މި ފެށުނު 2026 ވަނަ އަހަރަކީ އިސްލާމީ ވައުދުތައް ފުއްދައި، މި މުސްލިމް މުޖުތަމަޢަށް ބޮޑެތި އިސްލާހުތައް ފޯރުކޮށްދިނުމުގެ އަހަރެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވީ، މިފެށުނު އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކަށް އިތުރު ފުރިހަމަކަން ލިބި، އިސްލާމީ ގޮތުން ރާއްޖެއަށް ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވާ ޤުރުއާނަށް ޚާއްޞަ ވަޤުފު ބިލްޑިންގ މަޝްރޫޢު އަމަލީގޮތުން ފެށިގެން ގޮސް އަދި ޒަކާތު ފަންޑާއި، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށާއި ޒަކާތު ޤާނޫނަށް ޢަމަލުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޒަކާތު ބެނެފިޝަރީ ކާޑު ލިބި، އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިނިސްޓްރީގެ މުހިއްމު ޕްލޭންތައް ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
ޒުވާނުންގެ ތަރައްޤީގެ ތެރެއިން މިނިސްޓަރ ޝަހީމް ގެންދަވަނީ ޒުވާން އިމާމުންނާއި، ޒުވާން ދަރުސްވެރިންނާއި، ހާފިޒުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ގައުމީ ކޮންފަރެންސެއް ބާއްވާއިރު، ރާއްޖޭގައި ޒުވާން ދަރުސްވެރިންގެ އަދަދު 1،000 އަށް އަރާނެ ކަމަށް ބެލެވެއެވެ.
