ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާ ނެރުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚިޠާބުގައި ވިދާޅުވީ، މިއީ 1447 ވަނަ އަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި މުނާސަބާ ކަމަށެވެ. މިއީ، ތަޤުވާވެރިވުމާއި ކުށް ފާފަތަކުން ދުރުހެލިވުމާއި ތެދު މަގުގައި ސާބިތުވެ ތިބުމުގެ މައްސަރު ކަމަށެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ފޮނުވާ ކަމަށް ރަޢީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު، މުޖުތަމަޢުން ދެކެން ބޭނުންވާ ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށެވެ. ދީނީ ކަންކަމާއި، އާދަކާދައިގެ ކަންކަމާއި، އުސޫލާއި، ޤާނޫނާއި ޤަވާއިދަށް ބޯ ލެނބުން މުހިންމު ކަމަށެވެ. އަދި ފަސްވަގުތު ނަމާދު ކުރާ މުޖުތަމަޢެއް ބޭނުންވާ ކަމަށާއި، ކުޑަކުދީންގެ ކަރާމާތް ރައްކާތެރި ކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމު ކުރާ މުޖުތަމަޢެއް ބޭނުންވެއެވެ
