އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާ އާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނަމަވެސް، އެއީ ކޮން ބައެއްކަން އަދި އިތުރު ތަފްސީލެއް ނާޒިމް ހާމަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ހޯދިފައި މިވަނީ ، ގެއްލުނު ފައިސާގެ ތެރެއިން އެއް ޕަސެންޓު ބޭނުންކުރި މީހުންކަމަށް ވެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވެފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށާއި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށެވެ. އެ މައްސަލައިގައި އަދީބު 20 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރިއެވެ. އެ އަދަބު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ލުއިކޮށް މަޢާފު ކޮށް ދެއްވައި މިނިވަންކޮށްދެއްވާފަ އެވެ. ނަމަވެސް އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ޔާމީނަކަށް އެމްޑީޕީ ސަރުކާރުން އެއްވެސް ލުޔެއް ނުދެއްވައެވެ. މިސަރުކާޜާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުވެވަޑައިގެންނެވުމާއެކު ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވިއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ޔާމީންގެ މައްޗަށްވަނީ ދެ ހުކުމެއް ކުރައްވާފައެވެ. އެއީ ފަސް އަހަރުގެޖަލު ހުކުމަކާއި 11 އަހަރުގެ ޖަލުހުކުމެކެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މިދެ ޙުކުމް މިހާރުވަނީ ތަންފީޛު ކުރުން ފަސްކުރެވިފައެވެ.
އެމްއެމްޕީއާރްސީގެ ވައްކަމުގައި ބައިވެރިވި އެންމެނަށް އަދަބު ދީ، “ރައްޔިތުންނަށްޓަކައި އެ ފައިސާ” ހޯއްދެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ވައުދެކެވެ. އެކަމާއި ގުޅިގެން ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، ތިމަންމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދުންކަމަށާއި ، އެމްއެމްޕީއާރްސީގެ މައްސަލަ ބަލާއިރު ، އެންމެ ބޮޑު މައްސަލައަކީ އެ ވައްކަން ކުރި ފަރާތްތައް ދެނެގަތުން ކަމަށާއި އެފައިސާ ގައި ޖެހުނު މީހަކީ ކޮންމެ މީހެއް ކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ .
“އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،”
ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލަތައް ބަލައި ފައިސާތައް ހޯދާނެ ކަމުގެ ޔަގީންކަން ރައީސްކަމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުން ދެއްވާފައިވާއިރު އެމަނިކުފާނުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ހިޔާނާތުގެ ތުހުމަތު ކުރެވޭ ކުރީގެ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތައް ތިބިކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރެއެވެ.
ނަމަވެސް، އެއީ ކޮން ބައެއްކަން އަދި އިތުރު އެހެން އެއްވެސް ތަފްސީލެއް ނާޒިމް ހާމައެއް ނުކުރައްވަ އެވެ. އެހެންވީމާ ހޯދިފައި އެވަނީ ގެއްލުނު ފައިސާގެ ތެރެއިން އެއް ޕަސެންޓު ބޭނުންކުރި މީހުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް 2019 ގައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެމްއެމްޕީއާރުސީން ދޫކުރި 57 ތަންތަން (ރަށްތަކާއި ފަޅުތައް ހިމެނޭގޮތުން ) ދައުލަތަށް ލިބެންޖެހޭ 77.4 މިލިއަން ޑޮލަރުގެ ތެރެއިން ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަމަށް އޭސީސީން އޭރު ބުނެފައިވެ އެވެ.
ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދަން އެސެޓް ރިކަވަރީ ކޮމިޝަނެއް ހަދައިގެން މަސައްކަތް ފެށި އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތައް ހަމައަގުގައި ހިސާބުކުރުމުން 220 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހްމަދު އައްސަދު ވިދާޅުވެފައިވެ އެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް ފައިސާއެއް ނުހޯދެ އެވެ.
އެމް. ޕީ. އާރު. ސީ . ގެ ބޮޑު ހިޔާނާތް ފަޅާ އަރާފައި ވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަމުގައި، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުންނެވި ދުވަސްވަރު ރާއްޖޭގެ ރަށްތައް އެމްއެމްޕީއާރުސީން ނު އަގުގައި ވިއްކައި، އެއިން އިންވެސްޓަރުންގެ އަތުން ފައިސާ ނެގާފައިވާައިރު ދައުލަތަށް ވަންނަންޖެހޭ ގިނަ ފައިސާ ދައުލަތުގެ ބައިތުލްމާލަށް ނުވައްދައި، އެ ޗެކްތައް އެހެން އެކައުންޓުތަކަށް ބަދަލުކޮށް މަނި ލޯންޑަރިން ހިންގައި ގިނަ ފައިސާތަކެއް ނެގިކަން ހާމަ ވުމުންނެވެ.
އެމްއެމްޕީއާރްސީ މިހާރު ވަނީ އުވާލާފައެވެ.
