
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްފުޅަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން މަރުހަބާ ކިޔައިފިއެވެ.
ރައީސް މުއިއްޒުގެ އިސްނެންގެވުމާއެކު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ދުންފަތް މަނާކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގައި، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށްފައިވެއެވެ.
މި އިޞްލާޙު ފާސްކުރުމާއި ގުޅިގެން ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ، މިއީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ މި ނިންމުމަކީ ދެކުނު އިރުމަތީ އޭޝިޔާގެ ސަރަޙައްދުގެ ޤައުމަކުން ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ ޖީލެއް އުފެއްދުމަށް އެޅި މިފަދަ ފުރަތަމަ ފިޔަވަޅުކަން ފާހަގަކޮށްފައިވެއެވެ.
ޑަބްލިޔުއެޗްއޯ އިން ވަނީ ސަރުކާރުގެ މި ނިންމުމަށް މަރުޙަބާ ދަންނަވައި، ރައީސް ޑރ. މުޢިއްޒު މިކަން ޙަޤީޤަތަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ތަޢުރީފްކޮށްފައެވެ. މި އިޞްލާޙުގެ ދަށުން، ދުންފަތް ވިއްކާ ފަރާތްތަކުން ގަންނަ މީހާގެ އުމުރު ނުވަތަ އުފަންތާރީޚް ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.