ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ރޭ ހުޅުވައިފި އެވެ. ރޭ ބޭއްވި ޖަލްސާއެއްގައި މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ތިއްބެވި އެވެ.
އެންމެ ފުރަތަމަ އެމްޑީޕީގެ ހަރުގެ ހިންގި މި އިމާރާތުގައި ފަހުން، އެ ޕާޓީން ވަކިވެ ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ޖަގަހައެއް ވެސް ހިންގި އެވެ.
ޕީއެންސީ އިން އެ ބިން ނެގީ ރިޔާސީ އިންތިހާބަށްފަހު އެވެ. ރޭ އެ ބިމުގައި އިމާރާތް ކޮށްފައިވާ ޕީއެންސީގެ އޮފީސް ހުޅުވިއިރު، އެއީ ހަތަރު ބުރީގެ އޮފީސް އިމާރާތެކެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކުރި މައުލުމާތުތަކަށް ބަލާއިރު މިވަގުތު މިވަގުތު ރާއްޖޭގައި އޮތް އެންމެ މެމްބަރުންގިނަ ޕާޓީ އަކީ ޕީއެންސީ އެވެ. އެގޮތުން އެ ޕާޓީގައި 74،048 މެންބަރުން ތިބި ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕާޓީގައި ތިބީ 43،784 މެމްބަރުންނެވެ.
