
މިއީ ހުވަދު އަތޮޅު ބަޔަކު ހެދި ސިހުރެއްގެ ސަބަބުން ދިޔަދޫ ކަޅުތުއްތު ދީދީ ބަން މަސްދޯންޏާއި އެ ދޯނިން ދަތުރުކުރި 19 މީހުން ވަކިވި ހާދިސާއެވެ. ނިޔާވެފައިވާ ބައެއް ފަރާތްތަކުގެ ނަންތައް ހިމަނާފައި ވިޔަސް، ބާވަތުގެ ގޮތުން ބައެއް ފަރާތްތައް ވާނީ އުނިކޮށްފައެވެ.
ޙަޤީޤީ ޙާދިސާ: ސިހުރި ހަދައި ދެދޯނި ކަނޑު ފައްތައި 19 މީހުން މަރައިލި ވާހަކަ
ދުވަސްވަރަކީ ދިޔަދޫގެ ތަރައްޤީ މެކުހުގައި ހުރި ދުވަސްވަރެކެވެ. ދިޔަދޫގެ ރައްޔިތުން ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ދިޔަދޫ މުދިމް އާދަމްމަނިކުގެ ޢާއިލާ ގުޅިފައިފައިވާ ބަޔަކާއި، ދިޔަދޫ ތުއްތު ބޭބެގެ ޢާއިލާ އާއި ގުޅިފައިވާ ބައެކެވެ. މިދެފަރާތަކީ ދިޔަދޫގެ އޭރުގެ ތަނަވަސް މީހުންގެ ތެރޭގައި ހިމެނޭ އެންމެ ނުފޫޒުގަދަ ދެފަރާތެވެ. އެހެން ކަމުން އަބަދުވެސް މަސްދުވާނީ ފެންއޮންނަ ތަނަކަށް ތާއެވެ. އަނެއް ކޮޅުން މުދިމް އާދަމްމަނިކުގެ ޒަމާނުގައި ވެރިކަން ކުރަމުން އައީ އާދަމް މަނިކާއި އޭނާގެ ދަރިފުޅު ޢަބުދުﷲ ޙަބީބުއެވެ. ނަމަވެސް ޢަބުދުﷲ ޙަބީބަކީ އޭރުގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހިމް ނާޞިރުގެ ވެރިކަމާއި ދެކޮޅުވެ، ސުވަލްދީބު ސަރުކާރު އުފައްދަން ޖަމާޢަތް އެއްކުރުމަށް މަސައްކަތް ކުރެއްވި ހިތްވަރު ގަދަ ހީވާގި އަދި ޢިލްމީގޮތުން ފުންނާބު އުސް ޒުވާނެކެވެ. އެމަނިކުފާނު މާލެގެނެސް މާލޭގައި ޒަމާންތަކަކަށް ބަންދުގައި ބެހެއްޓިއެވެ. އަދި ވަކިން ބަތްޕެންތައްޓެއް އޭނާއަށްދީ އެއަށް ޒަހަރުލައި މާލޭޖަލުގައި ދައުލަތުން އޭނާ އަވަހާރަކޮށްލީއެވެ. އެ ދުވަހަކީ އެއްވެސް ކުށެއް ނެތި، ސިޔާސީ ބޭނުމަކަށް އަޅުގަނޑުގެ ބައްޕަ ދިޔަދޫ ހުސްނުހީނާގޭ ޙަސަން ދީދީ އާއި އޭނާގެ އެއްބަނޑު އެއްބަފާ ޔަހުޔާ ދީދީ ވެސް މާލޭ ޖަލަށް ވެއްދި ދުވަހެވެ. ނާޞިރާއި ދެކޮޅުވި މި ޖަގަޑާގައި ދެކުނުގެ ގިނަ ބަޔަކު ޖަލަށް ލެވުނެވެ. އޭގެތެރެއިން ދެއްވަދޫ މުޙައްމާކަތީބު އަޅުގަނޑުގެ ގާތު ވިދާޅުވީ އޭނާއާއި އެއް ތަނެއްގައި ޖަލުގައި ޙަބީބު އޮތް ކަމަށާއި ޙަބީބަކީ ވަރަށް ދީންވެރި މީހެކެވެ. މުޙައްމާކަތީބު ވެސް ޖަލުގައި ބަންދުކޮށް އޭނާގެ މުދާތައް ދައުލަތުން ފޭރިގަނެ، އެއަށްފަހު ދުވަސްކޮޅަކުން ދޫކޮށްލެއްވިއެވެ. ނަމަވެސް އެދުވަސްވަރު މީހުން ވެރިކަން ހޯދަން ސިހުރުހަދާތީ ގަންނާކުރެއްވި ބިރުން މުޙައްމާކަތީބު ސިޔާސީ ކަންކަމާއި ދުރުވެ އާދައިގެ ދިރިއުޅުއްވުމަކަށް ލޯބިކުރައްވަނިކޮށް އެއްދުވަހަކު ހުކުރަށް ވަޑައިގަންނަވަނިކޮށް ކުއްލިޔަކަށް އަވަހާރަވީއެވެ. އެއީ އަޅުގަނޑާއި އަޅުގަނޑުގެ ބައްޕާފުޅުގެ ވަރަށް ގާތް އެކުވެރި މިތުރެކެވެ. މާލެ ވަޑައިގެންފިނަމަ އަޅުގަނޑުގެ ބައްޕާފުޅުގެ އަރިހަށް ޒިޔާރަތްކުރައްވާނެއެވެ. މުޙައްމާ ކަތީބާ އަޅުގަނޑުގެ ގާތު ވިދާޅުވީ ދިޔަދޫ ޢަބުދުﷲ ޙަބީބަކީ ވަރަށް ޚުލްޤު ހެޔޮ ޖަލުގައި ވެސް ދީނީ ކަންކަމަށް ފަރުވާ ބެހެއްޓެވި ޝަޚްޞިއްޔަތެއް ކަމަށެވެ. އޭނާ ވެސް ވިދާޅުވީ ޢަބުދުﷲ ޙަބީބު ޖަލަށް ގެންގޮސް އަވަހާރަކޮށްލުމުގެ ކުރިން ދިޔަދޫގެ ގިނަމީހުންގެ ސަޕޯޓް އޮތީ ޢަބުދުﷲ ޙަބީބަށް ކަމަށެވެ. ކޮންމެޔަކަސް ދިޔަދޫ އަކީ ސިހުރުގެ ކުޅިގަނޑު ވަރަށް ބޮޑު ރަށެކެވެ. އަދި ހުވަދުއަތޮޅުގައި ވެސް އެދުވަސްވަރު ސިހުރުގައި ވަރަށް ކުރީގައި އުޅޭ ބަޔަކު އުޅުނެވެ. ވާދޫ އާއި ކަނޑުހުޅުދޫއާއި ވިލިނގިލީގައި ވެސް މެއެވެ.
ދިޔަދޫ ބައިބައިވުން
ޢަބުދުﷲ ޙަބީބަށް ފަހު ދިޔަދޫގެ ވެރިކަން ލިބުނީ ޢާދަމް މަނިކާއި އެއްބަނޑު އެއްބަފާ އަންހެނެއް ކަމުގައިވާ އާމިން ދައިތަގެ ދަރިފުޅަށެވެ. އެހެނަސް އޭނާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ އަކަށް ވެގެން ދިޔައީ އިސްވެ ދެންނެވުނު ތުއްތުބޭގެ ދަރިފުޅަކާއިއެވެ. މުދިމަކަށް ހުންނެވީ އާދަމް މަނިކުގެ ދޮން ދަރިފުޅު ދިޔަދޫ ކަޅުތުއްތު ދީދީއެވެ. މުދިމް އާދަމް މަނިކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ޖެހިގެން އޮންނަ ކޮނޑޭ ތުއްތުދީދީގެ ޙައްވާދީދީ އާއި އެވެ. ތުއްތުބޭބެ ކައިވެނި ބައްލަވައިގަތީ މިދެންނެވި ޙައްވާދީދީއާއި އެއްބަނޑު އެއްބަފާ އޭނާގެ ކޮއްކޮ ދޮންދީދީ އާއި އެވެ. އެހެންކަމުން ދިޔަދޫގެ މަސްރަހުން ފިޔަޖަހައިލި މި ދެޢާއިލާ ވެގެން ދިޔައީ އެރަށް ދެބައިކޮށްލި ދެޢާއިލާ ކަމުގައެވެ.
މި ދެޢާއިލާ ގެ ތެރޭގައި އުފެދުނީ ސިޔާސީ ފިތުނައެކެވެ. އެހެނަސް ޢަބުދުﷲ ޙަބީބުގެ ބައްޕާފުޅު އާދަމް މަނިކު ނިޔާވުމަށްފަހު ވެސް އަދި އޭކުރީގައިވެސް ތުއްތުބޭގެ ތިން އަންހެން ދަރީންނާއި ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މުޙައްމަދު ޒާހިރު އާދަމްމަނިކުގެ ދަރިފުޅު ޢަބުދުﷲ ޙަބީބުގެ ކޮއްކޮ ސަޢީދާދީދީ އާއި އަދި އެޢާއިލާއަށް ނިސްބަތްވާ ހުރިހާއެންމެނާއި އަދި އާދަމް މަނިކުގެ ދޮންދަރިފުޅާއި ދެމެދު އެއްވެސް ދެކޮޅުވެރިކަމެއް ނުއޮވެ އެވެ.
އެހެނަސް ތުއްތުބޭބެ އާއި އާދަމް މަނިކު އާއި ދެމެދުގައި އުފެދިފައިވާ ސިޔާސީ ފިތުނައިގެ ނޭދެވޭ އަސަރު ދެޢާއިލާގައި ތިބި ބޮޑެތިވަމުން ދިޔަ ކުދީންނަށް ފޯރަމުން ދިޔަނަމަވެސް އެކުދީންނަކީ ވަރަށް ރަނގަޅު ލޭގެ ގުޅުންތަކަށް އިޙުތިރާމް ކުރި ނަމޫނާ ކުދިބައެކެވެ. އޭގެތެރޭގައި ހިމެނޭ ތުއްތުބޭބެގެ ހުރި ހަމައެކަނި ފިރިހެން ދަރުފުޅު މުޙައްމަދު ޒާހިރު ލޯބީގެ ގޮތުން ގުޅުނީ އާދަމް މަނިކުގެ ހަމައެކަނި އަންހެން ދަރިފުޅު ސަޢީދާ ދީދީއާއި އެވެ. އެހެނަސް ދެފަރާތުން ވެސް ތިބީ އެ ދެޒުވާނުން ގުޅުވައިދޭ ގޮތަށް ނޫން ކަމުން އެދެމީހުނަށް ކައިވެނި ކުރެވޭނެ ގޮތެއްނުވިއެވެ. އާދަމް މަނިކުގެ އާއިލާއާއި ތުއްތުބޭބެއާއި ދެމެދު އުފެދުނު ސިޔާސީ ފިތުނަ ދުވަހެއް ދުވަހެއް އައީ ގަދަ ވަމުންނެވެ. އެރަށުގައި އުފެދުނު އެންމެ ތަނަަސް ދެމީހުންނަކީ މުދިމް އާދަމް މަނިކުއާއި ތުއްތު ބޭބެއެވެ. އެހެން ކަމުން އެރަށުގައި އޭރު ހުރި ދެމަސްދޯންޏަކީ ވެސް އެ ދެމީހުންގެ ދެ މަސްދޯންޏެވެ.
ޢަބުދުﷲ ޙަބީބު ޒުވާން ޢުމުރުގައި ޖަލަށް ލައި އަވަހާރަކޮށްލާފައި ވަނީ ތުއްތުބޭބެ އާއި ބޮޑުވަޒީރު އިބުރާހިމް ނާޞިރާއި ދެމެދު ގައި އޮތް ސިޔާސީ ގުޅުމުގެ ތެރެއިން ތުއްތުބޭގެ އަތެއް އޮވެގެންކަމަށް އާދަމް މަނިކުގެ ޢާއިލާ އަށް ގަބޫލު ކުރެވި އެ ދެޢާއިލާގެ ދެމެދުގައި އުފެދުނު ފިތުނައަށް ނިމުން އަންނަގޮތެއް ނުވިއެވެ.
ކަތީބު އިބްރާހިމް އިސްމާޢިލް ވެސް ފަހުން ހުންނެވީ ތުއްތުބޭގެ ސިޔާސީ ރޭވުންތައް ތަންފީޛުކުރާ މީހެއްގެ ގޮތުގައެވެ. އެހެން ކަމުން އެރަށު ކަޅުތުއްތުދީދީއާއި ތުއްތުބޭބެއާއި ދެމެދުގައި އޮތް ޢާއިލީ ފިތުނަ އަށް ނިމުން އަންނަގޮތެއް ނުވެއެވެ. އަނެއް ކޮޅުން ކަތީބު އިބުރާހިމް ދީދީ ވަނީ އޭނާގެ އަލަތު އަނބި ތުއްތުބޭގެ ސަންފާމަނިކެ ވަރިކުރައްވައި ސަންފާމަނިކެގެ ދައްތަ ކައްދާ ދީދީ އާއި ކައިވެނި ބައްލަވައިގެން އުޅުއްވަނިކޮށް އާދަމް މަނިކުއާއި އެެއްބަނޑު އެއްބަފާ ފިރިހެނެއް ކަމުގައިވާ އެރަށުމީހުންގެ ނަމުން ބޭއްޔާބޭބެގެ ފިރިހެން ދަރިފުޅު އިބްރާހީމްދީދީ ވަނީ ކަތީބު އިބްރާހިމްދީދީ ވަރިކުރެއްވި އޭނާގެ ދެދަރީންގެ މަންމަ ތުއްތުބޭބެގެ ސަންފާމަނިކެ އާއި ކައިވެނިބައްލަވައި ގެންފައެވެ.
އިބްރާހިމްދީދީ އަކީ ދިޔަދޫ ހިމެނޭހެން އެ އަތޮޅުގެ ހަތަރުރަށަކަށް ދައުލަތުން ކަނޑައަޅުއްވާފައި ހުންނަވާ ނާއިބެވެ. އެހެން ކަމުން ތުއްތުބޭބެގެ ސިޔާސީ ބާރާއި ނުފޫޒު ނުހިނގާ ރަށެއް އެއަތޮޅުގައި މަދުވާނެއެވެ.
ދުވަސް ކޮޅަކަށް ފަހު މިދެންނެވި އިބްރާހިމް ދީދީއަށް ދިޔަދޫގެ ކުޑަކަތީބުކަން ލިބި ތުއްތުބޭބެ ވެގެން ދިޔައީ މުޅި އަތޮޅުގެ ބަސްވިކޭ މީހަކަށެވެ. ރަތަފަންދޫގެ މައްސަލަ ހިނގީވެސް މިދެންނެވި ދުވަސްވަރުގައެވެ. ރަތަފަންދޫން ވިޔާފާރި ކަމުގައި ދިޔަ އެރަށު ބަޝީރުގެ ވިޔާާފާރި ދޯނީގެ މީހުން ވަގުރުކުއަޅާފައިވާ ކަމަށް ބުނެވޭ މާރެހާ އަކީ ތުއްތުބޭބޭ ވަރުވާއަށް ލިއުއްވައިގެން އުޅުއްވި ރަށެކެވެ. އެހެންކަމުން އެމައްސަލައިގެ އިންޞާފު ލިބޭނީ ކިހިނެެއް ކޮންބަޔަކަށް ކަން އަޅުގަނޑު ބުނާހިތެއްނުވެއެވެ. ރަތަފަންދޫ ބަޝީރުގެ ވިޔާފާރި ދޯނީގެ މީހުނަށް އެރަށުގެ ބަޔަކު ކުރި ލާއިންސާނީ އަނިޔާ ލޮލުން ދެކި އެކަމާމެދު ހިތްހަމަނުޖެހޭ ބަޔަކު ދިޔަދޫގައި އުޅުނެވެ.
ސިހުރުގެ ފެށުމާއި އެ ސިހުރުގައި ކަން ހިނގި ގޮތް
ދުވަސްވަރަކީ ނާއިބް އިބްރާހިމް ދީދީ އާއި ދިޔަދޫ ކަޅުތުއްތު ދީދީ އާއި ދެބޭފުޅުން ދެމަސްދޯނި ބަންނަމުންދިޔަ ދުވަސް ކޮޅެކެވެ. އެދެބޭފުޅުން އެ ދެމަސްދޯނި ބަންނަމުން ދިޔައީ ވަރަށް ވާދަވެރި ރޫހެއްގައެވެ. ރަށުތެރޭގައި ފިތުނަހަދާ މީހުންގެ ވިހަބަސްތައް އެ ދެބޭފުޅުންގެމައްޗަށް އިސްވެ ދެންނެވުނު ދެއާއިލާއަށް ނިސްބަތްވާ ފަރާތްތަކުން އަމާޒުކުރަމުން ދިޔައެވެ. ދެފަރާތުން ވެސް އެކަކު އަނެކެއްގެ މަސްދޯނި ބަނަ ނުދިނުމަށް ސިހުރު ހަދަމުން ދާކަމުގެ އަޑުތައް ވެސް ރަށުތެރެއިން ގުގުމަމުން އިއްވަމުންދިޔައެވެ. ކޮންމެއަކަސް ކުރިންބަނދެ ނިމުނީ ކަޅުތުއްތުދީގެ މަސްދޯންޏެވެ. ނާއިބް އިބްރާހިމްދީގެ މަސްދޯނި ނުނިމި ހަރުގޭގައި ހުރެ ފީވެގެންދިޔައީއެވެ.
ކަޅުތުއްތުދީދީގެ މަސްދޯނި ނިންމާ ފަޅަށް ބޭލުމަށްފަހު ގިނަދުވަސް ތަކެއް ނުވެ އެދޯނީގައި އިންޖީނެއް އަޅަން ކަނޑުހުޅުދޫ މުޙައްމަދު ރަޝީދުގެ އިންޖީނު އެޅި މަސްދޯނީގެ ކަފުޖަހައިގެން މާލެ ފުރަން ތައްޔާރުވިއެވެ. ކަޅުތުއްތުދީދީގެ މަސްދޯނީގައި އިންޖީން އެޅުމަށްޓަކައި މާލެއަށް ކުރި އެ ދަތުރުގައި ދިޔަދޫގެ 19 މީހުން ބައިވެރި ވިއެވެ. މި 19 މީހުންގެ ތެރޭގައި ރަތަފަންދޫގެ ބަޔަކަށް ދިޔަދޫގައި ލާއިންސާނީ އަނިޔާތައްދީ އެމީހުން މަރައިލުމަށްފަހު އުވަ ދެވި ހާދިސާއާއި ގުޅޭ ކަންކަން ހަމަލޮލުން ދުށް ހެކިންގެ ބަޔަކު ހިމެނެއެވެ.
އެހެން ކަމުން އެދޯނި ނައްތާލަން ދިޔަދޫގެ ބަޔަކު ސިޙުރު ހެދީ އެމީހުން މަރައިލުމަށް ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ބުނަމުން ދިޔައީ ކުރިން ދެންނެވުނުހެން ދޯނި ބަނަނުދިނުމަށް ސިހުރުހެދި މީހުން އެދޯނިނައްތާލަން ސިހުރުހެދީ ކަމަށެވެ.
ދޮންބޭބޭގެ މަރު އަދި މަހާނަ ކޮނުން
ކަޅުތުއްތުދީދީ މަސްދޯނީގައި އިންޖީނު އެޅުމަށްޓަކައި މާލެ އަށް ފުރަން ތައްޔާރުވަމުން ދިޔައެވެ. އެދޯނި މާލެއަށް ފުރަން ހަތަރުދުވަހަށް ވެފައި ވަނިކޮށް ދިޔަދޫ ތުއްތުބޭބެގެ ކޮއްކޮ ދޮންބޭބެ ނިޔާވެއްޖެއެވެ.
ދޮންބޭބެއަކީ ރަތަފަންދޫ ވިޔާފާރި ދޯނީގެ ކޮޅުވަތުގައި ނުހެހިހުރި ކާށި ތަކަކީ މާރެހާގެ ރާބޮއްލާ ރުއްގަނޑުގެ ކާށި ކަމަށް ތުހުމަތުކުރި ފަރާތެވެ. ދޮންބޭބެ ނިޔާވިތާ ހަތަރުވަރަކަށް ދުވަސް ފަހުން ކަޅުތުއްތުދީދީގެ މަސްދޯނީގައި އިންޖީނު އެޅުމަށްޓަކައި އެދޯނި ކަފުޖަހައިގެން މާލެ ދާން ހަމަޖެހިފައިވާ އެއަތޮޅު ކަނޑުހުޅުދޫ ރަޝީދުގެ އިންޖީނު އެޅި މަސްދޯނި ދިޔަދުއަށް އައެވެ. އެދޯނީގައި ދަތުރުކުރީ ރަޝީދުއާއި އިތުރު ދެ ފަޅުވެރީންނެވެ. ކަޅުތުއްތުދީދީގެ މަސްދޯންޏާއި ކަޑުހުޅުދޫ މަސްދޯނިން ދަތުރުކުރީ އެކުޖުމްލަ 19 މީހުންނެވެ. އެއީ ދިޔަދޫގެ 16 މީހުންނާއި ކަނޑު ހުޅުދޫގެ ތިންމީހުންނެވެ. ކަޅުތުއްތުދީދީގެ މަސްދޯންޏާއި ކަނޑުހުޅުދޫ މަސްދޯނި ދިޔަދޫއިން ފުރައިގެން ގޮސް އެއޮތޮޅު ވިލިނގިލީގައި މަޑުކުރުމަށް ފަހު އަނެއްދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލެ ދިއުމަށް ފުރައިފިއެވެ.
ކަޅުތުއްތުދީގެ މަސްދޯނި މާލެ ދިއުމަށްޓަކައި ވިލިގިލިން ފުރި ރޭގެ މެންދަމުގެ ވަގުތެއްގައި ދިޔަދޫ ޒުވާނެއްގެ ގާތުގައި އެރަށު ކަތީބު މިރޭ އޭނާއާއެކު ސަހަރާއަށް ގޮސް ދޮންބޭގެ މަހާނަ ކޮންނަން ކެރޭނެހޭ ވިދާޅުވެފައި ވެއެވެ. ޒުވާނާ ޖަވާބުގައި އާނއެކޭ ބުންޏެވެ. ކަތީބުއާއި ޒުވާނާ ސަހަރާއަށް ދިޔައީ އެރޭގެ މެންދަމު 2:30 ހާއިރު އެވެ. އޭރު ކަތީބުގެ އަތްޕުޅުގައި ދަނބުދޮން ރުކަކުން އަޅާފައިވާ ކިހަކެއް ލިއެފައި އޮތެވެ. ޒުވާނާ އާއި ކަތީބު ސަހަރާއަށް ވަދެގެން ގޮސް މަޑުކޮށްލީ އޭގެ ފަސްދުވަސް ކުރިން ނިޔާވެ ވަޅުލިތާ ހަތްދުވަސް ނުވާ ދޮންބޭބެގެ މަހާނަ ކައިރިއަށެވެ. ޒުވާނާގެ ގާތުގައި ކަތީބު ވިދާޅުވިއެވެ.
މަހާނައިގެ ބޯލާކޮޅު ކޮންނާށެވެ. ބިރުނުގަންނާށެވެ. ކަތީބުގެ ބޮލުގައި ރުމާލެއް އައްސައިގެން ވަކިދިމާއަކަށް އެނބުރިގެން ކިޔަވަން ހުންނެވިއެވެ. ކަތީބުގެ އިރުޝާދާއި އެެއްގޮތަށް ޒުވާނާ މަހާނަ ކޮންނަމުން ދިޔައެވެ. ސަންދޯކުގެ މަތީ ފިލާގައި އަތްލެވުމުން ކޮނެ ނިމިއްޖެ ކަމަށް ޒުވާނާ ބުންޏެވެ. ކަތީބު އެއްކަލަ ކިހަށް ޒުވާނާ އަތަށް ދެމުން ސަންދޯކުގެ މަތީގައި ކިހަށް ބަހައްޓާށޭ ވިދާޅުވިއެވެ. އެ ކިހަށް ސަންދޯކުގެ މަތީގައި ބެހެއްޓި ވަގުތު ސަންދޯކުގެތެރެ އަލިވެގެން ދިޔަކަމަށާއި އެހިނދު ޒުވާނާ ބިރުން ސިހިގެން ދިޔަކަމަށް އޭނާ ބުނެފައިވެއެވެ.
ދެން ވީ ކިހިނެއް؟
ކޮންމެއަކަސް ކިހަށް ބަހައްޓައި ނިމިގެން ކަތީބުއާއި ޒުވާނާ ގެއަށް ދިޔައެވެ. އެރޭ ފަތިހު ކަޅުތުއްތުދީގެ މަސްދޯންޏާއި ކަނޑުހުޅުދޫ މަސްދޯނި ވިލިގިލިން ފުރައިގެން ހުވަދޫ ކަނޑަށް ނުކުތް ކަމުގެ ޚަބަރު ވޯކީ ޓޯކީގެ ޒަރީޢާއިން އެނގިފައިވެއެވެ. އޭގެ ފަހުން އެ ދެމަސްދޯންޏަށް ވީ ގޮތެއް އަދަށްވެސް ނޭނގެއެވެ. އެ ދެމަސްދޯނީގެ ޚަބަރެއް ނުވިތާގައި އެ ދެމަސްދޯނީގެ އެއްވެސް އާލާތެއްވެސް ލައްގާފައި އޮއްވާވެސް ނުފެނެއެވެ. އެ ދުވަސްވަރަކީ މޫސުން ނުލާހިކު ރީތި ވައި މަޑު، ކަނޑު މަޑު ދުވަސްވަރެކެވެ.
ސިހުރު ހެދި ކަތީބު އާއި މަހާނަ ކޮނުނު ޒުވާނާ ނަން ހާމަ ނުކުރީ އެ ދެމީހުން ވެސް ނިޔާވެފައިވާތީ އެވެ. ޒުވާނާ ނިޔާވުމުގެ ކުރިން މާލެއަށް ކުރި ދަތުރެއްގައި ހުވަދޫ ކަނޑުތެރޭގައި އެބޯޓު ހުއްޓާ ޒުވާނައަށް ވަރަށްބޮޑު ސިހުމެއް އައިކަމަށް ވެއެވެ. މަހާނަ ކޮނުނު ރެއަށް ފަހު ޖެހިގެންއައި ރެއިން ފެށިގެން ޒުވާނާ ނިދަނީ ގަމީސް ލައިގެންކަމަށް ވެއެވެ. އޭގެކުރިން އޭނާ ދުވަހަކުވެސް ނިދާއިރު ގަމީހެއް ނުލައެވެ. އޭނާ ގަމީސް ލައިގެން ނިދުމުގެ ސިއްރަކީ ނިދުމަށްފަހު މޭމަތީގައި އަލިގަނޑެއް ހުންނަކަމުގެ އިޙުސާސެއް ވާތީ ކަމަށް ވެއެވެ.
ރަތަފަންދޫ ވިޔާފަރި ދޯންޏާއި އެދޯނިން ދަތުރު ކުރިމީހުންގެ މަރުގެ މައްސަލަ ހިނގައިގަތީ ކަޅުތުއްތުދީދީ ދޯންޏާއި އެދޯނީން ދަތުރުކުރި އެންމެން ގެއްލިދިޔަތާ ދުވަސް ކޮޅެއް ފަހުންނެވެ. ދިޔަދޫގައި އިހާނެތި ގޮތަކަށް ރަތަފަންދޫ މީހުން މަރައިލި މައްސަލައިގެ ހެކިވެރިން ގެއްލުނު ފަހުން މައްސަލަ ބަލަން ފެށުމުގެ ސަބަބުން ޙަގީގީ ގާތިލުން ސަލާމަތް ވުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ. އެހެން ކަމުން ތުހުމަތު ކުރެވުނު ފަރާތްތައް މާލެ ގެނެސް ދޫނިދޫ ޖަލަށް ލައި އަނދަގޮނޑީގައި ބައިތިއްބައިގެން އެކިގޮތްގޮތުން އަދަބު ދީފައި ވެއެވެ. ނަމަވެސް ތުހުމަތު ކުރެވުނު ފަރާތްތައް އެއްބަސް ނުވެ ހިފަހައްޓާލުމުގެ ސަބަބުން މައްސަލަ ނިމިގެން ދިޔައީ ސާބިތުނުވި މައްސަލައެއްގެ ގޮތުގައެވެ. ވާނީވެސް އެހެންތާއެވެ. މައްސަލައިގެ އެއްވެސް ހެއްކެއް ނެތެވެ. ތުއްތުބޭ މަރުވީއެވެ. ދެންތިބި މީހުން މާލެއަށް ކުރި ދަތުރުގައި ހުވަދޫ ކަނޑާއި ހިސާބުން ދެން ވީ ގޮތެއް ނޭނގެއެވެ. 19 މީހުން ގެއްލުނުއިރު އޭގެތެރޭގައި ހުރިހާ ހެކިވެރީން ވެއްޖެއެވެ. ހުރިހާ ހެކިން ވަނީ މަރުވެ ގޮސްފައެވެ. އެހެން ކަމުން އިސްވެ ދެންނެވުނު މަހާނައިގާ ވަޅުލި ކިހަކާއި ބެހޭގޮތުން ގިނަބަޔަކު ތުހުމަތު ކުރަނީ މާރެހާއިން ވަގުރުކުއެޅި. ބޮއްކުރައިގައި ތިބި މީހުން މަރައިލި މައްސަލަ އޮއްބާލުމަށްޓަކައި ކަޅުތުއްތުދީގެ މަސް ދޯންޏަށާއި އެދޯނީން ދަތުރުކުރި މީހުން ނައްތާލަން ހެދި ސިހުރެއް ކަމުގައެވެ.
ކިހަށް ވަޅުލައިދިން ޒުވާނާވެސް މަރުވީއެވެ. އޭނާ ނިޔާވީ މަދިރިގެއެއް ގޮނޑުދޮށުގައި ދޮވެގެން ގައިން ވެލި ފިލުވުމަށްޓަކައި ކަކޫތާ ފެނަށް އެރި އޮއްވައެވެ. މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވުނު އެންމެނާއި އަދި ހެކިންގެ ގޮތުގައި ތިބި އެންމެނަށް ވެސް ވީ އެއްޗެއް ވެ ދިޔައީ ސިހުރުގައެވެ. މި 19 މީހުން މަރައިލީ ވެސް ރަތަފަންދޫ 7 މީހުން ދިޔަދޫގައި މަރައިލި ހާދިސާ ފޮރުވަން ކަމަށް ވެއެވެ.