގަނޑުގައި ޕްލާސްޓިކް ހުރި މިންވަރު ވަނީ 50 ގުނަ އިތުރު ވެފައެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިކަން މިހެން ދިމާވަނީ ޖައްވުގެ ތެރޭގައާއި، ކާބޯތަކެއްޗާއި، އަދި އަހަރެމެން ބޯ ފެނުގައި ޕްލާސްޓިކް ފެތުރިފައި ހުރުމުންނެވެ. އަހަރެމެންނަށް ނޭނގެނީއެވެ. ލޮލަށް ނުފެންނަނީއެވެ. އެކަމަކު މިއީ ޙަޤީޤަތެވެ. ފުނށުފުނޑުވާ ޕްލާސްޓިކް ތައް ވެެސް ގޮސް މައިކްރޯސްކޯޕިކް ޕާރޓިކަލްތަކަށް ބަދަލުވެ، ނޭވާލާ ނިޒާމަށް ވެސް ވަންނަނީއެވެ. ޕެކެޓުތަކާއި ޕުލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ކާނާއާއި ބޯފެން މެދުވެރިކޮށް ވެސް ލޮލަށް ނުފެންނަ ކުދިކުދި ޕްލާސްޓިކް އެތިއެތިކޮޅު މިދަނީ ގޮހޮރަށާއި ހަށިގަނޑުގެ އެކި ބައިތަކަށެވެ. އަހަރުމެންނަށް މިކަން އިޙްސާސް ނުކުރެވެނީއެވެ. އެންމެ ކުދި ޕާރޓިކަލްތައް ފުއްޕާމޭ ނުވަތަ ގޮހޮރު މެދުވެރިކޮށް ލޭގެ ތެރެއަށް ވަދެ ސިކުނޑިއާއި ހަމަޔަށް ދަނީއެވއ. ނޭފަތުން ވެސް ހަށިގަނޑުގެތެރެއށް ވަދެ އެންމެފަހުން ސިކުނޑިއަށް ފޯރަނީއެވެ.
ސައެންޓިސްޓުން ބުނަނީ ދުނިޔޭގެ ހުރިހާ އެންމެން ތިބީ މިކަމަށް ހުށަހެޅިފައޭ ބުނުން ދޮގަކަށް ނުވާނެ ކަމަށެވެ. ނަމަވެސް މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އަދި ޞިއްޙަތަށް ބަލައިގެން އުޅޭ މިންވަރުން މިތަކެތި ހަށިގަނޑަށް ފޯރާ މީހުންގެ ޢަދަދުގައި ތަފާތުތަކެއް ހުރެދާނެ ކަމަށެވެ.
ސައެންސްވެރިން ގެންދަނީ މިކަމުގެ ރިސްކުތަކާއި އޭގެ މުއްދަތު ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަމުންނެވެ.
