ޣައްޒާ އާރާސްތު ކުރާނީ އައްސޭރިފަށުގައި ޓޫރިޒަމް ޒޯން ތަކެއް ވެސް ހުޅުވައިގެން ކަމަށް، އެގްޒެކެޓިވް ބޯޑުގެ މެންބަރު އަދި ޓްރަމްޕުގެ ދަރިކަނބަލުންގެ ފިރިމިހާ ޖޭރެޑް ކުޝްނާ ބުނެފިއެވެ. އޭނާ މިހެން ބުނީ އިއްޔެ ސްވިޒަލޭންޑުގައި އޮތް ޕީސް ބޯޑުގެ ކަންކަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
ޣައްޒާގައި ގާއިމް ކުރާނީ މިކްސްޑް ޔޫސް ޓަވަރުތަކާއި އަދި ސިނާއީ ސަރަހައްދުތައް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ މަންޒަރުތައް ހިމެނޭ މެޕްތަކެއް ވެސް އިއްޔެގެ ރަސްމިއްޔާތުގައި އޭނާ ވަނީ ދައްކާލާފައެވެ.
މި އާ ޕްލޭންތަކުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ ދާއިމީ ހައުސިން ޔުނިޓާއި 180 އަށް ވުރެ ގިނަ ސަގާފީ އަދި ދީނީ މަރުކަޒާއި އަދި ތައުލީމާއި ގުޅުން ހުރި 200 އަށް ވުރެ ގިނަ ތަންތަނާއި 75 އަށް ވުރެ ގިނަ މެޑިކަލް ސެންޓަރު ތައް ހިމެނޭނެ ކަމަށް އެމެރިކާ އިން ބުނެއެވެ.
