ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ނަތީޖާ ނެރޭވޭނެ ފިޔަވަޅުތަކެއް މީގެ ކުރިން އެއްވެސް ވެރިއަކު އަޅުއްވާފައި ނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ، ތަރުޖަމާނު ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ ފަރާތްތަކުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން ކެބިނެޓުގައި ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މިކަމުގެ ތަފްސީލްތަށް ހާމަކުރައްވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވަނީ ވިޔަފާރިތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ގުޅުންހުރި އެކި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އޮފީސް އިސްވެ އިރުޝާދު ދެއްވި ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ހުށަހެޅި ޝަކުވާތަކަށް އިދާރާތަކުން ހައްލެއް ގެނައުމަށް އެދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މީގެ ކުރިންވެސް އިޤްތިޞާދީ ވުޒާރާގެ ވަޒީރުކަން ކުރެއްވި ކަމަށާއި، ނަމަވެސް ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އަހަމީއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.
“ރައީސް އަޑުއެއްސެވި އެވާހަކަ. މިއީ ދައުލަތުގެ އެކި އިދާރާތަކާއި ގުޅުން ހުރި ކަންކަން ވީމަ، ސީދާ ރައީސް އޮފީހުންވެސް އެކަމުގެ އިރުޝާދުތަކެއް ގޮސްފައިވަނީ އެކި އިދާރާތަކަށް. ކުދި ވިޔަފާރިތަކުން މި ޝަކުވާތައް އުފުއްލާފައޭ ވަނީ، މިކަމުގައި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް. މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު މިހާ ފޯކަސްޑްކޮށް މިހާ ނަތީޖާ ނެރެވޭ ގޮތަށް މިއިންތިޒާމުތައް ހަމަޖެއްސެވި ކަމަށް ޤަބޫލެއް ނުކުރެވޭ އެއްވެސް ޒަމާނެއްގައި. ” ވަޒީރު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު ވަނީ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް، އަލިއަޅުއްވާފައެވެ. ސަރުކާރުން މިހާރު ވައިގެ ބަނދަރާއި މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ޚިދުމަތް ދޭ ގަޑި އިތުރުކޮށް މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 3 ދުވަހާއި ގަޑިއިރުތަކުން 5 ދުވަހާއި ގަޑިއިރުތަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފައިސާ ނުލިބިވާ ކުންފުނިތަކަށް އެކަމުގައި ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މީރާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. މިކަންކަމުގެ ފައިދާ ވިޔަފާރިތަކަށް ވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
